Advertisement
ކ. މާލެ
|
28 ނޮވެންބަރ 2019 | ބުރާސްފަތި 17:41
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު
ރައީސް އޮފީސް
ޖުޑީޝަރީ ކޮމެޓީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީ މަޤާމުން ވަކިކުރަން ޖުޑީޝަރީ ކޮމެޓީން ނިންމައިފި
ފަނޑިޔާރު ޣަނީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިނަމަ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ބަދަލުވީ
ޖޭއެސްސީން ވަނީ ފަނޑިޔާރު ޣަނީ 60 ދުވަހަށް ސަސްޕެންޑުކޮށްފައި
ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހޯދުމަށް އިއުލާން ކޮށްފަ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދު ފަނޑިޔާރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމައިފި އެވެ.

ޖުޑީޝަރީ ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދު ފަނޑިޔާރު ކަމުގެ މަޤާމުން ވަކިކުރަން ނިންމާފައިވަނީ، ފަނޑިޔާރު ޣަނީ އާ ގުޅޭ ސުލޫކީ މައްސަލަތަކަކާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ބެލުމަށްފަހު، އެކޮމިޝަނުން ނިންމާފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ނެވެ.

ޖޭއެސްސީގެ އެރިޕޯޓް ރައްޔިތުންގެ މަޖިލީހަށް އިއްވާ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. ފަނޑިޔާރު ޣަނީ ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ނެވެ.

ފަނޑިޔާރު ޣަނީ މަޤާމުން ވަކި ކުރަން ނިންމައި ޖޭއެސްސީން ވަނީ އޭނާ 60 ދުވަހަށް ސަސްޕެންޑުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން ޣަނީ ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާއިރު ޖޭއެސްސީން އަންނަނީ ފަނޑިޔާރު ޣަނީގެ ސުލޫކީ ތިން މައްސަލަ އެއް ބަލަމުންނެވެ.

Advertisement

ފަނޑިޔާރު ޣަނީ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިނަމަ، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ބަދަލުވީއެވެ. މީގެކުރިން ރައްޔިތުންގެ މަޖިލީހުން ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ މަޤާމުން ވަކިކޮށްފައެވެ. މިދިޔަ އޯގަސްޓް މަހު ފަނޑިޔާރު ޢަބްދުﷲ ދީދީ ވެސް ވަނީ މަޤާމުން ވަކިކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ފަނޑިޔާރު ޢަބްދުﷲ އަރީފް ވަނީ އަމިއްލަފުޅަށް އިސްތިޢުފާ ދެއްވާފައެވެ. އެހެންކަމުން މިހާރު ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގުމަށް ޙަވާލުކޮށްފައިވަނީ ޑރ. އަޒްމިރަލްދާ ޒާހިރަށެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެކޯޓަށް ޢައްޔަނުކުރުމަށް ފާސްކުރި ތިން ފަނޑިޔާރުންނެވެ. އެއީ ޑރ އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވަންޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ޤަވާއިދުގެ ދަށުން އެއްވެސް ބޭފުޅަކު މަޤާމަކުން ވަކި ކުރުމަށް ކޮމެޓީއަކަށް ފެނިއްޖެ ޙާލަތުގައި މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެންނަން ޖެހެއެވެ. މަޖިލީހުގެ ޤަވާއިދުގައި މުސްތަޤިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގެ މީހުން ވަކި ކުރުމާއި ބެހޭ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށް ފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓެއްގެ މައްޗަށް ބަހުޘްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ. ފަނޑިޔާރަކު މަޤާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް