ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ މިހަފުތާގެ ބުދަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ގޮތުން ރާއްޖެ ޓީވީ އަށް މަޢުލޫމާތު ދެެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ބުދަ ދުވަހުން ފެށިގެން ހަތަރު ވަރަކަށް ދުވަހު އުތުރާއި މެދު ރާއްޖެ ތެރެއަށް މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ނަމަވެސް ދެކުނުގެ ޞަރަޙައްދުތަކަށް ކޮންމެސް ވަރަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 3 ފޫޓާއި 6 ފޫޓާ ދެމެދު ކަމަށެވެ.
ރާއްޖެއަށް މިހާރު ވިއްސާރަކުރަމުންދަނީ ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ލޯ ޕްރެޝަރ ކޮޅިގަނޑެއްގެ ސަބަބުން ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.