"މޫދު ވައިބްސް" އިން 2020 ވަނަ އަހަރަށް ތައްޔާރުކޮށްފައިވާ ޕަރސަނަލް ޕްލޭނަރ ރަސްމީކޮށް ލޯންޗްކޮށްފިއެވެ.
ލަކްސް* ސައުތް އަރި އެޓޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭނަރ ލޯންޗްކޮށްދެއްވީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޖޯނަސް އެމްސްޓެޑްއެވެ. މި ޕްލޭނަރއަކީ މީހާގެ ޑެއިލީ ރޫޓީން އާއި އެޕޮއިންޓްމަންޓްތަކުގެ މައުލޫމާތު ލިޔެވޭނެހެން ތައްޔާރުކޮށްފައިވާ ޕްލޭނަރއެކެވެ. އަދި ޕްލޭނަރގައި ބޭނުންކޮށްފައިވަނީ ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކެވެ.
މި އިވެންޓުގެ ބައިވެރިންނާ ވާހަކަ ދައްކަމުން، އެމްސްޓެޑް ބުނީ ލަކްސް* އިން އަބަދުވެސް ދިވެހި އަމިއްލަ ވިޔަފާރިތަކަށާއި އުފެއްދުންތެރި ވިސްނުމަށް ވީވަރަކުން އެއްބާރުލުންދޭ ކަމަށެވެ. އަދި މޫދު ވައިބްސްގެ މި އުފެއްދުން ލޯންޗް ކުރުމުގައި ބައިވެރިވެވުނީތީ ވަރަށް އުފާ ކުރައްވާކަމަށް އެމްސްޓެޑް ބުންޏެވެ.
މޫދު ވައިބްސްއިން ތައްޔާރުކޮށްފައިވާ 2020ވަނަ އަހަރުގެ ޕްލޭނަރ، 31 ޑިސެމްބަރުން ފެށިގެން ޕާޓިކަލްސްއިން ޕްރީއޯޑަރ ކުރެވޭނެއެވެ. އަދި ޕްރީއޯޑަރ ކޮށްފައިވާ ފަރާތްތަކަށް 24 ގަޑިއިރުގެ ތެރޭގައި ޕްލޭނަރ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
މޫދު ވައިބްސްއަކީ ޒުވާން ދެ ވިޔަފާރިވެރިން ގުޅިގެން އުފައްދާފައިވާ ސައްތައިން ސައްތަ ދިވެހި ކުންފުންޏެކެވެ. މިއީ އެ ޒުވާނުން، މޫދަށް އޮންނަ ލޯބި އެންމެނާ ހަމައަށް ގެނެސްދިނުމުގެ ނިޔަތުގައި ދިވެހިރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތައް އިޝްތިހާރުކުރުމަށް އުފައްދާފައިވާ އުފެއްދުންތަކެކެވެ.