އިރުމަތީ އެފްރިކާގެ ޤައުމެއް ކަމަށްވާ ޓެންޒޭނިއާގައި ކޮވިޑް-19އަށް ޓެސްޓް ކުރަން ބޭނުން ކުރާ ކިޓުން ބަކަރިއާއި ފަޅޯ ވެސް ކޮވިޑަށް ޕޮޒިޓިވްވާކަމަށް އެޤައުމުން ބުނެފިއެވެ.
މި ކިޓްތަކުގައި މައްސަލައެއް އުޅޭކަމަށް ބުނެ އެ ބޭނުން ކުރުން ވަނީ ހުއްޓާލާފައެވެ. މި މައްސަލައާއި ގުޅިގެން އެޤައުމުގެ ރައީސް ޖޯން މުގުފުލީ ވިދާޅުވީ ޓެސްޓް ކިޓްތަކުގައި މައްސަލައެއް އުޅޭކަމަށް ބެލެވިގެން ބަކަރިއަކާއި ފަޅޮލަކުން ނެގި ސާމްޕަލް ވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ކޮވިޑް-19 އެޤައުމުގައި ފެތުރެމުން އަންނަކަން މުގުފުލީގެ ސަރުކާރުން ސިއްރުކުރަން މަސައްކަތް ކުރާކަމުގެ ތުހުމަތުތަކެއް މީގެ ކުރިން ވެސް ވަނީ ކޮށްފައެވެ. އަދި އޭނާ ވަނީ ޓެސްޓް ކިޓްތަކުގައި މައްސަލަތަކެއް އުޅޭކަމަށް ވިދާޅުވެ، ކޮވިޑް-19އިން ދުރުވުމަށް އެދި ދުޢާކުރުމަށް އެދިވަޑައިގެންފައެވެ.
މި ކިޓްތައް އެތެރެކޮށްފައިވަނީ ބޭރުންކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ އިތުރު ތަފުޞީލެއް އޭނާ ހާމައެއް ނުކުރައްވައެވެ. އަދި ޓެސްޓް ކިޓްތަކުގެ ކޮލިޓީ ޓެސްޓް ކުރުމަށް ޓެންޒޭނިއާގެ ސަލާމަތީ ބާރުތަކަށް މުގުފުލީ ވަނީ ޢަމުރުކުރައްވާފައެވެ.
އިންސާނުންގެ ގައިން ނެގި ސާމްޕަލްތައް ފިޔަވައި ބަކަރިއަކާއި، ކަންބަޅިއަކައި، ފަޅޮލެއްގެ ސާމްޕަލް މި ޓެސްޓް ކިޓުން ޓެސްޓް ކޮށްފައިވެއެވެ. އަދި އެ ސާމަޕްލަތަކުގައި އިންސާނުންގެ ނަމާއި އުމުރު ޖެހުމަށްފަހު ލޭބަލްކޮށް ޓެންޒޭނިއާގެ ލެބޯޓަރީއަށް ޓެސްޓް ކުރުމަށް ޙަވާލު ކުރެވުނެވެ. އަދި ލެބޯރެޓަރީގައި މަސައްކަތް ކުރާ ޓެކްނީޝަނުންނަށް ސާމްޕަލް ނަގާފައިވަނީ ކޮން އެއްޗަކުން ކަމެއް އަންގާފައެއް ނުވެއެވެ. އަދި ނަތީޖާ ލިބުނު އިރު ބަކަރި އަދި ފަޅޮލުން ނެގި ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ.
މިއާއެކު ކުރިން ކުރި ޓެސްޓްތަކުގެ ނަތީޖާތަކުން ޕޮޒިޓިވްވި މީހުންނަކީ ކޮވިޑަށް ޕޮޒިޓިވް ނުވާ ބައެއް ކަމަށް ވެދާނެކަމަށް މުގުފުލީ ވަނީ ވިދާޅުވެފައެވެ.
"މިކަމުގައި ކޮންމެވެސް ގޯހެއް އެބައުޅޭ. މީގެ ކުރިން ވެސް އަޅުގަނޑު ވާނީ މިގޮތަށް ލިބޭ އެހީ އަކީ ޤައުމަށް ފައިދާ ހުރި އެއްޗެއް ނޫންކަން,"މުގުފުލީ ވިދާޅުވިއެވެ.
މުގުފުލީ ވަނީ ޓެސްޓް ކިޓުގެ މައްސަލަ ތަހުޤިޤު ކުރުމަށް އަންގަވާފައެވެ. މިހާތަނަށް ޓެންޒޭނިއާއިން 480 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، 16 މީހަކު މިހާތަނަށް ވަނީ ބަލީގައި މަރުވެފައެވެ.