ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ފަރަންސޭސްވިލާތުން ނަގާފައިވާ ސާމްޕަލެއްގެ ނަތީޖާ އަލުން ތަހުލީލުކުރުމުން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ފަރަންސޭސްވިލާތުގެ ބީއެފްއެމްޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ޕެރިސްގެ އަވިޗޭނީ ހޮސްޕިޓަލްގެ އައިސީޔޫގެ ޗީފް ކޯހެން ވިދާޅުވީ، ނޮވެލް ކޮރޯނާވައިރަސް (SARS-CoV-2) އެ ގައުމުން އެންމެ ފުރަތަމަ ފެނިފައިވަނީ ޑިސެމްބަރު މަހުގެ 27 ގައެވެ.
ޑރ. ކޯހެންގެ މެޑިކަލް ޓީމުން ވަނީ ދިރާސާގެ ބޭނުމަށް ޑިސެމްބަރު މަހާއި ޖެނުއަރީ މަހުގެ ތެރޭގައި ނަގާފައިވާ ސާމްޕަލްތަކެއް ކޮވިޑް19 އަށް ޓެސްޓުކޮށްފަ އެވެ. އަލުން ޓެސްޓްކުރެވުނީ ނޭވާލާ ނިޒާމުގެ އިންފެކްޝަން ހުރެ އަރިދަފުސް ރޯގާ އާއި އެހެން ވައްތަރުތަކުގެ ކޮރޯނާވައިރަސް އަށް ނެގެޓިވް މީހުންގެ ސާމްޕަލްތަކެވެ.
ޖުމްލަ 24 މީހެއްގެ ސާމްޕަލްތައް އަލުން ޓެސްޓު ކުރިއިރު، އޭގެ ތެރެއިން އެކެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭނާގެ ސާމްޕަލް ނަގާފައިވަނީ ޑިސެމްބަރު މަހުގެ 27 ގައެވެ. މިއީ ފަރަންސޭސްވިލާތުން މި ބަލި ފެނުމުގެ ދުވަސްތަކެއް ކުރިންނެވެ. ނަތީޖާ އިތުރަށް ޔަގީންކުރުމަށް ތަކުރާރުކޮށް ސާމްޕަލް ޓެސްޓުކުރި ކަމަށް ޑރ. ކޯހެން ވިދާޅުވި އެވެ. ހުރިހާ ފަަހަރެއްގައި ވެސް ސާމްޕަލްގެ ނަތީޖާ ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފަ އެވެ.
އެ މީހާގެ މެޑިކަލް ހިސްޓްރީ ކިޔައިދެމުން ޑރ. ކޯހެން ވިދާޅުވީ އޭނާ 15 ދުވަސް ވަންދެން ބަލިވެ އުޅުނު ކަމަށެވެ. އަދި އޭނާގެ ފަރާތުން އޭނާގެ ދެ ދަރިންނަށް ބަލި ޖެހިފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ އަންހެނުންނަކަށް މި ބަލި ޖެހިފައެއް ނުވެ އެވެ.
މި އަންހެން މީހާއަކީ ސުޕަރމާކެޓުގައި މަސް ވިއްކާ ފަރާތެކެވެ. އަދި އެއްވެސް އިރެއްގައި ޗައިނާއިން އެތެރެކޮށްފައިވާ މަހުގެ ބާވަތްތަކުގައި އަތްލާ ހަދާފައިވޭތޯ ބެލުމުގެ މަސައްކަތް ޑރ. ކޯހެން ކުރެއްވި އެވެ. ނަމަވެސް، އަންހެން މީހާ މުޅިންވެސް ވިއްކާފައިވަނީ ފަރަންސޭސްވިލާތުން ބާނާފައިވާ މަހުގެ ބާވަތްތަކެވެ.
މި ފިރިހެން މީހާއަކީ ފަރަންސޭސްވިލާތުގެ ޕޭޝަންޓް ޒީރޯ/އިންޑެކްސް ކޭސް އަށް ވެދާނެ ކަމަށް ޑރ. ކޯހެން ވިދާޅުވި އެވެ. ނަމަވެސް، މިކަން ކަށަވަރު ކުރެވޭނީ އިތުރު ދިރާސާއަށް ފަހު ކަމަށް ވިދާޅުވި އެވެ. މި މަސައްކަތް ކުރުމުގެ ގޮތުން ޑރ. ކޯހެން ވަނީ މި ހޯދުންތަކުގެ މައުލޫމާތު ކަމާއިބެހޭ އިދާރާތަކާ ހިއްސާކޮށް، ފްލޫ ނުވަތަ އެހެން ކޮރޯނާވައިރަސްއަކަށް ޕޮޒިޓިވްނުވާ ނޭވާލޭ ނިޒާމުގެ އިންފެކްޝަންތައް ހުރެގެން އެޑްމިޓްކުރި ބަލި މީހުންގެ ޓެސްޓްތައް އަލުން ހެދުމަށް ގޮވާލާފަ އެވެ.
ޑިސެމްބަރު 27 ގައި ކޮވިޑް19 ފަރަންސޭސްވިލާތުން ފެނިފައިވާނަމަ، އޭގެ މާނައަކީ ޗައިނާއިން މި ބަލި ރިޕޯޓްކުރުމުގެ ކުރިން ފަރަންސޭސްވިލާތަށް ވައިރަސް ފެތުރިފައިވާ ކަމެވެ. މީގެ ކުރިން އެހެން ބައެއް ގައުމުތަކުން ވެސް މި ބަލި ޗައިނާއިން ރިޕޯޓްކުރުމުގެ ކުރިން ފެނިފައިވާ ކަމަށް އަޑުތަކެއް ފެތުރުނެވެ. ނަމަވެސް، މިއިން އެއްވެސް މައުލޫމާތެއް ސައިންސްވެރިން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.