އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން ޅަކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާކަމުގެ ކަންބޮޑުވުންތަކާއެކު، އޮސްޓްރޭލިއާ އިން ސޯޝަލް މީޑިއާ ކުޑަކުދިން ބޭނުންކުރުން މަނާކުރާނެ ކަމަށް ބުނެފިއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އަންގާރަ ދުވަހު ވިދާޅުވެފައިވަނީ، މި ނިންމުން ތަންފީޒުކުރުމަށް ޤާނޫނެއް ތަޢާރަފުކުރުމުގެ ކުރިން ސޯޝަލް މީޑިއާ ބޭނުން ކުރާ ފަރާތްތަކުގެ އުމުރު ކަށަވަރުކުރުމުގެ ޓްރަޔަލްއެއް ކުރިއަށް އޮތް މަސްތަކުގައި އޮސްޓްރޭލިއާ ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
އަލްބަނީޒް ވިދާޅުވީ އޭނާގެ ލޭބަރ ޕާޓީ ސަރުކާރުން ވިސްނަމުން ދަނީ 14 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރެއް އެއީ ސޯޝަލް މީޑިއާ ބޭނުން ކުރެވޭނެ އެންމެ ދަށް އުމުރުގެ ގޮތުގައި ކަނޑައެޅުމަށް ކަމުގައެވެ.
އަލްބަނީޒް ވިދާޅުވީ މައިންބަފައިން ވަނީ އެމީހުންގެ ދަރިން ސޯޝަލް މީޑިއާ ބޭނުންކުރާތީ "ވަރަށް ބޮޑަށް ކަންބޮޑުވެފައި" ކަމަށެވެ.
"މައިންބަފައިން ބޭނުންވަނީ އެމީހުންގެ ދަރިން ފޯނުތަކުން ދުރުކޮށް ފުޓްބޯޅަ ދަނޑަށް ފޮނުވަން. އަޅުގަނޑުވެސް ބޭނުންވަނީ އެގޮތް،" އަލްބަނީޒް އޮސްޓްރޭލިއަން ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.
ލިބަރަލް ޕާޓީގގެ އިސްވެރިޔާ އަދި އިދިކޮޅު ލީޑަރު ޕީޓަރ ޑަޓަން ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ތާއީދުކުރައްވާ ކަމަށް ކުރިން ވިދާޅުވެފައެވެ.
ޗައިނާ، ފްރާންސް، އަދި އެމެރިކާގެ އެކި ސްޓޭޓްތަކުން ވަނީ ސައިބަރ ބުލީކުރުން ފަދަ ކަންބޮޑުވުންތަކާއެކު ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށް އަމާޒުކޮށްގެން ޤާނޫނުތައް ފާސްކޮށްފައެވެ.
ފާޑުކިޔާ ފަރާތްތަކުން ވަކާލާތުކޮށްފައިވަނީ މިފަދަ ފިޔަވަޅުތަކުން ޒުވާނުންގެ ޚިޔާލުފާޅުކުރުމުގެ ޙައްޤަށް އަރައިގަންނަ ކަމަށެވެ.
ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޕްރޮފެސަރ ޑެނިއަލް އެންގަސް ވަނީ އޮސްޓްރޭލިއާގެ މި ހުށަހެޅުމަށް ފާޑުކިޔާފައެވެ. އޭނާ މި ހުށަހެޅުމަށް ސިފަކުރެއްވީ "ބޭކާރު"، "ޕޮޕިއުލިސްޓް" އަދި "އޮޅުވާލައިގެން ސަމާލުކަން އެހެން ދިމާލަކަށް ބަދަލުކުރުން" ކަމުގައެވެ..
އެންގަސް ވިދާޅުވީ މިގޮތައް މަނާކުރުމުން "ޒުވާނުން ޑިޖިޓަލް ދުނިޔޭގައި ބައިވެރިވުމުން މަހްރޫމްވެ، އޭގެ ނަތީޖާއެއްގެ ގޮތުން ދަށް ފެންވަރުގެ އޮންލައިން ސްޕޭސްތަކަށް ވަންނަން މަޖުބޫރުވެ، އަދި އިޖްތިމާޢީ ގުޅުމުގެ މުހިންމު ވަސީލަތަކާ އެކަހެރި ވުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާނެ" ކަމަށް އެންގަސް އަންގާރަ ދުވަހު ލިންކްޑްއިންގައި ޕޯސްޓްކުރި ލިޔުމެއްގައި ބުނެފައިވެއެވެ.