ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ ޤާނޫނުތައް ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ތަހުނިޔާ ފޮނުވަމުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަކީ ޤާނޫނުގެ ވެރިކަން ދަމައްހައްޓާ، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރާނެ މައި އިދާރާ ކަމަށެވެ. އަދި މަޖިލިސް އޮންނާނީ އަދި ކަށަވަރުކޮށް ދަމަހައްޓާނީ، ރާއްޖޭގެ ގާނޫނުތަކާއި ރައްޔިތުންގެ ހައްގުތަށް ކަމަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ އިންސާނީ ހައްޤުތައް ހިމާޔަތްކޮށް އިތުރަށް މަސައްކަތް ކުރުމަށް އެކަމާބެހޭ ކޮމިޓީއެއް އުފައްދާފަ އެވެ. އެގޮތުން ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފައްދައިގެން މަސައްކަތް ކުރަމުންދާއިރު އެކޮމިޓީން އަންނަނީ އިންސާނީ ހައްގުތަކާއި ގުޅޭ ގިނަ މައްސަލަތަކެއް ބަލާ ކަމާބެހޭ ދައުލަތުގެ ވުޒާރާތައް ހާޒިރުކޮށް ސުވާލުކުރަމުންނެވެ. ވަކިން ޚާއްސަ ކޮށް ކުޑަކުދިންނާއި ގުޅުންހުރި ގިނަ ކަންތައްތަކެއް އެކޮމިޓީން އަންނަނީ ބަލަމުންނެވެ.