ލުބްނާނާއި އިސްރާއީލު ގުޅޭ ޞަރަޙައްދީން ކައިރީގައި ދާދިފަހުން ހިނގައިދިޔަ ހަމަނުޖެހުންތައް ކުށްވެރިކޮށް އދ އިން އެކަމާއި ކަންބޮޑުވާކަން ފާޅުކޮށްފިއެވެ.
މިކަން ހާމަކޮށް އދ ގެ ސަލާމަތީ މަޖިލީހުން ޢާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ދެޤައުމު ގުޅޭ ޞަރަޙައްދީ އިމުގައި ހިނގަމުންދާ ކަންކަން ލުބްނާނުގައި ޙަރަކާތްތެރިވަމުންދާ އދ ގެ ފައުޖުތަކުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. ވަކިން ޚާއްޞަކޮށް ދެޤައުުމު ގުޅޭ ޞަރަައްދީ އިމުގައި އދ އިން ކަނޑައަޅާފައިވާ "ބްލޫ ލައިން" ގައި ދާދިފަހުން ހިނގައިދިޔަ ހަމަނުޖެހުމަކީ އދ ގެ ސަލާމަތީ މަޖިލީހުގެ 1701 ވަނަ ޤަރާރާއި ޚިލާފަށް އެއްގަމާއި ވައިގެ މަގުން ބަދަލުކުރި ޙަމަލާތަކެއް ކަމަށެވެ. އަދި ޤާރާރާ ޚިލާފުވެ ބަދަލުކުރި މިޙަމަލާތައް ކުށްވެރިކުރާކަމަށެވެ.
"ބްލޫ ލައިން" އަކީ 2000 ވަނަ އަހަރުގެ އޯގަސްޓްމަހު އިސްރާއީލާއި ލުބްނާނުގެ ޙިޒްބުﷲ ޖަމާޢަތާއި ދެމެދު އެއްބަސްވެ އދ މެދުވެރިވެ ދެޤައުމުގެ ގުޅޭ ޞަރަޙައްދީ އިން ވަކިކުރަން ޤާއިމުކޮށްފައިވާ ހުރަހެކެވެ. އެއަށްފަހު އދ ގެ ޞުލްޙަ ބަލަހައްޓާ ފައުޖުންތަކުން ދަނީ މި ޞަރަޙަދުގައި ފޯރިމަރަމުންނެވެ.
ބްލޫ ލައިންގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކޮށް އދ ސަލާމަތީ މަޖިލީހުން ޢާންމުކުރި ބަޔާނުގައިވަނީ ޞަރަޙައްދީ އިމުގައި ހަމަނުޖެހުން ނަގާލާ އެންމެހައި ކަންކަން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ދެޤައުމާއި ޞަރަޙައްދުގެ ޞުލްޙަަ މަސަލަސްކަން ގެއްލޭގޮތައް ނުވަތަ ބުރުއަރާފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ޞަރަޙައްދުގެ ހަމަޖެހުމަށް ހުރިހައި ފަރާތްތަކުންވެސް ހިކުމަތްތެރިކަމާއެކު މަސައްކަތްކުރުމަށް ގޮވާލާފައިވެއެެވެ.
އދ މެދުވެރިވެ އެކުލަވާލާފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓާލާ އެއްބަސްވުން ތަންފީޒުކުރުމަށް އިސްރާއީލާއި ލުބްނާނުގެ އަސްކަރީ ބާރުތަކައްވެސް އދ އިން ވަނީ ގޮވާލާފައެވެ. ވަކިން ޚާއްޞަކޮށް ދެޤައުމު ގުޅޭ ޞަރަޙައްދީ އިމުގައި ޙަރަކާތްތެރިވާ އދ ގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކައް ދޭ ޙަމަލާތައް ކުށްވެރިކޮށް އެކަން ތަކުރާރު ނުކުރުމަށް ވަނީ ގޮވާލާފައެވެ.
އދ ގެ ސަލާމަތީ މަޖިލީހުގެ ބަޔާން ވަނީ ހޯމަ ދުވަހު ބޭއްވި އެމަޖިލީހުގެ ބައްދަލުވުމުގައި އިއްވާފައެެވެ. މި ބައްދަލުވުމުގައި އދ އިން ލުބްނާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ކޯޑިނޭޓަރ ހާން ކޫބިސްއާއި އދ ގެ ޞުލްޙައިގެ ކަންކަން ބަލަހައްޓާ އިސް ފަރާތްކަމުގައިވާ ޝޯން-ޕީރް ލެކްރޮއިކްސް ބައިވެރިވަޑައިގެން ލުބްނާނާއި އިސްރާއީލު ގުޅޭ ޞަރަޙައްދީ އިމުގެ ކަންކަން ވަރަށް ތަފުޞީލުކޮށް ސަލާމަތީ މަޖިލީހުގެ މެންބަރުންނާއި ހިއްސާކުރެއްވިއެވެ.