Advertisement
ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 09:58
ތިލަފުށީގެ ކުނިގޮނޑު
ތިލަފުށީގެ ކުނިގޮނޑު
ހަނީ އާމިރް 2019
ތިލަފުށި
ތިލަފުށި ޑިސްޕޯސަލް ސައިޓް ފުރި ޖާގައިގެ ދަތިކަން ކުރިމަތިވެއްޖެ
ކުނި ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށް ގިނަ މަސައްކަތްތަކެއްކުރޭ
ވެހިކަލްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދޭ
ތިލަފުށީގެ އޮޕަރޭޝަންނަށް ޝިފްޓްއެއް މިހާރު ވަނީ އިތުރުކޮށްފައި

ގިނަ އަހަރުތަކެއް ވަންދެން ޖަމާކުރެވިފައިވާ ކުނީގެ ސަބަބުން ތިލަފުށީގެ ''ތިލަފުށި ޑިސްޕޯސަލް ސައިޓް'' ފުރި ޖާގައިގެ ދަތިކަން ކުރިމަތިވެއްޖެއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނީ ތިލަފުށިގައި ހިންގަމުންދާ ''ތިލަފުށި ޑިސްޕޯސަލް ސައިޓް'' ޞަރަޙައްދަކީ ރާއްޖޭގައި އުފެދޭ ކުނީގެ ބޮޑު އިންސައްތައެއް ޖަމާކުރަމުންދާ ޞަރަޙައްދެއް ކަމަށާއި، އެޞަރަޙައްދުގައި ޖަމާވެފައިވާ ކުނި ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް ގިނަ އަހަރުތަކެއް ވަންދެން ޖަމާކުރެވިފައިވާ ކުނީގެ ސަބަބުން ތިލަފުށި ޑިސްޕޯސަލް ސައިޓް ފުރި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.

ވެމްކޯއިން ބުނީ ތިލަފުށީގައި ބޭނުން ކުރަމުންދާ އެކި ވެހިކަލްތައް މަރާމާތުކުރުމާއި، އަޕްގްރޭޑްކުރުމުގެ މަސައްކަތްތަކެއް ނޮވެންބަރު 2019 އިން ފެށިގެން ކުރަމުންދާ ކަމަށާއި، ވެމްކޯ ތިލަފުށި ސައިޓާއި އިންވެގެން އޮންނަ ޞަރަޙައްދުގެ ބަނދަރާއި ތޮށިގަނޑު މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ވެސް މިހާރު ކުރެވެމުންދާ ކަމަށެވެ.

މީގެ ސަބަބުން ވެމްކޯއިން ކުނި ހުސްކުރުމަށް ބޭނުންކުރަމުންދާ ގިނަ ވެހިކަލްތަކަށް އެޞަރަޙައްދުގައި ޙަރަކާތްތެރިވުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިމަރާމާތަކީ ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް ޤަސްތުކުރެވުނު މަސައްކަތަކަށް ވީނަމަވެސް މޫސުން ތަން ނުދިނުމާއި، ވެހިކަލްތަކަށް ލިބިފައިވާ ގެއްލުންތަކާއި އެކޯޕްރޭޝަނަށް ލިބެންޖެހޭ ވެހިކަލް އަދި މެޝިނަރީސްތައް ވަގުތަށް ނުލިބުމުގެ ސަބަބުން ތިލަފުށީގައި ދެމުންގެންދާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.

Advertisement

މީގެ އިތުރުން ވެމްކޯއިން ބުނީ ތިލަފުށި ޑިސްޕޯސަލް ސައިޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަކީ ވެސް މަސައްކަތްތައް ނިންމުމަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ވެމްކޯއިން ބުނީ މިމަސައްކަތްތައް ކުރަމުންދާ ދަނޑިވަޅުގައި، ތިލަފުށިން ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންނަށް ބުރޫނާރާނެ ގޮތަކަށް ޚިދުމަތްތައް ރޭވެމުންދާ ކަމަށާއި، ކުނި ނެގުމުގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން ތިލަފުށީގެ އޮޕަރޭޝަންނަށް ޝިފްޓެއް އިތުރުކޮށް، ތިލަފުށީގައި ބޭނުން ކުރުމަށް އިތުރު ވެހިކަލްތައް ކުއްޔަށް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަސްޓަމަރުންގެ ފަރާތުން ދެމުންގެންދާ އެއްބާރުލުން ފާހަގަކޮށް ވެމްކޯއިން ވަނީ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާއަފަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް