ހދ ކުޅުދުއްފުއްޓާއި ރ އުނގޫފާރުގައި އަޅާ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް, ސަރުކާރުގެ ވަސީލަތްތައް ފޯރުކޮށްދޭ ކުންފުނިތަކާއި ހަވާލުކޮށްގެން ކުރިޔަށްދާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ދެ ރަށުގައި ހުރި ހޮސްޕިޓަލްތައް ޓާޝަރީ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން އެދާއިރާތަކުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ހެލްތު މިނިސްޓަރ ވަނީ ޖަވާބު ދެއްވާފަ އެވެ. އެގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ ޔާސިރު އަބްދުއްލަތީފު ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ނިމޭނެ ތާރީޚަކާއި ގުޅޭގޮތުން އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލްގައި މިހާރު ކުރަންޖެހިފައިވަނީ ކުރެހުމާއި އެގޮތުން ކުރަންޖެހޭ މަސައްކަތް ފެށުމުގެ މަސައްކަތްކަމަށެވެ. އަމާޒަކީ ޑިސެމްބަރ މަހުގެ ތެރޭގައި އެކަމަށް ކުރަންޖެހޭ އާންމު އިއުލާންތައް ކުރުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިހާރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންނަންޖެހޭ ބަދަލުތައް ކަމާއިބެހޭ ފަރާތްތަކާ ހަވާލުކޮށްގެން ކުރިޔަށްދާ ކަމަށާއި ޑިސެމްބަރ 5 ވަނަ ދުވަހު މިހާރުގެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެމްއާރުއައި ހިދުމަތް ގެނައުމާއި މެމޮގްރަފީ އާއި ދެން ހުރި ހިދުމަތްތަކަށް ބޭނުންވާ ކަންކަން މިހާރު ސަރުކާރުގެ ވަސީލަތް ފޯރުކޮށްދޭ ކުންފުނިތަކާއި ހަވާލުކޮށްގެން މަސައްކަތް ކުރިޔަށް އެބަދޭ. ވެންޓިލޭޓަރާއި އެނޫން އެތަނަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގެ ސާމާނު ގެނައުމުގެ މަސައްކަތް ޑިސެމްބަރ މަހުގެ ތެރޭގައި ފެށިގެންދާނެ. ކުޅުދުއްފުއްޓަކީ ވަރަށް ގިނަ ރައްޔިތުންނަށް ހިދުމަތްދޭ ހޮސްޕިޓަލަކަށް ވެފައި މުސްތަގުބަލުގައި އެސަރަހައްދުގައި އެންމެ ބޮޑު ހޮސްޕިޓަލް ބިނާކުރުމުގެ ތަސައްވަރު ކުރިޔަށްދާތީ ހޮސްޕިޓަލަށް ސްޕެޝަލިސްޓް ޑޮކްޓަރުންނާއި އަދި އިދާރީ ހިންގުމުގެ ތެރެއިން ގެންނަންޖެހޭ އިސްމަގާމުތަކަށް މީހުން ރެކްރޫޓް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދަނީ.ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
މިނިސްޓަރ ވިދާޅުވީ މުވައްޒަފުން ނެގުމަށް ކުރަންޖެހޭ އިންޓަރވިއުތައް ކުރެވި މިހާރުވަނީ މީހުން ނެގުމުގެ އެންމެ ފަހު މަރުހަލާ އާއި ހިސާބަށް ގޮސްފައިކަމަށެވެ. މީގެއިތުރުން ކުޅުދުއްފުށީގައި ސީޓީ ސްކޭން ހެދިފަހުން 60 އިންސައްތަ މީހުން މާލެއަށް ގެންނަން ނުޖެހި ކުޅުދުއްފުށީ ހޮސްޕިޓަލުން އެހިދުމަތް ހޯދަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރ ހަސަން އަހުމަދު އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން އެއްސެވި ސުވާލަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ. އެގޮތުން ޕްރައިވެޓް ކޮޓަރިތަކުގެ މަސައްކަތް ނިމި އެތަން ހުޅުވުމާ ހިސާބަށް ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ސީޓީ ސްކޭންގެ ހިދުމަތް ކުރިޔަށް އޮތްތަނުގައި ފެށޭނެކަމަށާއި ކުރިޔަށް އޮތް ތަނުގައި އެމްއާރުއެމްގެ ހިދުމަތްވެސް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މީގެއިތުރުން ހިންގުމަށް ބޮޑު ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މެޑިކަލް ޑައިރެކްޓަރެއްގެ ބެލުމުގެ ދަށުން ނަރުހުން ގެ ހިދުމަތް ނަރުހުންގެ ޚާއްސަ މީހެއްގެ ބެލުމުގެ ދަށުން ދެވޭނެ ފުރިހަމަ ހޮސްޕިޓަލަކަށް ބަދަލު ކުރެވިގެންދާނެ. އުމްރާނީ ގޮތުން ކުރަންޖެހޭ މަސައްކަތް މިހާރު ކުރިޔަށް އެބަދޭ. ސާމަނުގެނައުމުގެ ކަންތަކުގައި ލެބޯޓްރީ އަށް ގެންނަންޖެހޭ ސާމާނައި މިއަންނަ ބަދަލާއެކު ގެންނަންޖެހޭ ސާމާނު ގެނައުމަށް ހަވާލުކުރެވިފައިވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތަކަށް އެއޮތް ޓައިމް ލައިނަށް އެކަން ހިނގަމުންދާނެ.ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
ދިވެހިރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމުކޮށް ތަރައްޤީކުރުމަށް 141 މިލިއަން ރުފިޔާ ބަޖެޓްގައި ވަނީ ހިމަނާފަ އެވެ. މިގޮތުން ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ގދ ތިނަދޫ، ރ އުނގޫފާރު، ހދ ކުޅުދުއްފުށި، ލ ގަން އަދި އައްޑޫ ހިތަދޫގަ އެވެ.
މީގެތެރެއިން އައްޑޫގައި ހަދާ ޓާޝަރީ ހޮސްޕިޓަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ މީގެކުރިން މަޖިލީހުގައި ވިދާޅުވެފަ އެވެ.