ކ. މާލެ
|
26 މެއި 2020 | އަންގާރަ 16:36
ވުހާންގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން
ވުހާންގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން
ސީ.އެން.އެން
ކޮވިޑް-19:ވުހާން މީހުން ޓެސްޓް ކުރުން
ވުހާން އިން 9 ދުވަސްތެރޭ 6.5 މިލިއަން މީހުން ކޮވިޑް-19ށް ޓެސްޓް ކޮށްފި
ވޫހާންގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ޕްރޮގްރާމް ފެށީ މެއި މަހުގެ 14 ވަނަ ދުވަހު
މެއި މަހުގެ 15 ން 23 ށް ނުވަ މިނިއަލަށްވުރެ ގިނަ މީހުންގެ ސާމްޕަލް ނަގާފައިވޭ
މިޓެސްޓް ތަކުން އަލާމާތްތައް ނުފެނި ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ 198 މީހަކު ވަނީ ފެނިފައި

ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާން ސިޓީގެ މުޅި އާބާދީ ވައިރަސް އަށް ޓެސްޓް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 6.5 މިލިއަން ޓެސްޓް 9 ދުވަސްތެރޭ ކުރިޔަށް ގެންގޮސްފައިވާ ކަމަށް ޗައިނާގެ ސްޓޭޓް މީޑިއާއިން ބުނެފި އެވެ.

ވޫހާންގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ޕްރޮގްރާމް ފެށީ މެއި މަހުގެ 14 ވަނަ ދުވަހު އެވެ. އެއީ އެ ސިޓީގެ ލޮކްޑައުން އުވާލިތާ މަސްދުވަސް ފަހުން ވައިރަސް ހަށިގަނޑުގައި ހުރި ކަމުގެ އަލާމާތެއް ނުފެނި ބަޔަކު ޕޮޒިޓިވްވެ މުޅިން އައު ކްލަސްޓަރ އެއް ފެނުމާއެކު އެވެ.

މެއި މަހުގެ 15ން 23ށް ނުވަ މިލިއަނަށްވުރެ ގިނަ މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށް ޗައިނާގެ ސްޓޭޓް މީޑިއާ ސީސީޓީވީން ބުނެފައިވެ އެވެ. މިއީ 11 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ވުހާންގެ 80 އިންސައްތަ އެވެ.

މިހާތަނަށް އައިއިރު މިޓެސްޓު ތަކުން އަލާމާތްތައް ނުފެނި ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ 198 މީހަކު ވަނީ ފެނިފަ އެވެ. ވުހާންގެ މުޅި އާބާދީ ޓެސްޓް ކުރުމަށް އަމާޒު ހިފާފައި ވަނީ 10 ދުވަހުގެ ތެރޭގަ އެވެ. ދުވާލެއްގެ ތެރޭގައި ވުހާންގައި މިލިއަނަކަށް ވުރެ ގިނަ މީހުންގެ ޓެސްޓުތައް އަންނަނީ ކުރަމުންނެވެ.

ވުހާންގައި ސާމްޕަލް ނެގުމަށްޓަކައި ސާމްޕަލިންގ ބޫތުތައް ގާއިމު ކޮށްފައި ވާއިރު މިއިން ކޮންމެ ތަނެއްގައި މީހުން ކިޔު ހަދާފައި ވަނީ މާސްކު އަޅައިގެން ތިބެ އެވެ. ސާމްޕަލް ނެގުމަށް ބޫތުތަކަށް ނުދެވޭ ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ސާމްޕަލްތައް ނެގުމަށް ސިއްހީ އޮފިޝަލުން އެގެތަކަށް ގޮސް ސާމްޕަލް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ވުހާންގައި ގިނަ އަދަދެއްގެ ބަޔަކު އަވަހަށް ޓެސްޓް ކުރުމަށް ބޭނުން ކުރަމުން ދަނީ ޕޫލް ޓެސްޓިންގ ނިޒާމެވެ. މި ނިޒާމުގެ ދަށުން ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ނެގުމަށްފަހު އެއް ޓިޔުބަކަށް ލައިގެން ޓެސްޓް ކުރެ އެވެ. މީގެން އެއް ޓެސްޓް ޕޮޒިޓިވްވެއްޖެ ނަމަ އެ ޓިޔުބަށް ލީ ހުރިހާ ސާމްޕަލްތަކެއް ވަކިވަކިން ޓެސްޓްކޮށް އެއީ ކާކުތޯ ދެނެގަތުމުގެ މަސައްކަތްކުރެ އެވެ. އެހެންނަަމަވެސް މިގޮތަށް ކުރިޔަށް ގެންގޮސްފައި ވަނީ ކިހާ އަދަދެއްގެ ޓެސްޓެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މިގޮތަށް ޓެސްޓް ކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ހުށަހެޅީ އޭޕްރީލް މަހު ޖަރުމަނުގެ ސައިންސްވެރިން ތަކެކެވެ. އެއީ އަލާމާތްތައް ނުފެންނަ ގިނަ އަދަދެއްގެ ބައެއްގެ ޓެސްޓްތައް ވީ އެންމެ އަވަހަކަށް ހެދުމަށް އެމީހުން ހޯދި ހޯދުމެކެވެ.

- ކޮމެންޓް