ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 19:01
އުރީދޫ
އުރީދޫ
އުރީދޫ
ކޯވިޑް19
މިމަހު ބިލް ނުދެއްކުނަސް ޚިދުމަތް ކަނޑައެއްނުލާނެ: އުރީދޫ
އެހެން ނެޓްވޯކްތަކުގެ ނަމްބަރުތަކަށްވެސް ހިލޭ އެސްއެމްސް ކުރެވޭނެ
މުއާމަލާތްތައް ކުރުމުގައި އުރީދޫގެ ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން ހިފުމަށް ވަނީ އެދިފައި

ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ އެއް ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންގެ ތެރެއިން މިމަހު ބިލަށް ފައިސާ ނުދެއްކޭ ކަސްޓަމަރުންގެ ޚިދުމަތް ކަނޑައިނުލާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އުރީދޫއިން ކުރިއަށް ގެންދާ "އެންމެންނާއިއެކު އުރީދޫ" މި ޝިޔާރުގެ ދަށުން ކަސްޓަމަރުންނަށް ލުއި ފަސޭހަގޮތެއް ހަދައިދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.

އުރީދޫއިން ބުނީ މި މަހުގެ ނިޔަލަށް އުރީދޫ ކަސްޓަމަރުންނަށް ރާއްޖެގައި ބޭނުންކުރަމުންދާ އެހެން ނެޓްވޯކްތަކުގެ ނަމްބަރުތަކަށްވެސް ހިލޭ އެސްއެމްސް ކުރެވޭނެކަމަށެވެ.

އެކުންފުނިން ވަނީ ކަސްޓަމަރުން މިދުވަސްވަރު މުއާމަލާތްތައް ކުރުމުގައި އުރީދޫގެ ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން ހިފުމަށްވެސް އެދިފައިވެއެވެ. މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭގެ އިރުޝާދުގެ ދަށުން ގޭގައި ތިބޭ ފަރާތްތަކަށްވެސް 25 ޕަސެންޓް ބޯނަސް ޑޭޓާ ހިލޭ ދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ގޭގައި ތިބެގެން އޮންލައިން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ދަރިވަރުނަށް ހެޔޮއަގެއްގައި ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއިން ވަނީ "ވޯރކޯ ފޯ ހޯމް" ޕޮލިސީގެ ދަށުން އެކުންފުނީގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައެވެ.

އުރީދޫއިން ގެންދަނީ ކޯވިޑް-19 އަށް މީހުން ހޭލުންތެރި ކުރުމަށްޓަކައި ސަރުކާރާއި އެޗްޕީއޭ އަދި ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.

- ކޮމެންޓް