Advertisement
ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 17:47
ރާއްޖެޓީވީ ރޯކޮއްލި މީހުން ސްޓޫޑިއޯގެ ދޮރު ހަލާކުކޮށްލަން މަސައްކަތް ކުރަނީ -
ރާއްޖެޓީވީ ރޯކޮއްލި މީހުން ސްޓޫޑިއޯގެ ދޮރު ހަލާކުކޮށްލަން މަސައްކަތް ކުރަނީ -
ރެޑް ބުލް
ރާއްޖެޓީވީ ރޯކޮށްލި މައްސަލަ
ރާއްޖެޓީވީ ރޯކޮށްލި މައްސަލަ ޕީޖީއަށް ފޮނުވައިފި
އެހާދިސާގައި 11.65 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވޭ
މި އަމަލު ހިންގާފައިވަނީ މާސްކު އަޅައިގެން ތިބި ފަސް މީހުން
މިހާދިސާ ހިނގާފައިވަނީ ރާއްޖެޓީވީއަށް ހަމަލާންދޭން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނިކޮށް

"ރާއްޖެޓީވީ" ރޯކޮށްލި މައްސަލަ ބަލާ ދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ފޮނުވައިފި އެވެ.

ޕީޖީ ޝަމީމަށް "ރާއްޖެޓީވީ"އިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، 07 އޮކްޓޯބަރު 2013 ވަނަ ދުވަހު ރާއްޖެޓީވީގެ ޚިދުމަތް ދެމުންދިޔަ ޢިމާރާތުގައި ހުޅުޖަހާ ރޯކޮށްލި ޙާދިސާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެމައްސަލަ ވަނީ ތަހުޤީޤުކޮށްފަ ކަމަށެވެ. އަދި އެތަހުޤީޤަށް ފަހު، އެކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވި ބައެއް ފަރާތްތަކުގެ މައްޗަށް ޖިނާޢީ ދަޢުވާ ކުރަން ޕީޖީގެ އޮފީހަށް ފޮނުވާ އަދި އެފަރާތްތަކުގެ މައްޗަށް ދަޢުވާ އުފުލުނު ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް މިހިތާމަވެރި ޙާދިސާއަށް 6 އަހަރު ފުރިގެން ދިޔައިރުވެސް މިކަމުގެ ސަބަބުން ގެއްލިގެންދިޔަ "ރާއްޖެޓީވީ"ގެ ޙައްޤުތައް ހޯދާދިނުމަށް ދަޢުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އަޅާފައިނުވާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށް ވެސް އެސީޓީގައި ބުނެފައި ވެއެވެ.

މީގެއިތުރުން އެސިޓީގައި ބުނެފައިވަނީ، ރާއްޖެޓީވީ ހުރި ޢިމާރާތުގައި ހުޅުޖަހައި ރޯކޮށްލި ޙާދިސާ ހިނގުމުގެ ކުރިން އެފަދަކަމެއް މެދުވެރިވެދާނެކަމަށް ޝައްކުކުރެވޭތީ، ރާއްޖެޓީވީގެ ފަރާތުން އެކަން ފުލުހުންގެ ސަމާލުކަމަށް ލިޔުމުން އަންގާފައިވީނަމަވެސް، އެކަމުގައި ފުލުހުންގެ މުއައްސަސާގައި އޭރު އިސްކޮށް ތިބި ފަރާތްތަކުން ފިޔަވަޅު އަޅާފައި ނުވާކަމަށެވެ. އެދުވަހު އެކަމާގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް ދަޢުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން އެޅިނަމަ ރާއްޖެޓީވީއަށް އެވަރުގެ ބޮޑު ގެއްލުމެއް ލިބުމަކީ ނާދިރުކަމެއް ކަމަށެވެ. މިކަމަކީ ބަޔަކު ޤަސްތުގަ ރާވައިގެން ކުރި ކަންތައްތަކަކާއި، އެކަންތައްތަކުގައި ދަޢުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރަން ތިބި އިސްފަރާތްތަކެއް ބައިވެރިވެފައިވާ ކަމުގެ އިތުރު ހެކިތައް ފުލުހުންގެ މުއައްސަސާއަށް ފަހުން ލިބިފައިވާކަމުގެ މަޢުލޫމާތު ރާއްޖެޓީވީއަށް ލިބިފައިވާ ކަމަށެވެ.

Advertisement

ރާއްޖެޓީވީގެ ޚިދުމަތް ދެމުންދިޔަ ޢިމާރާތުގައި ހުޅުޖަހައި ރޯކޮށްލި ޙާދިސާއާ ގުޅިގެން ރާއްޖެޓީވީއަށް ލިބުނު ގެއްލުމާއި ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އަދި ރާއްޖެޓީވީ ހުޅުޖަހައި ރޯކޮށްލި މައްސަލާގައި އެކަމުގައި ބައިވެރިވި ފަރާތްތައް ވީހާވެސް އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެނެސް، އިންސާފު ހޯދާދިނުމަށް މަސައްކަތްކޮށްދެއްވުމަށް ރާއްޖެޓީވީން ވަނީ ޕީޖީގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ.

ރާއްޖެޓީވީ ހުޅުޖަހައި ރޯކޮށްލި ޖަރީމާ ހިނގާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ ޢިމާރާތުގައި އަލިފާން ރޯކޮށްލާ ހުރިހާ އިކުއިޕްމެންޓެއް އަންދައި އަޅިއަށް ހަދާލާފައިވަނީ، ރާއްޖެޓީވީއަށް ޙަމަލާދޭން އުޅޭކަމުގެ މަޢުލޫމާތު ލިބި، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ހިންގި މި ޖަރީމާގެ ސަބަބުން 11.65 މިލިއަން ރުފިޔާގެ ގެންލުން ރާއްޖެޓީވީއަށް ލިބިފައިވެއެވެ. މާސްކު އަޅައިގެން ތިބި ފަސް މީހުން ރާއްޖެޓީވީ ހުރި ޢިމާރާތަށް ވަދެ ސްޓޫޑިއޯ ރޯކޮށް އަޅިއަށް ހަދައިލިތާ 6 އަހަރު ފާއިތުވެގެން ދިޔައިރު ވެސް އެކަމުގައި ރާއްޖެ ޓީވީއަށް އިންސާފު ލިބިފައެއް ނެތެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އޭނާގެ ޝަރީޢަތް އަދިވެސް ނުނިމެ އެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރާއްޖެޓީވީއަށް ތަފާތު ފިއްތުންތަކާއި ގެއްލުންތައް ދައުލަތުގެ މުއައްސަސާތަކުންނާއި އެކި އެކި ފަރާތްތަކުން ކުރިމަތިވެފައިވެއެވެ. އެގޮތުން ރާއްޖެޓީވީގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށް ބޭއިންސާފުން ޝަރީޢަތް ހިންގައި ތިން ނޫސްވެރިއަކު ޖޫރިމަނާކޮށްފައިވާއިރު އަބުރުގެ ޤާނޫނު ސަބަބަކަށް ހަދާ ބޭއިންސާފުން 3.7 މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައިވެސް ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް