ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގުން އިންޑިއާގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓް ހެދުމުގައި އެއްވަނަ ކޮންޓެންޓް ޕްރޮވައިޑަރ ކަމަށްވާ ޝެމަރޫ އެންޓަޓެއިންމަންޓް ލިމިޓެޑް އާ ގުޅިގެން "ޝެމަރޫމީ" ދިރާގު ޓީވީ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމަށް މިހާރު ވަނީ ގެނެސްފައެވެ.
ދިރާގުން ބުނީ މިހާރު އިންޑިއާގެ މަޝްހޫރު ފިލްމް ދިރާގު ޓީވީ ވީއޯޑީ ޕްލެޓްފޯމުން ބަލާލެވޭނެ ކަމަށެވެ. މީގެ ތެރޭގައި އިހުގެ ބޮލީވުޑްގެ ސުޕަރ ހިޓް ފިލްމުތަކާއި ބެންގާލީ ފިލްމްތައްވެސް ހިމެނޭ ކަމަށާއި މި ދުވަސްވަރަކީ މުނިފޫހިފިލުވުމުގެ ކަންތައްތައްވެސް ގޭގައި ތިބެގެން ކުރަން ޖެހިފައިވާ ދުވަސްވަރެއް ކަމުގައި ވުމުން، އިހުގެ އަދި މިހާރުގެ ބޮލީވުޑް ފިލްމްތައް އެއް ތަނަކުން ބަލާލަން މިއީ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ. ޝެމަރޫގެ ކޮންޓެންޓް ދިރާގު ޓީވީ ކަސްޓަމަރުންނަށް މޭ މަހުގެ ނިޔަލަށް %50 ޑިސްކައުންޓާ އެކު، މަހަކު 30 ރުފިޔާ އަށް ބަލާލެވޭނެއެވެ.
މި ޕާރޓްނަރޝިޕްއާ ގުޅިގެން ދިރާގު ޗީފް މާކެޓިންގ އޮފިސަރ މަހުމޫދް ދަސަރް ވިދާޅުވީ ޝެމަރޫމީ ފަދަ ބޮޑު ކޮންޓެންޓް ޕްރޮވައިޑަރ އެއް ދިރާގު ޓީވީ އާ ގުޅުމުން ވަރަށް އުފާވާ ކަމަށާއި ކަސްޓަމަރުން ގަޔާވާކަހަލަ ހިންދީ ފިލްމުތައް ދިރާގު ޓީވީ ވީއޯޑީ މެދުވެރިކޮށް މިހާރު ބަލާލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.
ދިރާގުން ބުނީ މަސައްކަތްކުރަމުން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއި ހެޔޮ އަގުގައި ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައި.ޕީ.ޓީވީގެ ޚިދުމަތެވެ.