ކ. މާލެ
|
3 މެއި 2020 | އާދީއްތަ 07:08
މޮސްކޯގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަނީ
މޮސްކޯގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަނީ
އޭޕީ
ކޮވިޑް19 ވަބާ: ރަޝިއާގެ ހާލަތު
ރަޝިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް19 ފެތުރެނީ!
މިހާތަނަށް އެ ގައުމުން 124،000 މީހަކަށް ވަނީ ބަލިޖެހިފައި، މަރުވީ 1222 މީހުން
އެންމެ ހާލަތު ގޯހީ މޮސްކޯގައި، 62،000ށް ވުރެ ކޭސްތަކުގެ އަދަދު އިތުރު
ލޮކްޑައުން ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމާއިމެދު މަޝްވަރާތައް ދަނީ ކުރިއަށް

ފުރަބަންދުގެ ޙާލަތުގައި ވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވެ، ދުވާލެއްގެ މައްޗަށް މި ބަލި ޖެހިގެން ރަޝިއާގައި ރިޕޯޓުކުރާ މީހުންގެ ޢަދަދުތައް އިތުރުވާން ފަށައިފިއެވެ.

ހޮނިހިރު ދުވަހު އެކަނި އެ ޤައުމުން ވަނީ 9،623 ކޭސް ރިޕޯޓު ކޮށްފައެވެ. މިއީ ރެކޯޑް ޢަދަދެކެވެ. އަދި ހުކުރު ދުވަހާ އަޅާ ބަލާއިރު %20 އިތުރު ޢަދަދެކެވެ. ފެނުނު ކޭސްތަކުގެ ޢަދަދާ އަޅާކިޔާއިރު، އެ ޤައުމުން މަރުވެފައިވާ މީހުންގެ ޢަދަދުތައް ދަށެވެ. ރަޝިއާއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން މަރުވީ ކަމަށް ރިޕޯޓުކުރެވިފައިވަނީ 1،222 މީހެކެވެ.

އެންމެ ހާލަތު ގޯހީ މޮސްކޯގައި، އިތުރު ފިޔަވަޅު އަޅަން ވިސްނަނީ

ރަޝިއާގައި ކޮވިޑް-19 ފެތުރެމުންދާ ޒާތައް ބަލާއިރު، އެންމެ ގިނަ ޢަދަދެއްގެ ބަޔަކަށް މި ބަލި ޖެހިފައިވަނީ ވެރިރަށް މޮސްކޯ އިންނެވެ. މޮސްކޯގައި ބަލި ފެތުރުން ކޮންޓްރޯލް ނުވެއްޖެނަމަ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހޮސްޕިޓާތަކުގެ ޖާގައަށް ނުކަތާވަރަށް ބަލި މީހުން އިތުރުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް މޮސްކޯއިން އެކަނި 62،600 ކޭސް ރިޕޯޓުކުރެވިފައި އެވެ. މިއީ ރަޝިއާއިން ފެނުނު ޖުމުލަ ކޭސްތަކުގެ ޢަދަދަށް ބަލާއިރު %50 އަށް ވުރެ އިތުރު ޢަދަދެކެވެ.

މޮސްކޯގައި ބަޔަކު ރޭލަކަށް މަޑުކޮށްގެން، މަގުތަކަށް ނިކުންނަ މީހުންގެ އަދަދުތައް މަދު-- ފޮޓޯ: ދި މޮސްކޯ ޓައިމްސް

މޮސްކޯގެ ޙާލަތާއި ގުޅޭގޮތުން އެ ސިޓީގެ މޭޔަރު ސަރގޭ ސޮބްޔާނިން ވިދާޅުވީ، މިހާތަނަށް ހެދިފައިވާ ސްކްރީނިންގތަކުން އެއްކުރެވިފައިވާ މަޢުލޫމާތަށް ބަލާއިރު، 250،000 އެއްހާ މީހުންނަށް ވައިރަސް ޖެހިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޙާލަތު އިތުރަށް ގޯސްވުމުގެ ކުރިން މިހާރު އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް އިތުރުކޮށް، ހަރުކަށި ވާން ޖެހިދާނެކަމަށް ވިދާޅުވި އެވެ.

އެގޮތުން، މޮސްކޯގައި ބޭރަށް ނިކުމެ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރަން ދޫކުރާ ފާސްތަކުގެ ޢަދަދު މަދުކުރަން ވިސްނަވަމުންގެންދަވާ ސޮބްޔާނިން ވިދާޅުވިއެވެ. އެ އަވަށުގެ ރައްޔިތުންނަށް މަގުތަކަށް ނިކުމެވެނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގަތުމަށާއި، ކުއްތާ ގޮވައިގެން ހިނގާލަން ދިއުމަށާއި ކުނި އުކާލަން އެކަންޏެވެ.

އޭގެ އިތުރުން، ކޮވިޑް-19އަށް ޓެސްޓުކުރުން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މޭޔަރު ސޮބްޔާނިން ވިދާޅުވިއެވެ. އަދި ވަގުތީ ހޮސްޕިޓާތަކުގެ ގޮތުގައި ބޭނުންކުރުމަށް ޝޮޕިންގ މޯލްތަކާއި ކުޅިވަރު ކޮމްޕްލެކްސްތައް ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި، އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

މޮސްކޯގެ ތާރީހީ ބިނާއެއް ކަމުގައިވާ ރެޑް ސްކްއަރ ސަރަހައްދުގައި ބަޔަކު މާސްކު އަޅައިގެން-- ފޮޓޯ: ރޮއިޓަރޒް

އެމެރިކާ އާއި ޔޫރަޕުގެ ބައެއް ޤައުމުތަކާއި އަޅާކިޔާއިރު، ރަޝިއާގެ ޙާލަތު ރަނގަޅެވެ. ޚާއްޞަކޮށް ވައިރަސް ޖެހުނު މީހުންގެ ނިޞްބަތުން މަރުވީ މީހުންގެ ޢަދަދުތައް މަދެވެ. ލައްކައަކަށް ވުރެ ގިނަ ކޭސް ފެނުނު ޤައުމުތަކުގެ ތެރެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުން އެންމެ މަދުން ރިޕޯޓުކޮށްފައިވަނީ ރަޝިއާއިންނެވެ.

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕޫޓީން ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު މެއި މަހުގެ 11 އާ ހަމައަށް އިތުރުކޮށްފައެވެ. މިއީ މަރޗް 28ން ފެށިގެން އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކެކެވެ. އެ ޤައުމުގެ ފެޑެރަލް ބަޔޯމެޑިކަލް އެޖެންސީން އަންދާޒާ ކޮށްފައިވާ ގޮތުގައި، ޖޫން މަހުގެ މެދު ތެރޭގައި ވައިރަސް ކޮންޓްރޯލް ވާނެއެވެ.

- ކޮމެންޓް