ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެބިލު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދެވެ.
އެބިލުގައިވާ ގޮތުން، އެއަރޕޯޓް ޓެކުހުގެ ގޮތުގައި، އިކޮނޮމިކް ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން 12 ޑޮލަރު ނަގާއިރު، ބިދޭސީއެއްގެ އަތުން 30 ޑޮލަރު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނެގުމަށް ނިންމާފައިވާއިރު، ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު ނެގުމަށް ހުށަހަޅާފައި ވެއެވެ. އަދި މީގެއިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނެގުމަށްވެސް އެބިލުގައި ވެއެވެ.
އެބިލުގައިވާ ގޮތުން އެއަރޕޯޓް ޓެކުހުގެ ގޮތުގައި އެއަރޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ޓެކުހެއް ނެގުމުގެ އިތުރަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި ވެސް ހަމަ އެޢަދަދުތަކުން ފީ ނެގުމަށް ވެސް ވަނީ ހިމަނާފަ އެވެ.
އެހެންކަމުން، އެއަރޕޯޓުން އިކޮނޮމިކް ކްލާހުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ޖުމުލަ 24 ޑޮލަރު ނެގޭއިރު ބިދޭސީއެއްގެ އަތުން ޖުމުލަ 60 ޑޮލަރު ނެގޭނެ އެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ކޮންމެ މީހަކު 120 ޑޮލަރު، ފަސްޓް ކްލާހުން ދަތުރުކުރާ ކޮންމެ މީހަކު 180 ޑޮލަރު އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ ކޮންމެ މީހަކު 240 ޑޮލަރު އެއަރޕޯޓް ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައްކަން ޖެހެއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުމުގެ ބޭނުމަކީ، މިހާރު ޢަމަލުކުރަމުންދާ ޤާނުނުގެ ދަށުން ޓެކުހުގެ ގޮތުގައި ނަގަމުން އަންނަ އެއަރޕޯޓް ސަރވިސް ޗާޖު ނެގުން، އަންނަ މާރޗް މަހުގެ 31 ގެ ނިޔަލަށް ނިމުކަމަށް ގެނެސް، ފަސިންޖަރުން ދަތުރުކުރާ ކްލާހަށް ބިނާކޮށް ނެގޭ ޑިޕާޗަރ ޓެކުހެއް، 1 އޭޕްރީލް 2020 އިން ފެށިގެން ތަޢާރަފުކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ފީގެ ގޮތުގައި ނަގަމުން އަންނަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓުތައް، 1 އޭޕްރީލް އިން ފެށިގެން ފަސިންޖަރުން ދަތުރުކުރާ ކްލާހަށް ބިނާކޮށް ކަނޑައެޅުމަށްޓަކައި، ގެންނަ އިޞްލާޙެކެވެ.
މިހާރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ވައިގެމަގުން ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކުގެ އަތުން ނަގަމުން އަންނަ އެއަރޕޯޓް ސަރވިސް ޗާޖު އަންނަ މާރޗް މަހުގެ 31 ނިޔަލަށް އުވާލުމާއެކު، އޭޕްރީލް އެއްވަނަ ދުވަހުން ފެށިގެން ޢަމަލު ކުރާނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގައިވާ ގޮތަށެވެ.
ނަމަވެސް އެބިލު އަދި އޮތީ މަޖިލީހުގައި އެބިލުގެ ފުރަތަމަ ކިޔުން އިއްވި ގޮތަށެވެ. މި ޑިސެންބަރު މަހުގެ 7 އިން ފެށިގެން މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މަޖިލިސް ވަނީ ޗުއްޓީއަށް ގޮހެވެ. ދެން މަޖިލީހުގެ ރަސްމީ ޖަލްސާތައް ފެށޭނީ އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގަ އެވެ. ފެބްރުއަރީ މަހު ޖަލްސާތައް ފެށުމަށްފަހު، އެބިލު ދިރާސާކޮށް، އޭޕްރީލް މަސް އައުމުގެ ކުރިން އެބިލު މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ އެބިލް ތަޞްދީޤު ކުރައްވާނެ ކަމަށް ބެލެވެ އެވެ.
މިހާރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ވައިގެ މަގުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު ނަގަމުން ދެއެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ވެސް ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން ވެސް 25 ޑޮލަރު ނެގަމުން ދެއެވެ. އެގޮތުން އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 24 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 50 ޑޮލަރު، ނަގަން ފެށީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ބަޖެޓަށް ޢާމްދަނީ އިތުރު ކުރުމަށްކަމަށް ބުނެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހުށަހެޅި ފުރަތަމަ ބަޖެޓް، މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، ޢާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންތައްތަކުގެ ތެރެއިން އެއަރޕޯޓް ސަރވިސް ޖާޗު އުވާލުމަށްފަހު، އޭގެ ބަދަލުގައި ޑިޕާޗަރ ޓެކުހެއް ނެގުމަށް ހިމަނާ، ފުރާ މީހުން ކެޓަގަރީކޮށް، ރޭޓުތަކެއް ވަނީ ކަނޑައަޅާފަ އެވެ.
ބަޖެޓް ފޮތުގައި ބުނެފައިވާގޮތުން، އެގޮތަށް ޓެކުހާއި ފީ ބަދަލު ކުރުމުގެ މައިގަނޑު މަޤްޞަދަކީ ބޮޑު އަގުގައި ދަތުރުފަތުރު ކުރުމުގެ ޤާބިލުކަން ހުރި ފަރާތްތަކުގެ އަތުން އިތުރަށް މި ފީ އަދި ޓެކްސް ނެގުން ކަމަށެވެ. އެއީ މިފަދަ ފަރާތްތަކަކީ ދަތުރުފަތުރުގެ އަގަށް ބަދަލު އައިކަމުގައިވީ ނަމަވެސް ދަތުރުފަތުރުކުރުމުގެ މާބޮޑު ބަދަލެއް ނުގެންނާނެ ފަރާތްތަކަށްވާނެތީއެވެ.