Advertisement
ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 11:23
މަސްވެރިންގެ ޕާކުގައި ހެދި ރެސްޓް ރޫމްގެ ތަޅުދަނޑި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ (ކ) އާއި އެމްޑަބްލިއުއެސްސީގެ އެމްޑީ އާޒިމް (ވ) ހަވާލުކޮށްދެއްވަނީ
މަސްވެރިންގެ ޕާކުގައި ހެދި ރެސްޓް ރޫމްގެ ތަޅުދަނޑި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ (ކ) އާއި އެމްޑަބްލިއުއެސްސީގެ އެމްޑީ އާޒިމް (ވ) ހަވާލުކޮށްދެއްވަނީ
އެމްޑަބްލިޔުއެސްސީ
ފަތުރުވެރިންގެ ރެސްޓް ރޫމް
ފަތުރުވެރިންނަށް ހާއްސަކޮށްގެން ހެދި ރެސްޓްރޫމް ސިޓީ ކައުންސިލާ ހަވާލުކޮށްފި
މިތަނުގައި 7 އާންމު ފާހާނާ، 1 ހާއްސައެހީއަށް ބޭނުންވާ ފާހާނާ އަދި ފެންވަރާ ތަނާއި ރީތިވާ ތަން ހިމެނޭ

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން މަސްވެރިންގެ ޕާކުގައި ތަރައްޤީކުރި ރެސްޓްރޫމް އެމްޑަބްލިއުއެސްސީން ސިޓީ ކައުންސިލާ ޙަވާލުކޮށްފިއެވެ.

މާލޭގެ އާޘާރީ ތަންތަން ބަލާލުމަށާއި އެކިއެކި ބޭނުންތަކުގައި މާލެ އަންނަ ފަތުރުވެރިންނަށް ޢަމާޒުކޮށްގެން އެމްޑަބްލިއުއެސްސީގެ ސީއެސްއާރް ޕރޮގުރާމުގެ ދަށުން ހެދި ރެސްޓް ރޫމް މާލެ ސިޓީ ކައުންސިލާ ޙަވާލުކޮށްފައިވަނީ ހޯމަ ދުވަހު މަސްވެރިންގެ ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެގޮތުން މަސްވެރިންގެ ޕާކުގެ ނަމުން ނަންދީފައިވާ މި ރެސްޓް ރޫމްގެ ތަޅުދަނޑި މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުޙައްމަދާއި ޙަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމެވެ.

Advertisement

މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ ވިދާޅުވީ މިތަން ވެގެންދާނީ ފަތުރުވެރިން ލަފާ ފުރުމުގައި ވަރަށް މުހިންމު ތަނަކަށް ކަމަށެވެ. އަދި އެތަނުން ފަތުރުވެރިންނަށް ބޭނުންވާ މަޢުލޫމާތާއި މާލޭގައި ހުރި އާޘާރީ ތަންތަނާއި ކައިރި ރަށްރަށް ދަތުރުކުރާ ފެރީގެ މަޢުލޫމާތުގެ އިތުރުން މާލެއިން ދެވެން ހުންނަ ރަށްރަށުގެ މަޢުލޫމާތު އެތަނުން ލިބޭނެ ގޮތަށް ހަމަޖެހިގެންދާނެ ކަމަށެވެ.

ޝިފާ ވިދާޅުވީ ރެސްޓްރޫމުން އަގު ނެގުމާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށާއި، އެކަން ނިންމާނީ ކައުންސިލް ބައްދަލުވުމުން ކަމަށެވެ. އަދި އެތަން ހިންގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށާއި، ވަރަށް ގިނަ ބަޔަކު އެކަމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.

"މިތަން ވެގެންދާނީ ޓުއަރިސްޓުންނަށް ހަބެއްގެ ގޮތުގައި. ޓުއަރިސްޓުންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ދެވިގެންދާނެ ތަނެއްގެ ގޮތުގައި. ވަކިން ހާއްސަކޮށް ބައެއް ބޭފުޅުން މިހާރަކަށް އައިސް ވަޑައިގަންނަވާ މާބޮޑު ޕްލޭނެއް ނެތިވެސް. އެއީ ކެޕިޓަލް ސިޓީއަށް ޒިޔާރަތް ކުރުމަށްފަހު ގެސްޓް ހައުސްތަކަށް ދިއުން ނުވަތަ ރަށްރަށް ދިއުމަށް. އެހެންކަމުގައި ވާނަމަ މިތަނުން ލިބެންޖެހޭ ފުލައިޓްގެ މައުލޫމާތާއި ފެރީގެ މައުލޫމާތު އަދި ދުވަހުން ދުވަހަށް ރަށްރަށަށް ފުރަނީ ކޯއްޗެއްކަން ވެސް އެނގެން އެބަޖެހޭ. ދެން އެކި ދިމަދިމާލަށް ފަތުރުވެރިން ވަޑައިގެން މައުލޫމާތު ނުލިބިގެން އުޅުއްވާކަށް ޖެހިވަޑައި ނުގަންނަވާނެ ކުރިއަށް އޮތްތަނުގައި މިތަން ފަންކްޝަން ކުރަން ފެށުނީމަ،"
މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ

އެމްޑަބްލިއުއެސްސީގެ އެމްޑީ އާޒިމް ވިދާޅުވީ އެކި ބޭނުންތަކުގައި 3000 އާ ގާތްކުރާ ޢަދަދަކަށް ދުވާލެއްގެ މައްޗަށް މާލެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށާއި، ނަމަވެސް އެ ފަރާތްތައް ފާޚާނަކޮށް މަޑުކޮށްލާނެ ތަނެއް ނެތް ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ރެސްޓް ރޫމާއެކު އެކަން މަގުފަހިވެގެން ދާނެ ކަމަށާއި، މީގެ ކުރިން އެފަދަ ވަޞީލަތެއް ނެތުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

"ކުރިން ކޮންމެވެސް ފިހާރައަކަށް ނުވަތަ މިސްކިތަކަށް ވަދެފައި ފާހާނާކޮށްލަން ޖެހެނީ. މިއީ ވަރަށް ހަޑި މަންޒަރުތަކެއް. ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވައްދަނީ ފަތުރުވެރިން. ގާތްގަޑަކަށް 80 ޕަސެންޓް އެއީ ފަތުރުވެރިން އައިސް ކުރާ ހޭދަ. މިވަރު ބޮޑު ހަރަދެއް ކުރާއިރު އަޅުގަނޑުމެން އަޅުގަނޑުމެން އެކަން ބަލައިގަންނަން ޖެހޭ. އަދި އަޅުގަނޑުމެން ޖެހޭ އެ ފަރާތްތަކަށް އޯގާތެރިވާން. އަނގައިން ބުނެގެން ފަރު ނުޖެހޭނެ އެކަން ދައްކަން ވެސް ޖެހޭ،"
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް

މިއީ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން މާލޭގައި ފުރަތަމަ ފަހަރަށް ހެދި ފާޚާނާ ބަރިއެވެ. 7 ފާޚާނާއާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ފެންވެރުމާއި ފާޚާނާ ކުރުމަށް ހަދާފާއިވާ ފާޚާނާއަކާއި 2 ފެންވަރާ ތަނާއި އަދި މޫނު ދޮވެ ރީތިވުމަށް ބޭނުންކުރެވޭނެގޮތަށް ހަދާފައިވާ ރެސްޓް ރޫމް ބައިގައި ކުޑަ އޮފީހަކާއި ވެއިޓިންގ އޭރިއާއެއް ހިމެނޭ ގޮތަށް ތަރައްޤީ ކުރި މިތަން ހިންގަން ނިންމާފައިވަނީ ބިޒްނަސް މޮޑެލްއަކަށް ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް