ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަކީ ލެބެއްގައި އުފެއްދި އެއްޗެއް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރައްދު ދީފިއެވެ.
ކޮވިޑް-19 އަކީ ލެބެއްގައި އުފެއްދި އެއްޗެއް ނޫންކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ އެމެރިކާގެ ރައީސްގެ ވާހަކަފުޅާ ގުޅިގެންނެވެ. ޓްރަމްޕް ވަނީ ކޮވިޑް-19 އަކީ ޗައިނާގެ ލެބެއްގައި އުފެއްދި އެއްޗެއް ކަމަށް ވިދާޅުވެ ތަކުރާރުކޮށް އެކި ފަހަރުމަތިން ތުހުމަތު ކުރައްވާފައެވެ.
ސައިންސްވެރިން ވިދާޅުވެފައިވަނީ މި ވައިރަސް އިންސާނުންނަށް ޖެހިފައިވަނީ ޖަނަވާރުންގެ ފަރާތުންނެވެ. އަދި މި ފެތުރިގެން އައީ ޗައިނާގެ ވުހާންގެ މަސް ވިއްކާ މާރުކޭޓަކުން މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށް ބުނެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނި ކޮވިޑް-19 އުފައްދާފައިވަނީ ވުހާންގެ އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ އިން ކަމަށާއި، އެ ވައިރަސް އުފެއްދި ކަމުގެ ހެކިތައް ހުރިކަމަށެވެ. ނަމަވެސް މިކަމާއި ބެހޭ ތަފްސީލެއް ނުދެއްވައެވެ.
ޑަބްލިއުއެޗްއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ޖަމިއްޔާގެ އިމަރޖެންސީ ޗީފް މައިކަލް ރަޔާން ހުކުރު ދުވަހު ވިދާޅުވީ މި ވައިރަސްއާއި ގުޅިގެން ސައިންސްވެރިން އެކިފަހަރު މަތިން ވާހަކަ ދައްކާފައިވީ ނަމަވެސް އެމެރިކާއިން ގެންގުޅޭ ވިސްނުން ބަދަލުކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާކަމަށެވެ. އަދި މި ވައިރަސް އަކީ ގުދުރަތީ އެއްޗެއް ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.
240،000 ށް ވުރެ ގިނަ މީހުން މަރުވެގެން ދިޔަ މި ވައިރަސްގެ އަސްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ޗައިނާއާއެކު ބައިވެރިވުމަށް ޑަބްލިއުއެޗްއޯއިން ވަނީ އެދިފައެވެ.
"އަޅުގަނޑުމެންނަށް މިވަގުތު މުހިންމީ ވައިރަސް އައިސްފައިވާ އަސްލު ދެނެގަތުން. ޖަނަވާރުންނާއި އިންސާނުންނާއި ދެމެދު މި ވައިރަސް ފެތުރެން އޮތް ހުރަސް ނެތިގެން ދިޔައީ ކީއްވެކަން ހޯދުން މުހިންމު،" ރަޔާން ވިދާޅުވިއެވެ. އަދި މިއީ ދެވަނަ ފަހަރަކަށް މި ވައިރަސް ފެތުރިގެން ދިއުން ހުއްޓުވާ ސިއްހީގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅަން ލިބިގެންދާނެ މުހިންމު ކަމަކަށް ވެގެންދާނެ ކަމަށް ރަޔާން ވިދާޅުވިއެވެ.