އިނގިރޭސިވިލާތުގައި އަންނަ މަހުން ފެށިގެން ފިހާރަތައް ހުޅުވާލާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.
އެގޮތުން މަގުތައް މަތީގައި ހުރި އެތައް ހާސް ފިހާރައަކާއި ޑިޕާޓްމަންޓްތަކުގައި ހުރި ސްޓޯރ ތަކާއި ޝޮޕިންގ ސެންޓަރުތައް އަންނަ މަހުން ފެށިގެން ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ބޮރިސް ވިދާޅުވި އެވެ. އިނގިރޭސިވިލާތުގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ތަކެއް ދެމުންދާއިރު ޖޫން 1 ން ފެށިގެން ކާރު ޝޯވރޫމްތަކާއި މަރކެޓްތައް ވެސް ހުޅުވާލެވިދާނެ ކަމަށް ބޮރިސް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ހަދާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަންކަން ކުރެވޭ ކަމަށް ވާނަމަކަމަށް ބޮރިސް ވިދާޅުވި އެވެ. މީގެއިތުރުން ސަރުކާރުން ގަބޫލުކުރާ މިންވަރަށް އެ މިންގަނޑުތަކަށް ތަބާވާނަމަ ޒަރޫރީ ތަކެތި ނޫން ރީޓެއިލް ވިޔަފާރިތައް ކުރާ ތަންތަން ހުޅުވާލުމުގެ ފުރުސަތު ޖޫން މަހުގެ 15 ން ފެށިގެން ދޭނެކަމަށް ބޮރިސް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމު ލޮކްޑައުން ކުރީއްސުރެ އިގްތިޞާދީ ގޮތުން ވަނީ ބޮޑެތި ގޮންޖެހުންތައް އެގައުމަށް ކުރިމަތިވެފަ އެވެ. އެއާއެކު އެގައުމުގައި އިގްތިޞާދީ ހަރަކާތްތައް އަލުން ފެއްޓުމަށް ބޮރިސް ގެންދަވަނީ ބާރު އަޅުއްވަމުންނެވެ. އެހެންނަމަވެސް ވައިރަސްގެ ދެ ވަނަ ވޭވެއް އަތުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
މިއަދު ރީޓެއިލް ސެކްޓަރ އަށް ބޯޓިސް ދޭން ބޭނުން އެތަންތަން ހުޅުވާލަން އަހަރުމެން ބޭނުންވާ ކަމަށް. އެހެންވީމާ އެމީހުންނަށް އެމީހުންގެ ވިޔަފާރިތައް ހުޅުވާލުމަށް ތައްޔާރުވުމަށް ވަގުތު ލިބިގެންދާނެ. ގައުމު އަލުން އާރާސްތުކުރުމަށް ވަރަށް ވިސްނައިގެން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް އެބަހުރި.ބޮޑުވަޒީރު ބޮރިސް ޖޯންސަން
ޖޫން 15ން ފެށިގެން ހުޅުވާލުމަށް ސަރުކާރުން ނިންމާފައި ވަނީ އަންނައުނު ވިއްކާ ފިހާރަތާކައި، ބޫޓް ވިއްކާ ފިހާރަތަކާއި، ކުޅޭ އެއްޗިއްސާއި ފަރުނީޗަރ ވިއްކާ ފިހާރަތަކާއި ފޮތް އަދި އިލެކްޓްރޯނިކްސް އެއްޗިސް ވިއްކާ ފިހާރަތަކެވެ. މީގެއިތުރުން ފަހާ ތަންތަނާއި ބީލަމަށް ލާ ގެތަކާއި ފޮޓޯގްރަފީ ސްޓޫޑިއޯ ތަކާއި އިންޑޯރ މަރކެޓްތައްވެސް ތިން ހަފުތާގެ މުއްދަތެއް ތައްޔާރުވުމަށް ދިނުމަށް ފަހު ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ.
އެހެންނަމަވެސް އެ ތާރީޚުގައި އެތަންތަން ހުޅުވާލެވޭނީ އެތަންތަން ހުޅުވާލައިގެން ދިމާވާނެ ކަންކަމުގެ މައްޗަށް ރިސްކު އެސެސްމެންޓް ހެދުމުގެ އިތުރުން ޓްރޭޑް ޔޫނިއަންގެ ފަރާތުން ނުވަތަ މަސައްކަތްތެރިންގެ ފަރާތުން މިކަން ކުރެވޭނެކަމުގެ ޔަގީންކަން ދޭ ތަންތަނުން ކަމަށް ބޮރިސް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ އެތައް ހާސް ވިޔަފާރިތަކެއް ހުޅުވާލުމަކީ އެގައުމުގެ އިގްތިޞާދު އަލުން ހުޅުވާލުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު ކަމަކަށްވާއިރު މިކަމުގެ ސަބަބުން ވަޒީފާތައް ގެއްލިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ އެތައް މިލިއަން ބަޔަކަށްވެސް ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް އެގައުމުގެ ބިޒްނަސް މިނިސްޓަރ އަލޯކް ޝަރްމާ ނެރުއްވި ބަޔާނެއްގައި ވަނީ ވިދާޅުވެފަ އެވެ.