އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ދަރިކަލުންނަށް ނަން ދެއްވީ އެމަނިކުފާނު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން އެޑްމިޓްކުރައްވާފައި އޮންނެވިއިރު، ފަރުވާދެއްވި ޑޮކްޓަރުންގެ ނަމާ ގުޅުވައިގެންނެވެ.
ބޮރިސް ކޮވިޑް-19 އަށް ޕޮޒިޓިވްވީ ނަމަވެސް ފަަރުވާދީގެން މިހާރު ޞިއްޙީ ޙާލަތު ރަނަގަޅުވެއްޖެއެވެ. އަދި ބުދަ ދުވަހު ބޮރިސްއާއި ލޯބިވެރިޔާ ކެރީ ސައިމަންޑްސްގެ ފުރަތަމަ ދަރިކަލުން އުފަންވެފައިވާއިރު، ވިލްފްރެޑް ލައުރީ ނިކޮލަސް ޖޯންސަންގެ ނަމުން ނަންދީފައިވެއެވެ.
ދަރިކަލުންނަށް ނަން ދެއްވާފައިވަނީ ބޯރިސްގެ ކާފާފުޅު ވިލްފްރެޑްއާއި، މާމާފުޅު ލައުރީގެ ނަމާއި ގުޅުވައިގެން ކަމަށާއި، އޭގެ އިތުރުން، ބޯރިސް އައިސީޔޫގައި އެޑްމިޓްކުރައްވާފައި އޮންނަވަނިކޮށް ފަރުވާދެއްވި 2 ޑޮކްޓަރުންކަމަށްވާ ޑރ ނިކް ޕްރައިޒްއާއި، ޑރ ނިކް ހާރޓްގެ ނަމާ ގުޅުވައިގެން ކަމަށެވެ.
އޭގެ އިތުރުން، ބޮރިސްއާއި، ކެރީވަނީ ޔޫކޭގެ ނޭޝަނަލް ހެލްތު ސަރވިސަސްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވި މާރޗްމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ޖެހިގެން އައި ދުވަހު އެކަން އަމިއްލަފުޅަށް އިޢުލާނުކުރެއްވުމަށް ފަހު ޑައުނިންގް ސްޓްރީޓްގެ އެޕާޓްމެންޓެއްގައި އަމިއްލަފުޅަށް އެކަހެރިވެވަޑައިގެން ފަރުވާ ހޯއްދަވަން ފެއްޓެވި އެވެ. އަދި ނޭވާލުމުގެ މައްސަލައެއް ކުރިމަތިވުމާއި ގުޅިގެން އައިސީޔޫގައި އެޑްމިޓް ކުރެވުނެވެ. ނަމަވެސް ބަލިން ފަސޭހަވެވަޑައިގެން މިހާރު ބޮރިސް ވަނީ އެނބުރި މަސައްކަތަށްވެސް ނުކުންނަވާފައެވެ.