ކޮވިޑް-19 އައުޓްބްރޭކްއާއި ގުޅިގެން ދެކުނު އެފްރިކާގައި ހުންނަ ދުނިޔޭގެ އެންމެ ފުން ރަން ނަގާ މައިން ބަންދުކޮށްފިއެވެ.
ސައުތު އެފްރިކާގެ ގުއަޓެންގް ޕްރޮވިންސް މަރޗް މަހު ލޮކްޑައުންއަށް ދިއުމާއި ގުޅިގެން މައިންގެ އޮޕަރޭޝަންތައް މެދުކަނޑާލުމަށް ފަހު އަލުން މަސައްކަތް ފެށީ އޭޕްރިލް މަހުގައެވެ.
50% ކެޕޭސިޓީއާއި އެކު އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް، މައިންގައި މަސައްކަތްކުރާ މުވައްޒަފުން، އެފަރާތްތަކުގެ ރައްކާތެރިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެތަނުގައި މަސައްކަތް ކުރާ 165 މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އޮޕަރޭޝަންތައް މިހާރު ވަނީ މެދުކަނޑާލާފައެވެ. އަދި މައިންގައި މަސައްކަތް ކުރާ މީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަކަމަށް ބައިނަލްއަގްވާމީ ރިޕޯޓުތަކުން ބުނެއެވެ.
މައިންގެ އިސްވެރިންނާއި ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން، އެމީހުން ވަނީ މިހާރު އައިސޮލޭޝަންގައެވެ. މިދިޔަ ހަފްތާގައި މައިންގައި މަސައްކަތް ކުރާ ބަޔަކު ޕޮޒިޓިވްވެފައިވާއިރު މައިންގެ 650 މުވައްޒަފުން ޓެސްޓުކޮށްފައިވާ ކަމަށް ވެއެވެ.