ކ. މާލެ
|
11 އޭޕްރިލް 2020 | ހޮނިހިރު 13:02
އިސްތަންބޫލް އެއަރޕޯޓް
އިސްތަންބޫލް އެއަރޕޯޓް
ޑެއިލީ ސަބާ
ޓާކިޝް އެއާލައިން
ޓާކިޝް އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ދެ ކާގޯ ފުލައިޓް ބާއްވަނީ
ކާގޯގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ފުލައިޓަކީ 42 ޓަނުގެ ތަކެތި ގެނެވޭނެ އުޅަނދެއް
މިދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 777-300 މަރުކައިގެ މަތިންދާ ބޯޓް

ތުރުކީގެ ވެރިރަށް އިސްތަންބޫލް އިން ރާއްޖެއަށް ހަފްތާއަކު ދެ ފަހަރު ކާގޯ ފުލައިޓް ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށް ޓާކިޝް އެއަލައިނުން ހާމަކޮށްފިއެވެ.

އެ އެއާލައިނުން ބުނެފައިވަނީ ރާއްޖޭގެ އެކްސްޕެޑައިޓް މޯލްޑިވްސް އާއި ގުޅިގެން ކުރާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮލޮމްބޯގައި ޖެއްސުމަށްފަހު ސްރީލަންކާ މަގުން ކަމަށެވެ.

އެކްސްޕެޑައިޓުން ބުނެފައިވަނީ މިއީ ކާގޯގެ ހިދުމަތް މެދުކެނޑުމަކަށް އައިސް އޮތުމަށްފަހު މުދާ އެތެރެކުރާ މީހުންނާއި ބޭރުކުރާ މީހުންނަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ޔޫރަޕް، އެމެރިކާ އަދި އިރުމަތީގެ ގައުމަތަކަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، އިމްޕޯޓް ކުރާ ފަރާތްތަކަށް ޕެރިޝަބަލްސް، މެޑިކަލް އަދި އެހެނިހެން ތަކެތި ލަންކާ، ދުބާއި، ޗައިނާ، ޔޫރަޕް، އެމެރިކާ އަދި އެހެނިހެން ގައުމުތަކުން ގެނައުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެކްސްޕެޑައިޓުން މައުލޫމާތު ދީފައިވެ އެވެ.

ކާގޯގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ފުލައިޓަކީ 42 ޓަނުގެ ތަކެތި ގެނެވޭނެ އުޅަނދެކެވެ. މި ދަތުރުތައް ކުރުމަށް ހަމެޖެހިފައިވަނީ އަންގާރަ އަދި ހުކުރު ދުވަހު އެވެ. އަދި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 777-300 މަރުކައިގެ މަތިންދާ ބޯޓެވެ.

ދަތުރުކުރާ ރޫޓަކީ ތުރުކީން ރާއްޖެ އަށް، ރާއްޖެ އިން ލަންކާ އަށް، ލަންކާ އިން ރާއްޖެ އަދި ރާއްޖެ އިން ލަންކާ އަދި ލަންކާ އިން ތުރުކީއަށެވެ.

ޓާކިޝް އެއަރލައިނަކީ ފުޅާ ދާއިރާއެއްގައި ކާގޯ ފްލައިޓްތައް އޮޕަރޭޓުކުރާ އެއަރލައިނެކެވެ. އެގޮތުން ފަންސާހަށްވުރެ ގިނަ ޤައުމަކަށް މިދުވަސްވަރު ވެސް އެއަރލައިނުން ދަނީ ދަތުރުތައް ބާއްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް