ސްރީލަންކާގައި ކޮވިޑް-19 ޖެހުނު ކަނޑުގެ އަސްކަރިއްޔާގެ އޮފިސަރުންގެ ތެރެއިން 52 އޮފިސަރަކު ބަލިން ފަސޭހަވެއްޖެ އެވެ.
ބަލިން ފަސޭހަވި ސިފައިން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. ލަންކާގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވިދާޅުވީ، ބަލި ޖެހިފައިވާ ސިފައިންގެ އިތުރު ހަ މީހަކު ފެނިފައިވާ ކަމަށެވެ.
ލަންކާގެ ކަނޑުގެ އަސްކަރިއްޔާގައި މަސައްކަތްކުރާ 428 ސިފައިންނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ސްޓާފް ޝަވެންދްރަ ސިލްވާ ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރެއިން މިހާރު ފަރުވާދެމުންދަނީ 387 ސިފައިންނަށެވެ.
ލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ އޮފިސަރުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އަސްކަރިއްޔާއިން ދަނީ އަސްކަރިއްޔާގެ އެހެނިހެން ގުނަވަންތަކުގެ އޮފިސަރުން ވައިރަސްއިން ރައްކާތެރިކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އަދި ވައިރަސް ޖެހޭ މީހުން ކަރަންޓީންކޮށް ނުވަތަ އައިސޮލޭޓް ކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަންކުރާނެ އިންތިޒާމު ހަމަޖައްސާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ލަންކާގައި މިހާތަނަށް 879 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މި ބަލީގައި ނުވަ މީހަކު ވަނީ މަރުވެފަ އެވެ. ބަލި ޖެހިގެން 399 މީހަކު ވަނީ މިހާތަނަށް ރަނގަޅުވެފަ އެވެ. އެންމެ ގިނަ ކޭސްތައް ރިޕޯޓް ކުރެވިފައިވަނީ ވެރިރަށް ކޮލަމްބޯ ޑިސްޓްރިކްޓުންނެވެ.