މަކްތަބާ ސަލަފިއްޔާއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރަޖިސްޓަރީނުކޮށް ސްކޫލް ހިންގާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް ވިދާޅުވީ މަކްތަބާ ސަލަފިއްޔާއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރަޖިސްޓަރީނުކޮށް ސްކޫލް ހިންގާކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވަނީ އާމުންގެ ފަރާތުން ކަމަށެވެ.
އަފްރާހު ވިދާޅުވީ މަކްތަބާ ސަލަފިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމަށްވާ މުހައްމަދު ހަސަން ފަތުވާދީގެން ސަރުކާރު ހިންގާ ސްކޫލްތަކަށް ކުދިން ކިޔަވަން ނުފޮނުވާ ހަމައެކަނި އެ ޖަމާއަތުގެ ސްކޫލްތަކުން ކިޔަވާކަމުގެ ޚަބަރު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލި ބެލުމުގައި އެއީ ހަގީގަތެއް ކަން އެނގިފައިވާ ކަމަށް އަފްރާހު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު މަކްތަބާ ސަލަފިއްޔާއިން ވަނީ ދީނީ ހަރުކަށި ފިކުރާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއްވާއްވާފައެވެ. މި ބައްދަލުވުމުގައި އެ ޖަމިއްޔާގައި ހަރަކާތްތެރިވާ ފަރާތްތައް ދީނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ކަމަށް ބުނާ ޚަބަރުތައް ދޮގުކޮށްފައިވެއެވެ. އަދި އެ ނޫސްކޮންފަރެންސްގައި ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާކަމުގެ ބޮޑެތި ތުހުމަތުތަކެއް ޖަމިއްޔަތުއް ސަލަފްގެ ގިނަ އިލްމުވެރިންތަކެއްގެ މައްޗަށް ކޮށްފައިވެއެވެ.