ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ފްރާންސްގައި އިޢިލާނު ކޮށްފައިވާ ޞިއްޙީ ކުއްލި ޙާލަތު ޖުލައި މަހުގެ 24 އާ ހަމަޔަށް، އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް އެޤައުމުގެ ހެލްތް މިނިސްޓަރު އޮލީވިއަރ ވެރަން ވިދާޅުވެއްޖެއެވެ.
ޖުލައި މަހުގެ 24 އާ ހަމަޔަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު ކުރުމާއި ބެހޭ ބިލު ހޯމަ ދުވަހުގެ ކުރިން އެ ޤައުމުގެ ސެނެޓަށް ފޮނުވާނެއެވެ. އެއަށް ފަހު އަންގާރަ ދުވަހު ނެޝަނަލް އެސެމްބްލީ އަށް ބިލު ފޮނުވައި، މި ހަފުތާގެ ތެރޭގައި އެ ބިލު ޤާނޫނަކަށް ވެގެންދާނެ ކަމަށް ފްރާންސް ސަރުކާރުން ބުންޏެވެ.
އަލަށް އެކުލަވާލައި ބިލުގައި، އެހެން ޤައުމުތަކުން ފްރާންސަށް އެތެރެވާ މީހުން ކަރަންޓީނު ކުރުމާއި ގުޅޭ އުޞޫލުތައްވެސް ވަނީ ހިމަނާފައެވެ. ހެލްތު މިނިސްޓަރު ވިދާޅުވީ، ފްރާންސަށް އެތެރެވާ އެހެން ޤައުމުގެ ރައްޔިތުންވެސް ހިމެނޭގޮތަށް ޤައުމަށް އެތެރެވާ އެންމެން ދެ ހަފުތާގެ މުއްދަތަކަށް ކަރަންޓީނު ނުވަތަ އައިސޮލޭޓްވާންޖެހޭނެކަމަށެވެ.
ފްރާންސަކީ ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމެވެ. މިހާރު އެ ޤައުމުގައި އިޢުލާނުކޮށްފައިވާ ލޮކްޑައުންއަށް މަޑު މަޑުން ދޫދޭން ވަނީ ފަށާފައެވެ. އޭގެ ތެރޭގައި މި މަހު 11 އިން ފެށިގެން ޕްރައިމަރީ ސްކޫލްތައް ހުޅުވުމާއި، ބައެއް ފިހާރަތަކާއި އޮފީސްތައް އަލުން ހުޅުވާލުން ހިމެނެއެވެ. ނަމަވެސް ބޭރުގައި އުޅޭއިރު އަދި ވަކިން ޚާއްޞަކޮށް ބަހުގެ ޚިދުމަތް ހޯދާއިރު ފޭސް މާސްކް އަޅަން ވަނީ މަޖުބޫރް ކޮށްފައެވެ.
ފްރާންސްގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ވަނީ 168،396ށް އަރާފައެވެ. މި ބަލީގައި 24 ހާސް މީހުން މަރުވެފައިވާއިރު، 50،000 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.