ކޮވިޑް -19ގެ ޙާލަތާއެކު، އިންޑިއާ ފުރަބަންދުކުރުމާއި ގުޅިގެން 122 މިލިއަން މީހުންގެ ވަޒީފާ ގެއްލިއްޖެއެވެ.
އިންޑިއާގެ މިނިވަން ދިރާސާ ކުރާ އިދާރާއެއް ކަމަށްވާ "ސެންޓަރ ފޮރ މޮނިޓަރިންގ ދަ އިންޑިއަން އިކޮނޮމީ" (ސީއެމްއައިީ) އިން ބުނީ އެއިދާރާގެ ހޯދުންތަކުން ދައްކަގޮތުގައި ހަމައެކަނި އެޕްރީލް މަހު އެޤައުމުގެ 122 މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވާކަމަށެވެ. މިއާއެކު އިންޑިއާގައި ވަޒީފާނެތި އުޅޭ މީހުންގެ ނިޞްބަތް %27ށް އަރާއިރު، މިއީ އެެމެރިކާއަށްވުރެ 4 ގުނަ އިތުރު ޢަދަދެއްކަމަށް އެއިދަރާއިން ބުނެއެވެ.
އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު އެއްލައްކައާއި ގާތްވެފައިވާއިރު، މިދިޔަ މަރޗްމަހުގެ 25 ވަނަ ދުވަހުން ފެށިގެން އެޤައުމު ވަނީ ފުރަބަންދުކޮށްފައެެވެ. މީގެ ސަބަބުން ކުންފުނިތަކާއި، ވިޔަފާރިތަކާއި ބައެއް ސިނާޢަތްތަކުން ވަނީ ޚަރަދުކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން މުވައްޒަފުން ވަޒީފާއިން ވަކު ކުރަމުންނެވެ.
"ސެންޓަރ ފޮރ މޮނިޓަރިންގ ދަ އިންޑިއަން އިކޮނޮމީ" އެއްކުރި ޑޭޓާތަކުގެ މައްޗަށް ބިނާކޮށް އެއިދާރާއިން ބުނެފައިވަނީ އެޕްރީލްމަހު ވަޒީފާނެތް މީހުންގެ ނިޞްބަތް %23.5ށް އަރާކަމަށާއި، މިއީ އޭގެ ކުރީ މަރޗްމަހާއި އަޅާ ކިޔާއިރު، %8.7 މަތީ ޢަދަދެއް ކަމަށެވެ. މިހެންވާންޖެހުނީ ހޮސްޕިޓަލްތަކާއި، ފަަރމަސީތަކާއި، ކާބޯތަކެތި ސަޕްލައި ކުރާ ތަންތަން ފިޔަވައި އެހެން ހުރިހައި އިޤުތިޞާދީ ޙަރަކާތެއް ފުރަބަންދާއި ގުޅިގެން ހުއްޓުމަކަށް އައުމުންކަމަށް އެއިދާރާއިން ބުނެއެވެ. މީގެތެރޭގައި މީޑިއާ، އޭވިއޭޝަން ކުންފުނިތައް، އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމެނެއެވެ.
ވަޒީފާ ގެއްލުނު 122 މިލިއަން މީހުންގެ ތެރެއިން 91.3 މިލިއަން މީހުންނަކީ ކުދި ވިޔަފާރިތައް ހިންގާ މީހުންނާއި، އާދައިގެ މަސައްކަތްތެރިންނެެވެ. 17.8 މިލިއަން މީހުންނަކީ ކުދި މުސާރަވެރިންނެވެ. އަދި މިލިއަން މީހުންނަކީ އަމިއްލަ މަސައްކަތުން ޢާމްދަނީ ހޯދަމުންދިޔަ މީހުން ކަމަށް "ސެންޓަރ ފޮރ މޮނިޓަރިންގ ދަ އިންޑިއަން އިކޮނޮމީ" ގެ ޑޭޓާއިން ދައްކައެވެ.
ފުރަބަންދުގެ ސަބަބުން އެންމެ ނޭދެވޭ އަސަރުކޮށްފައިވަނީ އިންޑިއާގެ އިޤުތިޞާދުގެ އެންމެ ބޮޑު ހިއްސާއެއްކުރާ ދަނޑުވެރިކަމުގެ ސިނާޢަތުންނެވެ. މީގެ ސަބަބުން އެސިނާޢަތުގައި އެކި ފަންތީގެ ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ މީހުންނާއި، ދުވަހު ޢާމްދަނީއަށް މަސައްކަތްކުރާ ގިނަބައެއްގެ ވަޒީފާވަނީ ގެއްލިފައެެވެ. ސީއެމްއައިީން ބުނެފައިވަނީ ފުރަބަންދު ދިގުދަންމައިފިނަމަ ފޫނުބެއްދޭ ވަރުގެ އިޤުތިޞާދީ އަޑިގަނޑަކާއި އިންޑިއާއިން ކުރިމަތިލާން ޖެހިދާނެކަމަށެވެ.
ސީއެމްއައިީން މިހެން ބުނެފައިވާއިރު، އިންޑިއާ ސަރުކާރުން މިހާރު ދަނީ ކޮވިޑް-19 ގެ ނުރައްކާ ކުޑަ ނުވަތަ މަދުން ވައިރަސް ރިޕޯޓުކުރެވި ޢާންމު ޙާލަތަކައް ރުޖޫޢަވެފައިވާ ބައެއް ޞަރަޙައްދުތަކުގައި އިޢުލާނުކޮށްފައިވާ ކާފިއުގެ ޢަމުރު ލުއިކުރަމުންނެވެ. އެހެންނަމަވެސް ނުރައްކާ ބޮޑު ޞަރަޙައްދުތަކާއި ސިޓީތަކުގައި އަދިވެސް ތަންފީޒުކުރަމުންދަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެވެ. މީގެ ސަބަބުންނާއި ދަތުރުފަތުރު ބަންދުވުމުގެ ސަބަބުން، ވަޒީފާ ނުގެއްލި މިހާރު ތިބި މީހުން ތިބީ ވަޒީފާ ގެއްލިދާނެކަމުގެ ބިރު ހީވެފައެެވެ.
އިންޑިއާގެ އިޤުތިޞާދު ދިރާސާކުރާ މާހިރުންނާއި، މުފައްކިރުންވެސް ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައެެވެ. ލޮކްޑައުންގެ ސަބަބުން އިންޑިއާގެ ވަޒީފާނެތް މީހުންގެ ނިޞްބަތް %8.7 އިން ސައްތަ އިތުރުވެފައިވާއިރު، މިިއީ ފާއިތުވެ ދިޔަ 43 މަހުގެ ތެރޭގައި ވަޒީފާނެތް މީހުންގެ ރޭޓު މިހާ މައްޗަށް އެރި ފުރަތަމަަ ފަހަރެވެ.