ގިނަ ކަންކަމުގައި އެމަނިކުފާނަކީ ނާކާމިޔާބު މީހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސުވާލުކުރުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް ދިނުމަށް ބޭއްވި 'އާސްކް ސްޕީކަރ' ޕްރޮގުރާމުގައި އާންމު ރައްޔިތަކު އެމަނިކުފާނުގެ ފެއިލިއަރ އާއި ކާމިޔާބީ އާއި ގުޅޭގޮތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ނާކާމިޔާބު ކަމެއްގެ ގޮތުގައި އެމަނިކުފާނު ނެންގެވީ އަމިއްލަ ދިރިއުޅުމުގައި ކުރައްވާ ކަމެކެވެ. އެއީ ގަސްއިންދެވުން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ އަމިއްލައަށް ގަހެއް ޖަހައިގެން އެގަހެއް ރޯކުރަން ވަރަށް އުނދަގޫ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ ގަހެއް އިންދަވައިފިނަމަ ވަރަށް ފަސޭހައިން އެގަހެއް ރޯވެ ހެދޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އިހަކަށް ދުވަހުވެސް އަޅުގަނޑު ދެ ގަސް ގެނެސްގެން ޖަހައިގެން އަދިވެސް އަޅުގަނޑު އަމިއްލައަށް ޖަހައިގެން ވަރަށް އުނދަގޫ އެގަހެއް ރޯކުރަން. ހަމަ ލައިލާ ޖެހީ އެރޯވޭ. އަޅުގަނޑަކަށް ނޭންގޭ ދެން އެ ކޮންމެސް ގޮތެއް ހައްދަވަނީ ނޫންކަމެއް. ހަމަ އަޅުގަނޑު އެންމެ ފަހުން ހޯދައިގެން ގެނައި ދެ ގަހުން އެއް ގަސް އެބަ ރީތިކޮށް ރޯވޭ. ދެންކޮންމެ މީހެއްގެވެސް ހުންނާނެ ދެއްތޯ އަމިއްލަ ހަޔާތުގެ ހުންނަ ފެއިލިއަރސް. ނާކާމިޔާބު މީހެއް އަޅުގަނޑަކީ އެނގޭތޯ. ވަރަށް ގިނަ ކަންކަމުގައި.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މީގެއިތުރުންވެސް ރައީސް ނަޝީދު ވަނީ މިމަހުގެ 9 ން 13 ށް އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި ތާޖު މަހަލް ބަލާލަން ނުދާނެ ކަމަށް ވިދާޅުވި ސަަބަބުވެސް މިޕްރޮގުރާމުގެ ތެރެއިން ހާމަކޮށްދެއްވާފަ އެވެ. ޕްރޮގުރާމުގެ ހޯސްޓް، ރައްޔިތުންގެ މަޖިލީހުގެ މީޑިޔާ ޑިރެކްޓަރ ހަސަން ޒިޔާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ތާޖު މަހަލް ބަލާލަން ނުދާނެ ކަމަށް ވިދާޅުވީ އަނބިކަނބަލުން ލައިލާ އާއި ނުލާ އެތަނަށް ވަޑައިނުގަންނަވަން ވެގެން ކަމަށެވެ.
އެއީ ލައިލާ އާއެކީގައި އެތަނަށް އަޅުގަނޑަކަށް ނުދެވޭ. އެހެންވީމާ ލައިލާ ނުލައި ދާކަށް ގަސްތެއް ނުކުރަން.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް އިންޑިޔާއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހާއި އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށެވެ. މިދަތުރުފުޅުގެ މައުލޫމާތު މިދައުރުގެ އެންމެ ފަހު ޖަލްސާގައި ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިދަތުރުގައި ގިނަ ތަންތަނަކަށް ދިޔުމަށް ހަމެޖެހިފައިވާކަމަށާއި އޭގެތެރޭގައި ތާޖު މަހަލްވެސް ހިމެނޭކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވީ ގަސްތުކުރައްވަނީ ތާޖު މަހަލަށް ވަޑައިނުގަންނަވަން ކަމަށެވެ.
އެ މަނިކުފާނުގެ ހަޔާތްޕުޅުގައި މިހާތަނަށް އާއިރު ކުރެއްވުނު ކާމިޔާބު ކަމެއްގެ ގޮތުގައި ސިފަކުރެއްވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރެއްވުމުގައި އުޅުއްވުމެވެ.
ދެން މިކަމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން. އެކަންކަމަކީ ޤައުމެއް ބިނާކުރުމުގައި ޤައުމިއްޔަތެއް ބިނާކުރުމުގައި ބޭނުންތެރި ކަންކަމަށް އަޅުގަނޑު އަބަދުވެސް ދެކެން.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ އެކަންކަމުގައި ވިއްސަކަށް އަހަރު އުޅެވިއްޖެ ކަމަށާއި އެއީ ކުރެވުނު ކަމެއްގެ ގޮތުގައި ހިތްޕުޅަށް އަރާ ކަމަށެވެ.