މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަސައްކަތަކީ ރާއްޖެ ތަރައްޤީ ކުރުމުގައި ޤައުމީ ޕްލޭން އެކުލަވާލުމާއި މެކްރޯ ލެވަލް އަދި އާބަރން ޕްލޭނިންގ ހެދުމެވެ. މި މިނިސްޓްރީ މުހިންމުވަނީ، އެ މިނިސްޓްރީގެ މަސައްކަތް ރައްޔިތުންގެ އެންމެ އަސާސީ ހިދުމަތްތަކާއި ގުޅިފައި އޮތުމުންނެވެ. މި މިނިސްޓްރީގެ ޒިންމާތަކަށް ބަލާއިރު ރައްޔިތުންގެ އެންމެ އަސާސީ ހިދުމަތްކަމަށްވާ ފެނާއި ނަރުދަމާގެ ހިދުމަތުގެ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަނީ އެ މިނިސްޓްރީންނެވެ. ރަށެއްގައި ބަދަރެއް ހެދި ކަމުގައި ވިޔަސް ބިންހިއްކުން ވިޔަސް، ތަރައްޤީއާއި ގުޅުންހުރި އެންމެހައި މަޝްރޫއުތައް ހިންގަނީ މި މިނިސްޓްރީނެވެ.
ފާއިތުވި އެއް އަހަރު ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އަހަރުގެ މިހާ ހިސާބަށް އައިރު ދެވަނަ ކުއާޓަރގެ މައުލޫމާތު އެއްކުރި އިރުގައި 1.8 ބިލިއަން ރުފިޔާގެ މަސައްކަތް ތަފާތު އެކި ކުންފުނިތަކަށް ހަވާލުކުރެވިފައިވެއެވެ. އަދި ދެވަނަ ކުއާޓަރ ނިމުމަކާއި ހަމައަށް ދާއިރު ޖުމްލަ ހަވާލު ކުރެވިފައިވާ މަޝްރޫއުތަކުގެ އަގު 2.5 ބިލިއަނަށްވުރެ އަރައެވެ. މިނިސްޓްރީގެ ފަރާތުން މިހާރު ވެސް ދަނީ ތަފާތު އެކި ޕްރޮޖެކްޓްތައް ހިންގަމުންނެވެ.
މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ މަޝްރުއޫތަކުގެ ތަފްސީލް:
ކުރީގެ ސަރުކާރުން އެކި މަރުހަލާތަކުގައި ހިނގަ ހިނގާ އޮތް 137 މަޝްރޫއެއް މިނިސްޓްރީއާ ހަވާލު ކުރެވިފައިވާއިރު އޭގެ ތެރެއިން 56 މަޝްރުއޫއެއްގެ ރިޓެންޝަން ޕީރިއަޑް ގުނަމުންދެއެވެ. އަދި އޭގެތެރެއިން އަމަލީ މަސައްކަތް ފައްޓަން ޖެހޭ 81 މަޝްރޫއެއް އޮތްއިރު 15 މަޝްރޫއުއެއްގެ މަސައްކަތް ވަނީ ނިމިފައެވެ.
އައު މަޝްރޫއުގެ ގޮތުގައި 252 މަޝްރޫއު ހިމަނާފައިވާއިރު 125 މަޝްރޫއެއްގެ ސޮއިކޮށްފައިވެއެވެ. އަދި ދެ މަޝްރޫއުއެއް ސޮއިކުރުމުގެ މަރުހަލާގައި އޮތްއިރު 86 މަޝްރޫއެއް ޓެންޑަރގައި އޮތް ކަމަށާއި 15 މަޝްރޫއެއް ޑޯނަރ ފަންޑަޑް މަޝްރޫއުގެ ޕްރީ ސްޓޭޖްގައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. 15 މަޝްރޫއެއް ޑޮމެސްޓިކް ފަންޑްގައި ހިމެނިފައިވާއިރު އެއް މަޝްއޫރެއް ހުއްޓާލުމަށް ނިންމާފައިވާނެ ކަމަށާއި 7 މަޝްރޫއެއް އަތް ނުލެވި އޮތް ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީގެ ފަރާތުން މިހާރު ޖުމްލަ 330 ޕްރޮޖެކްޓް ހިނގަމުންދެއެވެ.
ނެޝެނަލް އިންފްރާސްޓްރަކްޗަރގެ މަސައްކަތް ތަންފީޒު ކުރުމުގައި އިސް ފަރާތްތަކީ މިނިސްޓްރީއަށްވާއިރު 100 ދުވަހުގެ ވައުދުގެ ތެރެއިން 13 މަސައްކަތެއް ސަރުކާރުން މިނިސްޓްރީއާ ހަވާލުކޮށްފައިވެއެވެ. އޭގެ ތެރެއިން ހަ މަސައްކަތެއް ވަނީ ނިމިފައެވެ.
އެ މަސައްކަތްތަކަކީ:
- ފުވައްމުލަކުގައި މަގު ފުޅާކުރުމުގެ މަސައްކަތް
- އައްޑޫސިޓީގައި ކޯއްޓޭ ސަރަހައްދުގައި ސްކްޔާ އެރިއާ އަލުން ހަދާ
- ހުޅުމާލޭގައި ރޭގަނޑު މޫދަށް އެރޭ ގޮތް ހަދާ ސާފު ފެން ލިބޭނެ ގޮތް ހެދުން
- ޕިކްނިކް ދިޔުމަށް ސަރަހައްދު ކަނޑައެޅުން
- މާލެ ވަށައިގެން ދުއްވާ ގޮތަށް ލިންކް ރޯޑް ހެދުން
- ހުޅުމާލޭގައި ޕަބްލިކް ފާހަނަ ޤާއިމުކުރުން
ފާއިތުވި އެއް އަހަރުގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ދަނީ ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ. އަދި އެ މިނިސްޓްރީގެ އަމާޒަކީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
- ދަނޑު ހަދާނެ ބިން ދޫކުރާނެ އުސޫލާއި ފަޅުރަށްރަށުގައި ދަނޑުބިން ހަދަން ކަނޑައެޅުމުގެ މަސައްކަތް 99 އިންސައްތަ ވަނީ ނިމިފައި
- މަގު ސާފު ކުރުމުގެ މަސައްކަތް 50 އިންސައްތަ ވަނީ ނިމިފައި
- ބްރިޖްގައި ސީސީޓީވީ ކެމެރާ ހަރުކުރުން، ފުލުހުންނަށް ބަޖެޓް ޓްރާންސްފަރ ކުރެވިފައިވާއިރު މަސައްކަތް ވަނީ 50 އިންސައްތަ ނިމިފައި
- ރާޅުގަނޑު ސަރަހައްދު، އުސްފަސްގަނޑު، އާޓިފިޝަލް ބީޗް، ރަސްފަންނު، ސިޓީ ޕާކު، ލޮނުޒިޔާރަތް ސަރަހައްދު ހިތްފަސޭހަ ތަނަކަށް ހެދުން އެމްޓީސީސީއާ ހަވާލުކުރެވިފައިވާއިރު މަސައްކަތް 55 އިންސައްތަ ވަނީ ނިމިފައި
- ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތް 43 އިންސައްތަ ވަނީ ނިމިފައި
މި ސަރުކާރު އައުމަށްފަހު މިހާތަނަށް އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށްފައިވާއިރު، ބަނދަރު ހެދުމުގެ މަޝްރޫއުތަކުގެ ޖުމުލަ އަގު 954 މިލިއަން ރުފިޔާއަށްވުރެ ބޮޑެވެ. އޭގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމަށް 513 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުތަކުގައި ސޮއިކޮށްފައިވާއިރު، މަގު ހެދުމުގެ މަޝްރޫއުތަކުގެ އަގު 203 މިލިއަނަށްވުރެ އިތުރެވެ.
އަސްލަމްގެ މޭސްތިރިކަމުގައި ޕްލޭނިންގ މިނިސްޓްރީގެ މަސައްކަތްތައް މިސްރާބު ޖަހާފައިވަނީ ޕްލޭންކުރެވި، ބޮޑެތި މަޝްރޫއުތަކާއި ދިމާލަށެވެ. ރާއްޖެގެ ފަސް ސަރަހައްދެއްގައި އަރބަން ސެންޓަރުތައް ޤާއިމްކޮށް، ހުރިހާ ރަށަކުން އަސާސީ ހިދުމަތްތައް ލިބޭނެ އިިންތިޒާމް ހަމަޖެއްސުމަށް އަމާޒު ހިފާފައިވާއިރު، މާލެ ސަރަހައްދުން ގުޅީފަޅުގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ވަނީ ފުރަތަމަ އަހަރުގެ ތެރޭގައި ބަޔަކާއި ހަވާލުކޮށްފަ އެވެ.
2020 ވަނަ އަހަރުގެ ބޮޑު ބަޖެޓާއެކު މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ތަރައްޤީގެ ދުވެލި އިންތިހާއަށް އިތުރުކޮށް، ރައްޔިތުންގެ ދިރިއުޅުން ލުއި ފަސޭހަކޮށްދިނުމެވެ.