ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އިރުފާން ޙާން މުމްބާއީގެ ވަރސޮވާ ގަބުރުސްތާނުގައި ވަޅުލައިފިއެވެ.
އިރުފާން ވަޅުލާފައި ވަނީ ބުދަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.
އިރުފާންގެ ޖަނާޒާގައި އެނާގެ އާއިލާ މެމްބަރުންނާއި އެންމެ ގާތް އެކުވެރިން ބައިވެރިވެފައެވެ. ކެންސަރާ ހަނގުރާމަ ކުރަމުން ދަނިކޮށް އުމުރުން 53 އަހަރުގައި ނިޔާވި އިރުފާން ޙާން އަކީ މުސްލިމެކެވެ.
އިރުފާންގެ ތަރުޖަމާން ބުނީ އެނާ ކެންސަރާ ހަނގުރާމަކުރަމުން އައީ ވަރަށް ހިތްވަރާ އެކުގައި ކަމަށެވެ. އިރުފާން ވަކިގެން ދިއުމާ ގުޅިގެން ފިލްމީ ދުނިޔަށް ލިބުނު ގެއްލުމަށް ހުރިހާ އެންމެން ވެސް ހިތްވަރުކުރަން ޖެހޭ ކަމަށް ތަރުޖަމާން ބުންޏެވެ.
އިރްފާން ނިޔާވެފައި ވަނީ މުމްބާއީގެ ކޮކީލާބެން ދިރުއަމްބާނީ ހޮސްޕިޓަލުގައި ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އުމުރުން 53 އަހަރުގެ އިރްފާނު ނިޔާވީ ހޮސްޕިޓަލުގެ އައީސީޔޫގައި ފަރުވާ ހޯދަމުން ގެންދަނިކޮށެވެ. އިރުފާން ޙާން ނިޔާވުމާއި ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އެނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.
އިރުފާން މަރުވުމުގެ ތިން ދުވަސް ކުރިން އެނާގެ މަންމަ ވެސް ޖައިޕޫރުގައި ވަނީ ނިޔާވެފައެވެ. މުޅި އިންޑިއާ ލޮކްޑައުނަކަށް ގޮސްފައި ވުމުން އިރުފާން އަށް އެނާގެ މަންމަގެ މޫނު ބަލަން ވެސް ދެވޭގޮތް ވަނީ ނުވެފައެވެ.
އިރުފާންގެ މަރާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިން އެކަމުގެ ހިތާމާގައި ބައިވެރިވުމުގެ ގޮތުން ސޯޝަލް މީޑިއާގައި ދަނީ ޕޯސްޓް ކުރަމުނެވެ.