ކޮވިޑް-19 އާ ގުޅިގެން ގެސްޓް ހައުސްތަކުގެ ހާލަތު ދެނެގަތުމަށް ގެސްޓް ހައުސް އެސޯޝިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ފަރާތުން ސަރވޭއެއް ފަށައިފިއެވެ.
ގޭމްގެ ފަރާތުން ބުނީ މި ސަރވޭގެ މަޤްސަދަކީ ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ހާލަތުގެ ދެނެގަމުގެ އިތުރުން އެ ފަރާތްތަކުގެ އިހްސާސުތައް ދެނެގަތުމާއި ކުރިއަށް އަޅާނެ ފިޔަވަޅުތައް ދެނެގަތުމުގެ މަޤްސަދުގައި ހިންގާ ސަރވޭއެއް ކަމަށެވެ.
މިސަރވޭފޯމް ފުރުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. އަދި 75 ގެސްޓް ހައުސްގެ ފަރާތުން މި ސަރވޭ ފޯމް މިހާތަނަށް ފުރާފައިވާ ކަމަށް ގޭމްގެ ފަރާތުން ބުނެއެެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮވިޑް-19 ފެތުރުމާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު އެ ޤައުމުތަކުގެ އިޤްތިސާދަށް ވަރަށް ބޮޑަށް ކޮށްފައިވާއިރު ރާއްޖޭގެ އިޤްތިސާދަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. އެގޮތުން މިކަމުގެ އަސަރު އެންމެ ބޮޑަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ ކޮށްފައެވެ.
މި މަހުގެ 12 ވަނަ ދުވަހު ޤައުމާ މުހާތަބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން، އިޤްތިޞާދަށް އަރާނެ ލޮޅުމަށް ބަލާއިރު، އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން، މި އަހަރުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީގެ ތެރެއިން، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން މިހާރު ހުރިހާ ހިސާބެއްގައި ވެސް އެކްސްކަރޝަން ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާއިރު އެއްވެސް ރިސޯޓަކުން މީހުން ފުރައިގެން ރަށްތަކަށް ނުދިޔުމާއި އަދި ރަށްތަކުން ވެސް މީހުން ފުރައިގެން ރިސޯޓުތަކަށް ނުދިޔުމަށް ސަރުކާރުގެ ފަރާތުން އިލްތިމާސްކޮށްފައިވެއެވެ.