Advertisement
ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 15:04
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން
ސަން އޮންލައިން
ޖޭއެސްސީ
ފާއިޒްގެ މައްސަލަތަކެއް ބަލަން ނިންމައި ރައީސްއަށް މަޝްވަރާއެރުވުން ލަސްކޮށްފި
ގާނޫނައި ހިލާފް ނިންމުން ތަކުގައި ބައިވެރިވިކަމަށް ބެލެވޭ
ފާއިޒަކީ ކުރީގެ އުއްތަމަ ފަނޑިޔާރު
ޖޭއެސްސީގެ މައްސަލަތަކެއް ބަލަން ނިންމައިފައި

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނުކުރުމާއި ގުޅޭގޮތުން ލަފަޔަކަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަންފޮނުވާފައިވާ އަޙުމަދު ފާއިޒު ހުސައިންގެ މައްސަލަތަކެއް ބަލަން ނިންމައި ރައީސް ސޯލިހަށް މަޝްވަރާއެރުވުން ލަސްކުރުމަށް ކޮމިޝަނުން ނިންމައިފި އެވެ.

އަންގާރަ ދުވަހު ޖޭއެސްސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވާފައިވާ ނަންފުޅާއެކު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތައް ސްކްރީންކުރެވި، ޝޯޓްލިސްޓް ކުރެވުމަށްފަހު، އިންޓަރވިއުކޮށް، އެކުލަވާލި ކޮމިޓީގެ ނިންމުން ކޮމިޝަނަށް ބަލައިގަތުމަށާއި، އަދި އެ ނިންމުމުގެ އަލީގައި ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމަށް ކޮމިޝަނުގެ ޖަލްސާއިން ނިންމާފައިވާކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާއި ގުޅޭގޮތުން ކޮމިޝަނުގެ މަޝްވަރާއަށް ރައީސް ސޯލިހު އެދިވަޑައިގެންފައިވާ އަޙްމަދު ފާއިޒް ޙުސައިން (ވައިޖެހޭގެ، ހދ. ވައިކަރަދޫ) އަކީ، އެބޭފުޅާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމާއި އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރެއްވިއިރު ސުޕްރީމް ކޯޓުގެ ބެންޗުން ނިންމާފައިވާ ޤާނޫނާ ޚިލާފް އަދި ސުޕްރީމްކޯޓުގެ އިޙްތިޞާޞުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިޙްތިޞާޞްގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއްކަމަށް ބެލެވޭކަމަަށެވެ. އަދި އެސަބަބުތައް ހިމެނޭގޮތަށް އިތުރު އެހެނިހެން މައްސަލަތަކަކާއިއެކު، އެ މައްސަލަތައް ނިންމެވި އެ ކޯޓުގެ އެހެން ފަނޑިޔާރުން މަޤާމުން ވަކިކުރައްވާފައިވާ ހިނދު، އެނިންމުންތަކުގައި އަޙްމަދު ފާއިޒް ޙުސައިން ބައިވެރިވެވަޑައިގެންފައިވޭތޯ އާއި، އަދި ބައިވެރިވެވަޑައިގެންފައިވާނަމަ، އެނިންމުންތަކުގައި އަޙްމަދު ފާއިޒް ޙުސައިން ބައިވެރިވެވަޑައިގެންފައިވަނީ ކިހާ މިންވަރަކަށްތޯ ބެލުމަށްފަހު، އެނަންފުޅާމެދު ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށް ކޮމިޝަންގެ ޖަލްސާއިން ނިންމާފައިވާކަމަށެވެ.

ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ޤާނޫނު ނަންބަރު13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ނ) ގައިބަޔާންކޮށްފައިވާ އުސޫލުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާދިނުމަށް، މ ބޭއްވެވި ކޮމިޝަނުގެ 94 ވަނަ ބައްދަލުވުމުން ނިންމަވާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ. އަންގާރަ ދުވަހުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ މެމްބަރު އަލްއުސްތާޛް އަލީ ޝަރީފްއެވެ.

Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ހުސްވެފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެއީ މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 64 މެމްބަރުންގެ އަޣްލަބިއްޔަތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދު ފަނޑިޔާރުކަމުން ވަކިކުރުމަށް ފާސްކުރުމާ ގުޅިގެންނެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުން ސަރުކާރާއި ޖޭއެސްސީން ޖުޑީޝަރީ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އުއްތަމަ ފަނޑިޔާރު ކަމަށް އަހުމަދު މުއުތަސިމް އަދުނާނު އައްޔަން ކުރައްވާފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު އައްޔަން ކުރައްވާފައިވެއެވެ. އެ ދެ ބޭފުޅުން އައްޔަން ކުރެއްވުމުގެ ކުރިން ތިން ފަނޑިޔާރަކު އައްޔަން ކުރައްވާފައިވެއެވެ. އެއީ ޑރ. އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވަން ޖެހެއެވެ. މިވަގުތު އެ ކޯޓުގައި ތިއްބެވީ 5 ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާއަށް އެދިލައްވާފައިވާ ހައިކޯޓުގެ ފަނޑިޔާރު، އަބްދުއްރައޫފް އިބްރާހީމާ ގުޅޭގޮތުން 3 ޝަކުވާއެއް ޖޭއެސްސީީއަށް ލިބިފައިވާތީ، އެ ޝަކުވާތަކާމެދު ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އެ ނަންފުޅާ މެދު ރައީސަށް މަޝްވަރާދިނުމަށް ޖޭއެސްސީން ވަނީ މީގެކުރިން ނިންމާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް