އެވެންޖާރސް ފިލްމްތަކުގައި ކެޕްޓަން އެމެރިކާގެ ރޯލުން ފެންނަ، މަޝްހޫރު ތަރި ކްރިސް އެވަންސް އިންސްޓަގްރާމް އެކައުންޓެއް މެއި މަހުގެ 1 ވަނަ ދުވަހު ހުޅުވައިފިއެވެ.
އެއް ދުވަސް ތެރޭގައި އެވަންސްގެ އިންސްޓްރާމް އެކައުންޓަށް 1.6 މިލިއަނަށް ވުރެ ގިނަ ފޮލޮވަރުން ލިބިފައިވެއެވެ.
އެވަންސް އިންސްޓަގްރާމްއާ ގުޅުނީ ކޮވިޑް-19 އަށް ފަންޑު ހޯދުމުގެގޮތުން ކުރާ މަސައްކަތުގައި ބައިވެރިވުމަށެވެ. އެގޮތުން، އޭނާގެ ފުރަތަމަ، އަދި މިހާތަނަށް ކޮށްފައިވާ ހަމަ އެކަނި ޕޯސްޓްގައި ވަނީ " އޯލް އިން ވަން ޗެލެންޖެ" ގައި ބައިވެރިވެފައެވެ. މި ޗެލެންޖުގައި އިންސްޓަގްރާމް އިން އެވަންސް ފޮލޯ ކުރާ ކޮންމެ ފަރާތަކަށް ވެސް އޭނާ އާއި އެވެންޖަރސް އިން ފެނިގެންދާ އޭނާގެ ކޯ ސްޓާރުންގެ ތެރެއިން ރޮބަރޓް ޑައުނީ، ކްރިސް ހެމްސްވަރތް، ސްކާލެޓް ޖޮހޭންސަން، މާކް ރަފަލޯ އަދި ޖެރެމީ ރެނާ އާއި އެކު އޮންލައިންކޮށް ބައްދަލުވުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. މި ޗެލަންޖްއަށް އެވަންސް ނޮމިނޭޓްކޮށްފައިވަނީ ގާޑިއަންސް އޮފް ދަ ގެލެކްސީގެ ތަރި ކްރިސް ޕްރެޓްއެވެ.
އެވަންސް ބުނީ އިންސްޓަގްރާމް އިން ޕްރައިވެޓްކޮށްވެސް ސުވާލު ކުރެވޭނެ ކަމަށާއި ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ވަރޗުއަލް ކޮށް ފޭނުންނާއި ބައްދަލު ކުރާ ވަގުތު ތަފާތު ބައެއް ކުޅިވަރުތައް ވެސް ކުޅޭނެ ކަމަށް އޭނާ ބުންޏެއެވެ.
އެވަންސް ވަނީ ވީހާވެސް ގިނަ ފަރާތްތަކަށް އޭނާ އާއި އެކު މި ޗެލެންޖުގައި ބައިވެރި ވުމަށް އެދިފައެވެ. މި ކަމުން ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަން އޭނަ ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިކަމުގައި ބައިވެރިވެވޭތީ ވަރަށް އުފަލުން ހުރި ކަމަށް އެވަންސް ބުންޏެވެ.
މިކަމުން ލިބޭ ހުރިހާ ފައިސާ އެއްވެސް ހަދިޔާކުރެވިގެންދާނީ އެމެރިކާގައި މި އެހީގެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ކެއިންބުއިމުގެ ކަންތައް ހަމަޖެއްސުމަށެވެ.
އެވަންސް ވެސް ވަނީ މި ޗެލެންޖުގައި ބައިވެރިވުމަށް އެހެން ބައެއް ތަރިން ނޮމިނޭޓްކޮށްފައެވެ.