ތޮއްޖެހިފައިވާ ޖަލުތަކުގައި ކޮވިޑް-19 ފެތުރިދާނެކަމުގެ ބިރަށް، ފިލިޕީންސްގެ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ 9731 ގައިދީއަކު މިނަވަންކޮށްފި އެވެ.
މިއީ އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމެކެވެ. މިކަމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފިލިޕީންސްގެ ސުޕްރީމް ކޯޓުގެ އެސޯސިއޭޓް ޖަސްޓިސް މާރިއޯ ވިކްޓަރ ލިއޯނެން ވިދާޅުވީ، ސުޕްރީމް ކޯޓުން މިހެން ނިންމީ ޖަލުތަކުގެ ހާލަތު ވަރަށް ރަނގަޅަށް އެނގޭތީ ކަމަށެވެ.
އަދަބު ލުއިކޮށްދިނުމަށް ޖަލުން ދޫކޮށްލި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ހަ މަހަށް ވުރެ މަތި ނޫން އަދަދަކަށް ޖަލަށް ހުކުމްކޮށްފައި ތިބި ގައިދީންނާއި، އުމުރުން ދުވަސްވީ ގައިދީންގެ އިތުރުން ސިއްހީ އެކިއެކި މައްސަލަތައް ދިމާވެފައިވާ ގައިދީންނެވެ. މި ފަރާތްތައް ދޫކޮށްލާފައި ވަނީ މާރިޗު މަހުގެ 17 އާއި އެޕްރިލް 29 އާ ދޭތެރޭގަ އެވެ.
މީގެ ކުރިން އެ ކޯޓުން ވަނީ، ކަފާލާތަށްވާ ފައިސާ ދެއްކޭނެ ވަރުގެ ތަނަވަސްކަން ނެތް ފަރާތްތައް ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުތަކަށް އަންގާފަ އެވެ.
ތޮއްޖެހުމާއި ގުޅިގެން، ފިލިޕީންސްގެ ޖަލުތަށް ވެގެން ގޮސްފައިވަނީ ވައިރަސް ފެތުރުމުގެ ބިރު ބޮޑު ހޮޓްސްޕޮޓް (ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވުމުގެ ފުރުސަތު ބޮޑު ސަރަހައްދު) ތަކެއްގެ ގޮތުގަ އެވެ. އެ ގައުމުން ފެނުނު އެންމެ ބޮޑު ކްލަސްޓަރތަކުގެ ތެރޭގައި ޖަލުތައް ހިމެނެ އެވެ.
ފިލިޕީންސްގެ 450 އެއްހާ ޖަލުގައި 136،000ށް ވުރެ ގިނަ ގައިދީން އަންނަނީ ހުކުމް ތަންފީޒުކުރަމުންނެވެ. ޖަލުތަކުގެ އާބާދީ އިތުރުވާން މެދުވެރިވީ ސަބަބުތަކުގެ ތެރޭގައި މިހާރުގެ ރައީސް ރޮޑްރީގޯ ޑުޓަރޓޭ ވެރިކަމަށް ވަޑައިގެންނެވި ފަހުން މަސްތުވާތަކެއްޗާ ދެކޮޅަށް ފެއްޓެވި ހަނގުރާމަ ހިމެނެ އެވެ.
މިހާތަނަށް ފިލިޕީންސުން ކޮވިޑް-19 ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ އަދަދު ވަނީ 9،000 އަރަން ގާތްވެފަ އެވެ. މި ބަލި ޖެހިގެން އެ ގައުމުން މަރުވީ މީހުންގެ އަދަދު ވަނީ 600ށް ވުރެ މައްޗަށް އަރާފަ އެވެ.