ކާގޯ ކްލިއަރ ކުރާ ކަސްޓަމަރުން ވީ އެންމެ އަވަހަކަށް ކާގޯ ކްލިއަރ ކޮށްގެން ގެންދިއުމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލުން ބުނީ ކޮންމެ އަހަރެއްގެ ވެސް ހުޅަނގުގެ ފިނި މޫސުމާ ދިމާކޮށް، އިމްޕޯޓު ކާގޯ ދަނީ ވަރަށް ބޮޑަށް އިތުރުވަމުން ކަމަށާއި، މިކަމުގެ ސަބަބުން ކާގޯ ސަރވިސަސްއަށް ކޮންމެ އަހަރެއްގެ މި ދުވަސްވަރުގެ ތެރޭގައި، ޚިދުމަތް ދެވެން އޮންނަ މިންވަރަށް ވުރެ އިތުރަށް ކަސްޓަމަރުންނަށް ޚިދުމަތް ދޭންޖެހޭ ކަމަށެވެ. އަދި މިދުވަސްވަރު ރާއްޖެއަށް އިމްޕޯޓް ކުރެވޭ ޕެރިޝަބަލް ކާގޯ ދުވާލެއްގެ މައްޗަށް %80 އިތުރުވެގެންދާ ކަަމަށެވެ.
އެގޮތުން ކާގޯގެ އަދަދު އިތުރުވެގެން ދާތީވެ، ރާއްޖެއަށް މިސީޒަނަށް އިމްޕޯޓު ހޭންޑްލިންގއަށް އެންމެ ބާރުބޮޑު ވެގެންދާ ދުވަސްތަކުގައި ގޮތުގައި ހޮނިހިރު، އާދީއްތަ، އަންގާރަ އަދި ބިދަ ދުވަސް ފާހަގަކޮށް އެމްއޭސީލުން ބުނީ މިދިޔަ 22 ޑިސެންބަރު 2019 ވީ އާދިއްތަ ދުވަހު ރެކޯޑު އަދަކަށް ކާގޯ ހޭންޑްލިންގ ކޮއްފައިވާ ކަމަށެވެ. އެއީ އެއްދުވަހުގެ މަތިން 329 ޓަނުގެ ކާގޯ ކަމަށް އެމްއޭސީލުން މައުލޫމާތުދެއެވެ.
މީގެ އިތުރުން އެމްއޭސީލުން ބުނީ މިދުވަސްތަކުގައި އިިތުރު ފްލައިޓްތައް އޮޕަރޭޓްކުރެވި، ކަސްޓަމަރުންނަށް ކާގޯ ކްލިއަރ ކޮށްގެން ގެންދެވޭވަރަށް ވުރެ އިތުރުވެގެންދާ ކަމަށެވެ. މިކަމުގެ ސަބަބުން ކާގޯ އިމްޕޯޓު ގުދަން ފުރި އިތުރު މުދާ ގުދަނަށް ބޭލުމާއި ހަވާލުކުރުން ލަސްވާ ކަމަށް އެމްއޭސީލުން ބުންޏެވެ.
އެމްއޭސީލުން ބުނީ މިސަބަބުތަކާއި ހުރެ ކާގޯ ކްލިއަރ ކުރާ ކަސްޓަމަރުން ވީ އެންމެ އަވަހަކަށް ކާގޯ ކްލިއަރ ކޮށްގެން ގެންދިއުމަށް ކަސްޓަމަރުންގެ ފަރާތުން އެދޭ ކަމަށެވެ. ހަމަމިއާއި އެކު ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ކުރިއަށްއޮތް ދުވަސްތަކުގައިވެސް ދިނުމަށް އެދޭ ކަމަށެވެ. އަދި ކާގޯ ޕީކް ސީޒަން ( އޮކްޓޫބަރ އިން މާރިޗުއަށް) ގައި ކާގޯ ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތަކަށް އެމްއޭސީލުން ވަނީ މާފަށް އެދިފައެވެ.
އެމްއޭސީއެލްގެ ކާގޯ ސަރވިސަސްއިން ކާގޯ ހޭންޑްލިންގ ޚިދުމަތް ދެމުން ގެންދަނީ 45 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ޖާގައިގެ ގޮތުން ކުޑަ ފެސިލިޓީއެއްގައެވެ. އެހެންކަމުން، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގުދަނުގެ ޖާގަ އިތުރުކުރުމަށާއި އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން، ގުދަން ބޮޑު ކުރެވި، މި ޓާމިނަލްގައި ދުވާލެއްގެ މައްޗަށް 150 ޓަނުގެ ކާގޯ ހޭންޑްލް ކުރެވޭ ވަރަށް ގުދަނުގެ ޖާގަ މިހާރުވަނީ ބަދަލުކުރެވިފައިވާ ކަމަށް އެމްއޭސީލުން ބުނެއެވެ.
އެމްއޭސީލުން ބުނީ މިއަންނަ އަހަރު އަލަށް ހުޅުވިގެންދާ ކާގޯ ފެސިލިޓީއަކީ ފެންވަރުގެ ގޮތުން ޔޫރަޕްގެ ސްޓޭންޑަޑް އާރ.އޭ 3 ގެ ފެންވަރުގައި ޙިދުމަތް ދެމުން އަންނަ ފެސިލިޓީއެއް ކަމަށެވެ.