ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، ދަތުރުފަތުރުކުރުމުގެ ސިނާއަތައް ހީނަރުވެ، އެއަރލައިންތަކުގެ ފްލައިޓްތައް ގްރައުންޑް ކުރަން ޖެހުމާއި ގުޅިގެން، މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ވަޒީފާތަކުން ވަކިކުރަން ފަށައިފިއެވެ.
ސަރަހައްދީ ރޮނގުތައް ބަންދުކުރުމާއި ގުޅިގެން އެއަރލައިންތަކަށް ވަނީ، ދަތުރުކުރާ ޝެޑިއުލްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުރާ ދަތުރުތައް މަދުކުރަން މަޖުބޫރުވެފައެވެ. އަދި މި ހާލަތުން އަރައިގަތުމަށް ސަރުކާރުތަކުގެ މާލީ އެހީ ބޭނުންވާނެ ކަމަށްވެސް އެއަރލައިންތައް ހިންގާ ކުންފުނިތަކުން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ދުނިޔޭގެ އެންމެ ބޮޑެތި އެއަރަލައިންތަކުގެ ތެރޭގައި ހިމެނޭ ބްރިޓިޝް އެއަރވޭޒްއިން ބުނީ ކުރިޔަށް އޮތް ދެ މަހުގެ ތެރޭގައި ފްލައިޓްތައް އުދުހޭ މިންވަރު، ފްލައިން ކެޕޭސިޓީގެ ހަތަރު ބައިކުޅަ ތިން ބަޔަށް މަދުކުރާނެ ކަމަށެވެ. ބްރިޓިޝް އެއަރވޭޒްގެ ފްލީޓުގައި 267 މަތިންދާބޯޓު އޮވެއެވެ.
އެމެރިކާގެ އެންމެ ވަރުގަދަ ތިން އެއަރލައިންތަކުގެ ތެރޭގައި ހިމެނޭ، ޔުނައިޓެޑް އެއަރލައިންސުން ވަނީ ޝެޑިއުލްޑް ފްލައިޓްތައް 50 އިންސައްތަ މަދުކުރަން ނިންމާފައެވެ. އެ ކުންފުނިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މާރޗް މަހާ އަޅާ ބަލާއިރު ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ 1.5 ބިލިއަން ޑޮލަރު ދަށަށް ގޮސްފައެވެ.
ހިއްސާދާރުންނަށް ފޮނުވި އިލްތިމާސެއްގައި، ގިނަ އެއަރލައިންތަކުން ވަނީ މިއަހަރު ބޮޑު ގެއްލުމެއް ވާނެކަމަށް އަންޒާޒާކޮށްފައެވެ. އަދި ހިންގުމުގެ ޚަރަދުތައް ކުޑަކުރަން މަޖުބޫރުވެފައިވާ ކަމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައެވެ.
އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަނުން (އަޔާޓާ) އިން އަންދާޒާކޮށްފައިވަނީ ވައިރަސް ފެތުރުން ނުހުއްޓި މި ހާލަތު ދެމިގެން ގޮސްފިނަމަ، މި އަހަރުގެ ތެރޭގައި އެއަރލައިން އިންޑަސްޓްރީއަށް 113 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެއެވެ. ވައިރަސް ޔޫރަޕަށް ފެތުރުމުގެ ކުރިން އަޔާޓާއިން އަންދާޒާކޮށްފައިވަނީ، 30 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށެވެ.
ނަމަވެސް، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ވައިރަސް ކޮންޓެއިން ކުރެވިއްޖެ ހާލަތެއްގައި 63 ބިލިއަން ޑޮލަރަށް ގެއްލުން ކުޑަކުރޭވެނެ ކަމަށް އަޔާޓާއިން ވަނީ އަންދާޒާކޮށްފައެވެ. މިއީ އެމެރިކާއަށް 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ދިން ޓެރަރިސްޓް ހަމަލާއާއި، 2008 ވަނަ ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމަށް ފަހު މި ސިނާއަތަށް ކުރިމަތިވީ އެންމެ ބޮޑު ގޮންޖެހުމެވެ.