މ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލަރޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ ރޭ 11:30 ން ފެށިގެން ފަތިހު 4:30 އާ ހަމައަށް އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެޓް އޮފީހުން ވަނީ ހުކުރު ދުވަހުގެ ރޭ މެންދަމު 2 ޖެހުމާ ހަމައަށް ހއ އަތޮޅުން ފެށިގެން ފ އަތޮޅާ ހަމައަށް ޔެލޯ އެލަރޓް ނެރެފަ އެވެ. މެޓް އޮފީހުން ބުނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި އާއްމުކޮށް 28 މޭލާއި 35 މޭލަށް ވައި ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ވައި ގަދަވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
އަދި ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަ ވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްވެސް މެޓް އޮފީހުން ބުނެއެވެ.
ބޯކޮށް ވާރޭވެހި ވައި ގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖެއަށް މިހާރު މޫސުން ގޯސްވެގެން އުޅެނީ ބޭ އޮފް ބެންގޯލް ގައި އުފެދިގެން އުޅޭ ކޮޅިގަނޑެއް ބާރުގަދަވެ ތޫފާނަކަށް ބަދަލުވަމުންދާތީ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެން ނަމަވެސް ތޫފާނުގެ ގެއްލުން ރާއްޖެއަށް ކުރާނެވަރު ކުޑަވާނެ ކަމަށްވެސް ނެޝަނަލް މީޓިއަރޮލޮޖިކަލް ސެންޓަރު (މެޓް) އިން ވަނީ ބުނެފަ އެވެ. ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ މި ކޮޅިގަނޑު، ހޮނިހިރު ދުވަހު ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކޮށްފައި ވާއިރު، ތޫފާނުގެ ގެއްލުން ރާއްޖެއަށް ކުޑަވާނެ ކަމަށެވެ. ރާއްޖެއަށް ތޫފާންގެ އަސަރުކުޑަވާނީ ތޫފާން ދަތުރު ކުރަނީ ބަންގްލަދޭޝްއާ ދިމާލަށް ކަމަށް ވާތީ ކަމަށް ހާފިޒު ވަނީ ވިދާޅުވެފަ އެވެ.