Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 14:57
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު
ސިމާހާ ނަސީމް
ރައްޔިތުންގެ މަޖިލިސް
ސެކިއުރިޓީޒް މާކެޓް ހިންގުމުގެ ކަންކަން އެމްއެމްއޭ އަށް ބަދަލުކުރުމަށް ހުށަހަޅައިފި
މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު
އިބްރާހީމް ރަޝީދު ވިދާޅުވީ މިބިލް ހުށަހެޅުއްވީ ސެކިއުރިޓީޒްއާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމަށާއި ކެޕިޓަލް މާކެޓް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ކަމަށް

ސަރުކާރުގެ ސެކިއުރިޓީޒް މާކެޓް ހިންގުމުގެ ކަންކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބަދަލުކުރުމަށް ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހަޅައިފިއެވެ.

މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރ އިބްރާހީމް ރަޝީދެވެ. ބިލު ހުށަހަޅުއްވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ މިބިލު ހުށަހެޅުއްވީ ސެކިއުރިޓީޒްއާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމަށާއި، ކެޕިޓަލް މާކެޓް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް މަގުފަހި ކުރުމަށްޓަކައި ކަމަށެވެ.

މިޤާނޫނަށް މެންބަރ އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ އިޞްލާޙުތަކަށް ބަލާއިރު ޤާނޫނުގެ 17 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށް ވަނީ ހުށަހަޅުއްވާފަ އެވެ. އެގޮތުން އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ މާއްދާގައި ބުނަނީ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް އެމްއެމްއޭއިން ސަރުކާރުގެ ސެކިއުރިޓީޒްއާ ގުޅުންހުރި އެއްވެސް ޙަރަކާތެއް ހިންގުމަށް ނުވަތަ ސަރުކާރުގެ ސެކިއުރިޓީޒްއާ ގުޅޭގޮތުން އެއްވެސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ޤާނޫނުގެ ދަށުން ލައިސެންސެއް ނުވަތަ ހުއްދަ އެއް ބޭނުން ނުވާނެކަމަށެވެ. އަދި އެމްއެމްއޭ އިން ހިންގާ މިފަދަ ޙަރަކާތްތަކާއި ފޯރުކޮށްދޭ ޚިދުމަތްތައް މި ޤާނޫނުގެ ދަށުން ރެގިޔުލޭޓްކުރުމުންވެސް އިސްތިސްނާވެނެ ކަމަށް މި މާއްދާގައިވެ އެވެ.

މީގެއިތުރުން އިތުރު ކޮށްފައިވާ މާއްދާގައި އިތުރަށް ބުނެފައިވަނީ ސަރުކާރުގެ ސެކިއުރިޓީޒް މާރކެޓް ހަރުދަނާގޮތެއްގައި ހިންގުމަށާއި، މާރކެޓް ކުރިއަރުވައި، ތަރައްޤީކުރުމަށް ބޭނުންވާ ޤަވާއިދުތަކާއި އުޞޫލުތައް އެކުލަވާލައި ތަންފީޒުކުރާނީ އެމްއެމްއޭ އިން ކަމަށެވެ. އަދި ސަރުކާރުގެ ސެކިއުރިޓީޒްއާ ގުޅޭގޮތުން ކުރުން މަނާ ކަންކަން އެމްއެމްއޭ އިން ނެރޭ ޤަވާއިދެއްގައި ބަޔާންކުރަންވާނެކަމަށްވެސް މިމާއްދާގައި ބުނެފައިވެ އެވެ.

Advertisement

މީގެއިތުރުން ޤާނޫނުގައި މިހާރު ބުނާ "ސްޓޮކް އެކްސްޗޭންޖު ޤާއިމުކުރުމަށް ޙަވާލުކުރާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީން ޢާންމުކޮށް އިޢުލާންކޮށްގެން ކަނޑައަޅާ އުޞޫލުތަކެއްގެ މަތިން ކަމަށް" އޮންނަ އޮތުން ވަނީ ސްޓޮކް އެކްސްޗޭންޖެއް ޤާއިމުކުރުމުގެ ހުއްދަ ދެވޭނީ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދެއްގެ މަތިންކަމަށް ބަދަލުކޮށްފަ އެވެ.

އަދި އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އުޞޫލުތަކެއްގެ މަތިން ސެންޓްރަލް ޑެޕޮސިޓަރީއެއް ހިންގުމަށް ކުންފުންޏެއް ޤާއިމުކުރުމަށް މިހާރުގެ ޤާނޫނުގައި އޮތްއޮތުން ވަނީ ސްޓޮކް އެކްސްޗޭންޖެއްގައި ކުރެވޭ ސެކިއުރިޓީޒްގެ މުޢާމަލާތްތައް ނިންމުމަށްޓަކައި އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އުޞޫލުތަކެއްގެ މަތިން އިންތިޒާމުތައް ހަމަޖައްސަންވާނެކަމަށް ބަދަލުކޮށްފަ އެވެ.

މިހާރު ޢާމަލުކުރަމުންދާ ޤާނޫނުގެ 54 ވަނަ މާއްދާގައި ކޮންމެ މާލީ އަހަރެއް ނިމޭތާ ތިން މަސް ހަމަވުމުގެ ކުރިން އޮތޯރިޓީއަށް ނުވަތަ ސްޓޮކް އެކްސްޗޭންޖް ކުންފުނިން ހުއްދަކުރާ މުއްދަތުގެ ތެރޭގައި އޮޑިޓަރުގެ ރިޕޯޓް، އޮތޯރިޓީއަށާއި ސްޓޮކް އެކްސްޗޭންޖް ކުންފުންޏަށް ހުށަހަޅަންވާނެކަމަށެވެ. މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިޞްލާޙުގައި ބުނެފައިވަނީ ކޮންމެ މާލީ އަހަރެއް ނިމޭތާ ތިން މަސް ހަމަވުމުގެ ކުރިން ނުވަތަ އޮތޯރިޓީން ހުއްދަކުރާ މުއްދަތުގެ ތެރޭގައި އޮޑިޓަރުގެ ރިޕޯޓް އޮތޯރިޓީއަށް ހުށަހަޅަންވާނެ ކަމަށެވެ.

މިބިލު ވަނީ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވާފަ އެވެ. މިބިލު މަޖިލީހަށް ބަލައިގަންނަން ފެންނަކަމަށް 65 މެމްބަރުން ވޯޓުދެއްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް