އިންޑިޔާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިތަކެއް ދެމުންދިޔަ ނަމަވެސް ރައްޔިތުން ވައިރަސް އަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެދިވަޑައިގެންފި އެވެ.
އިންޑިޔާގައި މިހާރުވެސް އަންނަނީ ދުވާލަކު ވައިރަސްޖެހޭ މީހުންގެ އަދަދުތައް މައްޗަށް އަރަމުންނެވެ. ނަމަވެސް ވައިރަސް ބޮޑަށް ފެތުރެމުންނުދާ ސަރަހައްދުތަކަށް ލުއިތަކެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
މަރޗް މަހުގެ ފަހު ހަފްތާއިން ފެށިގެން މުޅި އިންޑިޔާ ލޮކްޑައުންގައި އޮތްއިރު ޖޫން މަހު ވައިރަސް ބޮޑަށް ފެތުރެމުންނުދާ ސަރަހައްދުތަކަށް ލުއި ތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް ލޮކްޑައުންގެ މުއްދަތު އިތުރުކުރިއިރު ވައިރަސް މިހާރު ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ހިސާބުތަކުގައި ޖޫން މަހުގެ 8 ން ފެށިގެން ވަނީ ރެސްޓޯރެންޓްތަކާއި މޯލްތައް އަދި ދީނީ އަޅުކަން ކުރާ ތަންތަން ހުޅުވާލުމަށް ފުރުސަތު ދީފަ އެވެ.
މާސްކު އެޅުމާއި، އަންގިލުން އަދި އިޖުތިމާޢީ ގައިދުރުކަން ގެންގުޅުން އެއީ އެންމެންވެސް ކުރަންޖެހޭނެ ކަމެއް.ނަރެންދްރަ މޯދީ
އާދިއްތަ ދުވަހު ގައުމުގެ ރައްޔިތުންނާ ރޭޑިއޯ މެދުވެރިކޮށް މުޚާތަބު ކުރައްވަމުން މޯދީ ވިދާޅުވީ ވައިރަސް އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެފިޔަވަޅުތައް ދޫކޮށްލެވެން ނެތް ކަމަށް މޯދީ ވަނީ ވިދާޅުވެފަ އެވެ.
އިންޑިޔާގައި މިހާރުވެސް ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 182،000 ށް ވުރެ މައްޗަށް އަރާފަ އެވެ. ވައިރަސް ޖެހިގެން 5164 މީހުން ވަނީ މަރުވެފަ އެވެ.
1.3 ބިލިއަން މީހުންގެ އާބާދީ ލޮކްޑައުން ކުރުމަށް ނިންމިފަހުން ފާއިތުވި 48 ގަޑިއިރު ތެރޭގައި ވައިރަސް ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދުތައް ވަނީ ރިކޯޑް މިންވަރަކަށް މައްޗަށް އަރާފަ އެވެ. އެހެންކަމުން ވައިރަސް އާ މެދު ވަރަށް ބޮޑަށް ސީރިއަސްވެ އެކަމަށް ވަރަށް ބޮޑަށް ރައްކާތެރިވާން ޖެހޭނެ ކަމަށް މޯދީ ވަނީ ވިދާޅުވެފަ އެވެ.
މުޅި ގައުމު ލޮކްޑައުން ކުރުމާއެކު މޯދީ އަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުން ތައްވެސް އަމާޒުވެފަ އެވެ. ވަކިން ޚާއްސަކޮށް ދުރާލާ ޕްލޭންތަކެއް އެކުލަވާނުލާ ލޮކްޑައުން ކުރުމުން އެގައުމުގެ ފަގީރުންނަށް ގޮތް ހުސްވެގެން ދިޔަކަން ވަނީ ފާހަގަކޮށްފަ އެވެ. ލޮކްޑައުންއާ ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް މޯދީ ވަނީ މަޢާފަށް އެދިވަޑައިގެންފަ އެވެ. އަދި އެއީ ވައިރަސް އިން ރައްޔިތުން ރައްކާތެރިކުރުމަށް ކޮންމެހެން އަޅަންޖެހުނު ފިޔަވަޅުތަކެއް ކަމަށް މޯދީ ވިދާޅުވި އެވެ.
ސްޓޭޓް ސަރުކާރުތަކުން ކުރިޔަށް އޮތްތަނުގައި އެސްޓޭޓެއްގައި ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ތަންތަން ބެލުމަށްފަހު ޕަބްލިކް ޓްރާންސްޕޯޓް އަދި ވިޔަފާރިތައް ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ. އެއާއެކުވެސް މޯދީ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެއީ ސްޓޭޓްތަކަށް ވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގެ ޒިންމާ ދޫކޮށްލީ ކަމަށް ބުނެ އެވެ.
އެހެންނަމަވެސް މި ނިންމުމަކީ މެއި މަސް ތެރޭގައި ވައިރަސް ފެތުރޭ މިންވަރު މަދުވާން ފެށުމާއެކު މައި ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށް ސަރުކާރުން ބުނެ އެވެ.