ކ. މާލެ
|
4 މެއި 2020 | ހޯމަ 12:46
އިންޑިއާގައި މީހުން ދިރިއުޅޭ ޞަރަޙައްދުތައް ޑިސްއިންފެކްޓް ކުރަނީ
އިންޑިއާގައި މީހުން ދިރިއުޅޭ ޞަރަޙައްދުތައް ޑިސްއިންފެކްޓް ކުރަނީ
އިންޑިއަން އެކްސްޕްރެސް
ކޮވިޑް-19: އިންޑިއާގެ ޙާލަތު
އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ސާޅީސް ހާހަށްވުރެ މަތި
އިއްޔެ 2،487 މީހުން ވައިރަސްއަށް ޕޮޒިޓިވްވި
މިހާތަނަށް ވައިރަސްގައި 1،306 މީހުން ވަނީ މަރުވެފަ
ފަރުވާދީގެން 10،887 މީހުން ވަނީ ރަނގަޅުކުރެވިފަ

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 40،000ށް ވުރެ މައްޗަށް އަރައިފި އެވެ.

އިންޑިއާގެ ޞިއްޙަތާބެހޭ ވުޒާރާއާއި ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ޚަބަރު ފަތުރާގޮތުގައި އިއްޔެ އެޤައުމުން 2،487 މީހުން ވައިރަސްއަށް ޕޮޒިޓިވްވުމާއެކު، އެޤައުމުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުން ޢަދަދު ވަނީ 40،263ށް އަރާފައެވެ. މިހާތަނަށް ވައިރަސްގައި 1،306 މީހުން މަރުވެފައިވާއިރު، ފަރުވާދީގެން 10،887 މީހުން ރަނގަޅުކުރެވިފައިވާކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ. އަދި މިހާތަނަށް، 1،046،450 މީހުން ވަނީ ވައިރަސްއަށް ޓެސްޓުކޮށްފަ އެވެ.

އިންޑިއާގައި ނުރައްކާތެރި މިންވަރަށް ކޮވިޑް-19 ފެތުރިދާނެކަމަމުގެ ބިރު ހީވެ ވައިރަސްއިން ރައްކާތެރިވެ، ކޮންޓްރޯލްކުރުމުގެ ފިޔަވަޅެއްގެގޮތުން އެޤައުމުގެ ސަރުކާރުން ވަނީ މުޅި ޤައުމު ފުރަބަންދުކޮށްފަ އެވެ. ސަރުކާރުގެ ޚާއްޞަ ހުއްދައަކާއެކު ނޫނީ އެއް ސްޓޭޓުން އަނެއް ސްޓޭޓަކަށް ވެސް ދަތުރުނުކުރެ ވެއެވެ. މިހާރު އިޢުލާނުކޮށްފައިވާ ގޮތުންނަމަ ފުރަބަންދު ނިމޭނީ މެއިމަހުގެ 17 ވަނަ ދުވަހެވެ.

މިއަދަކީ އިންޑިއާ ފުރަބަންދުކުރިތާ 41 ވަނަ ދުވަހެވެ. ޞިއްހީ މާހިރުން ބުނާގޮތުގައި އިންޑިއާގެ "ޕީކް" އަންނާނީ މެއި މަހުގެ މެދުތެރޭގަ އެވެ. އިންޑިއާ ސަރުކާރުން ހެދި ދިރާސާއަކުން ދައްކާގޮތުގައި މެއި މަހުގެ 22އާއި ހަމަޔަށް އަންނައިރު އިންޑިއައިން 75،000 މީހުން ވައިރަސްއަށް ޕޮޒިޓިވްވާނެ އެވެ.

- ކޮމެންޓް