އިސްލާމިކް ސްޓޭޓްގެ އިރާޤު ގޮފީގެ ލީޑަރު މަރާލާފައިވާ ކަމަށް އިރާޤުގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ހާމަކޮށްފި އެވެ.
ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިރާޤުގެ އައިއެސް ލީޑަރު މުއުތާޒު އަލް-ޖުބޫރީ ނުވަތަ ޢާންމު ނަމުންނަމަ ހާޖީ ތައިސީރު މަރާލާފައިވަނީ ސޫރިޔާގެ ދީރައްޒޫރު އަވަށުގައި ގުޅިފައިވާ ލަޝްކަރުން ދިން އަސްކަރީ ވައިގެ ޙަމަލާއެއްގަ އެވެ.
އިރުމަތީ ސޫރިޔާގައި ޙާޖީ ތައިސީރު ޙަރަކާތްތެރިވަމުންދާކަމުގެ ޖާސޫސީ ފުރިހަމަ މަޢުލޫމާތު ގުޅިފައިވާ ލަޝްކަރަށް ދިނީ އިރާޤުގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުންކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ހާޖީ ތައިސީރު މަރާލިކަން ހާމަކުރުމުގެގޮތުން އިރާޤުގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ނެރިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އޭނާ 'ޓްރެކް' ކޮށްފައިވަނީ އިރާޤަށް ވަދެ ނިކުމެ އުޅުމުގެ ތެރޭގައި ކަމަށެވެ. އެ ބަޔާނުގައި ވާ ގޮތުން އޭނާ އެއް ޕާސްޕޯޓާއި، އެއް އައިޑީ ކާޑަށް ވުރެ ގިނައިން ގެންގުޅެ އެވެ. އަދި ދަތުރު ކުރާއިރު އެއްވެސް ވަރަކަށް ފޯނު ނުވަތަ މުވާޞަލާތީ އާލާތެއް ބޭނުން ނުކުރެ އެވެ.
މެއި މަހުގެ 20 ވަނަ ދުވަހު އިރާޤުގެ ޖަސޫސީ މައި އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް-ބަޣްދާދީގެ މަރުވުމުން އޭނާގެ ބަދަލުގައި އައިއެސްއާއި ހަވާލުވާން އައިއެސްގެ ބޮޑުން އިއްތިފާޤުވި އަބްދުލް ނަސީރު ޤަރްދާޝް އިރާޤުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައި ވާކަމަށެވެ.
ޤަރްދާޝްއަކީ އައިއެސްގެ ވަރަށް މުހިންމު ފަހުލަވާނެކެވެ. އެހެންނަމަވެސް މިހާރު އައިއެސްގެ ލީޑަރަކަށް ހަމަޖައްސާފައިވަނީ އަބްދުއް ރަޙްމާން އަލް-މައުލާ އެެވެ.
އިރާޤު ސަލާމަތީ ބާރުތަކުން ވަނީ އައިސެސްއާއި ދެކޮޅަށް މިިދިޔަ ހަފުތާގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފަ އެވެ. މިފަހަރުގެ އޮޕަރޭޝަނަކީ އައިއެސްގެ ވަސް އިރާޤު ފަސްގަނޑުން ފޮހެލަން ހިންގާ ވަރުގަދަ އޮޕަރޭޝަނެއް ކަމަށް އިރާޤުގެ ދިފާޢީ ވުޒާރާއިން ބުނެފައި ވެއެވެ.