ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ދެއްވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ނުދެއްކިއްޖެ ނަމަ، ރައީސް މައުމޫންގެ ގެކޮޅު މއ. ކިނބިގަސްދޮށުގެ ނަގައިދިނުމަށް އެދި ޖާބިރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
ރާއްޖެއެމްވީއަށް ކުރިން ދެއްވި އިންޓަވިއުއެއްގައި މެމްބަރު ޖާބިރު ވިދާޅުވީ އެ ފައިސާ ރައީސް މައުމޫނަށް ދެއްވީ ޑިމޮކްރެސީ އަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ކަމަށެވެ. ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް ދެއްވި ފައިސާ އަނބުރާ އިންޓްރެސްޓާއި އެއްކޮށް ދެއްވާނެ ކަމަށް ވިދާޅުވިކަމަށެވެ. ރައީސް މައުމޫނަށް ސިޔާސީ ގޮތުން ލިބިލައްވާ ފައިސާއިން 50 އިންސައްތަ ޖާބިރު އަށް ދެއްވާނެ ކަމުގެ ޔަޤީންކަން އެރުވިކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.
މެންބަރު ޖާބިރު ވަނީ 29 މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ. އަދި އެ ފައިސާ ނުދެއްކިއްޖެ ނަމަ މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގެ ނަގައިދިނުމަށް ޙުކުމްކޮށްދިނުމަށްވެސް އެދިފައިވެއެވެ.
ޖާބިރު އެންމެ ފުރަތަމަ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ހެކި ހުށަހަޅާފައި ނެތްކަމަށްބުނެ ފުލުހުން ބަލައިގަނެފައެއް ނުވެއެވެ. ނަމަވެސް ފަހުން ޖާބިރު އެ މައްސަލަ ހުށަހެޅުއްވީ ހެއްކާއިވެސް އެކުގައެވެ. ނަމަވެސް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނެގުމަށް ޖާބިރުގެ މަންމަ މަރިޔަމް މަނިކެ އެގޮތަށް އެދިލެއްވުމުން މައްސަލަ އަނބުރާ ނެންގެވިއެވެ. ޖާބިރު ވިދާޅުވާ ގޮތުން ޖާބިރުގެ މަންމާފުޅާއި ރައީސް މައުމޫނާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށާއި އެ މައްސަލައާ ގުޅިގެން މައުމޫންގެ މައްޗަށް ދައުވާ ކުރައްވަން ބޭނުންނުވާ ކަމަށް ވެސް އޭރު ޖާބިރު ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ވަނީ 29 މިލިއަން ރުފިޔާ ޖާބިރު ދެއްވި ކަމަށް ބުނާ މައްސަލަ ދޮގުކުރައްވާފަ އެވެ.