ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.
މިކަން އިއުލާންކުރައްވާ، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، މި ޕެކޭޖްގެ ސަބަބުން މިހާރު އިގްތިސާދަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަނެވޭނެ ކަމަށެވެ. އަދި މިއީ ވިޔަފާރިތަކަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ލިބުނު ފަހި ފުރުސަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ޕެކޭޖް ތެރޭގައި ހިމެނޭ އެއް ކަމަކީ، ވިޔަފާރީގެ ކޭޝް ފްލޯއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން، އެ ވިޔަފާރިތަކަށް ވަރކިންގ ކެޕިޓަލް ހޯދޭނެ ފެސިލިޓީސްތަކެއް ބޭންކު މެދުވެރިކޮށް ފޯރުކޮށްދިނުމެވެ. މި ލޯނުތައް ދޫކުރަން ނިންމާފައިވަނީ، ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު ތިން އަހަރުން އަނބުރާ ދައްކާ ގޮތަށް %6 އިންޓްރެސްޓް ރޭޓުގައެވެ. ލޯނު ބޭނުންވާ ފަރާތްތަކުން އެއްވެސް ކޮލެޓަރަލް (ރަހުނު) އެއް ބަހައްޓާކަށް ނުޖެހެއެވެ.
ލޯނު ދޫކުރެވޭނީ މި ދަނޑިވަޅުގައި ދިމާވާ ވަރކިންގ ކެޕިޓަލްތައް ހައްލުކުރަމަށްފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ލޯނު ދޫކުރަނީ، ދިވެހިންގެ ވަޒީފާ ގެއްލުމުގެ ފުރުސަތުތަކާއި، ޕްރައިވެޓް ސެކްޓަރގެ މުސާރަތައް ކުޑަކުރުމަށް އޮތް ފުރުސަތު ކުޑަކުރުމަށް ކަމަށް އަމީރު ވިދާޅުވިއެވެ. ދިވެހިން ވަޒީފާއިން ވަކި ނުކުރުމާއި މުސާރަތައް ކުޑަނުކުރުމަކީ ލޯނު ނަގާ ފަރާތަށް ޝަރުތުކުރެވޭ ކަމެކެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވަނީ މިކަމާއި ގުޅިގެން ލޯނު ނަގާ ވިޔަފާރިވެރިންނަށް އިލްތިމާސެއް ކޮށްފައެވެ. އެގޮތުން ލޯނު ނަގާ ފަރާތްތަކުން މި ޝަރުތުތައް ފުރިހަމަ ކުރޭތޯ ބަލާނެ ކަމަށާއި، ޝަރުތުތަކާއި ހިލާފުވެއްޖެނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
އެންމެ މައިގަނޑު ކޮންޑިޝަންއަކީ ދިވެހިންގެ ވަޒީފާ ނުގެއްލުން. އަޅުގަނޑުމެންގެ މި އެހީތެރިކަން ލިބޭނީ އެކަމަށް އެއްބަސްވާ ވިޔަފާރިތަކަށް. އެގޮތުގެ މަތިން އެ ލޯނު ފެސިލިޓީސްތައް ވެސް އެހެން ކަންކަން ވެސް ލިބިގެން ދާނީ.އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން ސަރުކާރުން ވަނީ ހަރަދުތައް ކުޑަކުރުމަށް ވެސް ނިންމާފައެވެ. އެގޮތުން ރިކަރަންޓް ހަރަދުގެ ތެރެއިން 1 ބިލިއަން ރުފިޔާ ކުޑަކުރުމަށް ވަނީ ނިންމާފައެވެ.