ކޮވިޑް-19ގެ ނުރަކައްލާ ހުރެ ތުރުކީވިލާތުގެ މައި ސިޓީތައް ފުރަބަންދު ކުރަން ނިންމައިފި އެވެ.
ހޯމަ ދުވަހު ބޭއްވި ވަޒީރުންގެ ބައްދަލުވުމަށް ފަހު ޤައުމާއި މުޚާޠަބު ކުރައްވާ ޓީވީގެ ޒަރީއާއިން އެޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އޮރްދޮޣާން ދެއްވި ޚިޠާބުގައި ވިދާޅުވީ މި ހިނގާ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ވެރިރަށް އިސްތަންބޫލުގެ އިތުރުން އެހެން މައި ތިން ސިޓީއެއް ފުރަބަންދު ކުރަން ސަރުކާރުން ނިންމާފައިވާކަމަށެވެ. މި ގޮތައް ނިންމެވީ ކޮވިޑް-19ގެ ނުރައްކަލުން ސަލާމަތް ވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
ތުރުކީ ވިލާތުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޤައުމުގެ 13 ސިޓިީއެއް ގައި ވަނީ ކާފިއުގެ އަމުރު އިޢުލާނު ކޮށްފައެވެ. މީގެތެރޭގައި ވެރިރަށް އިސްތަންބޫލުގެ އިތުރުން އަންކާރާވެސް ހިމެނެއެވެ. އެހެންނަމަވެސް ބަރަކާތްތެރި ރަމަޟާން މަހު ޢާންމުންގެ ޒާތީ ދިރިއުޅުމަށް ލުއި ކޮށްދިނުމުގެ ގޮތުން ބައެއް ކަންކަން ލުކޮށްދީފައި ވެއެވެ. އަދި މިހާރު ނިންމާފައިވަނީ ހަފުތާއަކު އެއް ދުވަހު އުމުރުން ދުވަސްވީ މީހުންނާއި، ވިހި އަހަރުން ދަށުގެ ކުދިން ހަތަރު ގަޑި އިރަށް ބޭރަށް ނިކުތުމަށް ފުރުޞަތު ދިނުމަށެވެ.
މެއި މަހުގެ 19 ވަނަ ދުވަހަކީ ތުރުކީ ވިލާތުގައި ރަސްމީ ޢާންމު ބަންދު ދުވަހަކެވެ. އެހެންކަމުން މެއި މަހުގެ 16،17،18،19 މި ހަތަރު ދުވަހު މައި ސިޓީ ތައް ފުރަބަންދު ކުރަން ނިންމީ މީހުން ބޭރަށް ނިކުމެ އުޅެން ފުރުޞަތު ދީފިނަމަ އިތުރު ނުރައްކަލަކަށް ޢާންމު ރައްޔިތުން ހުށަހެޅިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
ތުރުކީ ވިލާތުގައި 14،000 (އެއް ލައްކަ ސާޅީސް ހާސް) މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެ، 3،841 (ތިންހާސް އަށް ސަތޭކަ ސާޅީސް އެކެއް) މީހުން ވަނީ މަރުވެފައެވެ.