ކ. މާލެ
|
3 ނޮވެންބަރ 2019 | އާދީއްތަ 23:52
ވެދުން ސަލާމްކުރުމުގެ ރިހި މެޑަލް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަވާލުކޮށްދެއްވަނީ
ވެދުން ސަލާމްކުރުމުގެ ރިހި މެޑަލް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަވާލުކޮށްދެއްވަނީ
ރައީސް އޮފީސް
ނަސްރުގެ ދުވަސް
ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް: އަލިފާނުގެ ޙާދިޘާގައި ޙަރަކާތްތެރި 9 ސިފައިންނަށް!
ސިފައިންގެ ފަރާތުން ފެނިގެންދިޔަ މަސައްކަތަކީ ތައުރީފު ހައްޤު މަސައްކަތެއް
ނުނިކުމެވިފައި ތިބި މީހުން ސަލާމަތް ކުރުމަށްޓަކައި މި ހިތްވަރުގަދަ 9 ސިފައިން ވަނީ ޙަރަކާތްތެރިވެފައި
އެމީހުންގެ ފަރާތުން އާދަޔާ ޚިލާފު ހިތްވަރު ފެނިގެން ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނޭ

ސެޕްޓެމްބަރު 20 ވަނަ ދުވަހު ހ. ތިލަފުށީގޭގައި ހިނގި އަލިފާނުގެ ޙާދިޘާއަކީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ޙާދިޘާއެވެ. މި ޙާދިޘާގައި ހ. ތިލަފުށީ ގޭގައި ހުރި ހަތަރު ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ހަ ގެއެއް ވަނީ އަނދައި އަޅިއަށް ވެފައެވެ. އެ ޙާދިޘާގައި އެކަކު މަރުވެ 400 އަށްވުރެ ގިނަ މީހުން ގެދޮރު ގެއްލުނެވެ.

މި ހިތާމަވެރި ޙާދިޘާގެ ފޯން ކޯލް ސިފައިންނަށް އެންމެ ފުރަތަމަ ލިބުނީ އެރޭ 19:26 ހާއިރުއެވެ. އެ ފޯން ކޯލް ލިބުމުން ސިފައިންގެ ފަޔަރ ވެހިކަލް ވަނީ އެ ޞަރަޙައްދަށް ގޮސް ޙަރަކާތްތެރިވެފައެވެ. އެ ދުވަހު ސިފައިންގެ ފަރާތުން ފެނިގެންދިޔަ މަސައްކަތަކީ ތަޢުރީފު ޙައްޤު މަސައްކަތެއް ކަމަށް ބުނެ ގިނަ ރައްޔިތުން ވަނީ އެ ސިފައިންނަށް ޝުކުރު އަދާކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޝުޢޫރު ފާޅުކޮށްފައެވެ. މީގެ އިތުރުން ތިލަފުށީގޭގައި ހިނގި އަލިފާނުގެ ޙާދިޘާގައި ސިފައިން ޙަރަކާތްތެރިވި ގޮތާއިމެދު ފަޚުރުވެރިވާ ކަމަށް ވެސް ޗީފް އޮފް ޑިފެންސް ފޯރސް ޢަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ. އަލިފާނުގެ ޙާދިޘާގައި ސިފައިންގެ ފަރާތުން ފެނިގެންދިޔައީ ފަޚްރުވެރިވާން ޙައްޤު މަސައްކަތްތަކެއް ކަމަށާއި ޚާއްޞަކޮށް ފަޔަރ ފައިޓަރުންގެ ފަރާތުން ފެނިގެންދިޔައީ ހިތްވަރުގަދަ ކަމުގެ ނަމޫނާއެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާާ ހިނގި ދުވަސް

ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް އަލިފާނުގެ ޙާދިޘާގައި ޙަހަރަކާތްތެރިވި 9 ސިފައިންނަށް ނަޞްރުގެ ދުވަހުގެ ޖަލްސާގެ ތެރެއިން ލިބިފައިވާއިރު ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑެއްޔަކީ އަމިއްލަ ނަފްސަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ބެލުމެއްނެތި އިންސާނެއްގެ ފުރާނަ ސަލާމަތް ކުރުމުން ނުވަތަ އިންސާނެއްގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތްކުރި މިންވަރާ ބަލާ އެ މެޑަލް ހައްޤުވާކަން ސާބިތުވުމުން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯރސްގެ ފަރާތުން ދެވޭ މެޑެއްޔެކެވެ.

މިއަހަރު މި މެޑަލް ލިބިފައިވަނީ ސެޕްޓެމްބަރު 20 ވަނަ ދުވަހު ހ. ތިލަފުށީގޭގައި ހިނގި އަލިފާނުގެ ޙާދިޘާގައި އެ ގެތަކުން ނުނިކުމެވިފައި ތިބި ޢާންމުން ސަލާމަތްކުރުމަށްޓަކައި އަމިއްލަ ނަފްސަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ބެލުމެއް ނެތި މަސައްކަތް ކުރި ސިފައިންނަށެވެ. އެންމެ ބޮޑަށް އަލިފާން ރޯވި ގެތަކުގެ އެކި ފަންގިފިލާތަކުގައި ނުނިކުމެވިފައި ތިބި މީހުން ސަލާމަތް ކުރުމަށްޓަކައި މި ހިތްވަރުގަދަ 9 ސިފައިން ވަނީ ޙަރަކާތްތެރިވެފައެވެ. އަދި އެމީހުންގެ ފަރާތުން އާދަޔާ ޚިލާފު ހިތްވަރު ފެނިގެން ގޮސްފައިވާއިރު އަމިއްލަ ފުރާނައަށް ބެލުމެއް ނެތި އެ ސިފައިން މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަލިފާންގަޑުގެ ތެރެއިން ރޯވެފައިވާ އެކި ފަންގިފިލާތަކަށް ތަކުރާރުކޮށް އަރާ މީހުން ތިބިތޯ ބެލުމަށްޓަކައި ވެސް ހަމަ މި ސިފައިން ޙަރަކާތްތެރިވިއެވެ.

އަލިފާނުގެ ހާދިސާާ ހިނގި ދުވަސް

ފުރާނާ ސަލާމަތްކުރުމުގެ ރިހި މެޑަލް މި 9 ސިފައިންނާއި ޙަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.

ފުރާނާ ސަލާމަތްކުރުމުގެ ރިހި މެޑަލް ލިބިފައިވާ ނުވަ ސިފައިންނަކީ:

  • ސަރޖަންޓް އަޙްމަދު ސަޢީދު
  • ސަރޖަންޓް މަޙްފޫޒް ޢަބްދުލް ރަޝީދު
  • ސަރޖަންޓް ޢަލީ ރިޒްވީން
  • ސަރޖަންޓް އާދަމް ފަޒީލް
  • ސަރޖަންޓް ޙުސައިން ޒަކީ
  • ކޯޕްރަލް އަޙްމަދު ހިޝާމް
  • ކޯޕްރަލް ޝަހުދާން ނަސީމް
  • ޕްރައިވެޓް އިސްމާއީލް ރިހްޝާން

ނަޞްރުގެ ދުވަހުގެ ޖަލްސާގެ ތެރެއިން ހިތްވަރުގަދަ ކަމުގެ ކުލަ ވެސް ވަނީ ސިފައިންނަށް ޙަވާލުކޮށްފައެވެ. މި ކުލައަކީ ހަނގުރާމައިގެ ޙާލަތްތަކުގައި މެޑަލް ލިބޭ ދަރަޖައަށް ނުފެތޭ ނަމަވެސް ފާހަގަކޮށްލެވޭ ފަދަ ހިތްވަރުގަދަ ޢަމަލެއް ކޮށްފައިވާ ފަރާތްތަކަށް ނުވަތަ އެއްގަމާއި ކަނޑާއި ވައިގެ ތެރޭގައި ދިމާވާ ޙާދިޘާތަކުގައި ހިތްވަރުގަދަ ކަމެއްކޮށްފައިވާ ސިފައިންނަށް ދެވޭ ކުލައެކެވެ.

މީގެއިތުރުން ޢާންމުންގެ މުދަލެއް ސަލާމަތްކުރުމަށް އަދި ޢާންމުންގެ މީހަކު ސާލަމަތް ކުރުމަށް ވެސް ހިތްވަރުގަދަ ކަމެއް ކޮށްފައިވާ ސިފައިންނަށް މި ކުލަ ލިބިގެންދެއެވެ. އަދި ޤައުމުގެ އަމަންއަމާންކަމާއި ޤައުމީ މަސްލަޙަތު ޙިމާޔަތް ކުރުމާއި ޞުލްޙަ މަސަލަސްކަން ނައްތާލާ ބައެއްގެ މަޢުލޫމާތު ހޯދުމަށް ހިތްވަރުގަދަ ކަމެއް ކުރާ ސިފައިންނަށް ވެސް އެމްއެންޑީއެފުން މި ކުލަދެއެވެ.

ހިތްވަރުގަދަ ކަމުގެ ކުލަ ޖުމްލަ 11 ސިފައިންނަށް ލިބިފައިވާއިރު އެ ސިފައިންނާއި މި ކުލަ ޙަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާއެވެ.

ހިތްވަރުގަދަ ކަމުގެ ކުލަ ލިބުނު 11 ސިފައިންނަކީ:

  • ސްޓާފް ސަރޖަންޓް މުޙައްމަދު ވާސިފް
  • ސަރޖަންޓް ޝައުކަތު އަމީން
  • ސަރޖަންޓް ޙަސަން ތައުފީޤު
  • ކޯޕްރަލް ޢަބްދުﷲ ރަޝީދު
  • ކޯޕްރަލް އިބްރާހީމް ނާޒިފް
  • ކޯޕްރަލް ޢަބްދުއް ރަޝީދު މުޙައްމަދު
  • ކޯޕްރަލް އަޙްމަދު ރަޝީދު
  • ލާންސް ކޯޕްރަލް ނަޞްރުﷲ ޢަލީ
  • ލާންސް ކޯޕްރަލް އަދުނާން ޢަބްދުއް ރަހީމް
  • ޕްރައިވެޓް އިބްރާހީމް އިމްތިޔާޒް
  • ޕްރައިވެޓް އިސްމާއީލް ރިހްޝާން

ނަޞްރުގެ ދުވަހުގެ ޖަލްސާގެ ތެރެއިން ސިފައިންގެ އަގު އެކި ގޮތުން ގޮތުން ވަޒަންކޮށްފައިވާއިރު އުންމީދަކީ މި ސާބިތުކަންމަތީ ސިފައިން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމި ތިބުމެވެ.

- ކޮމެންޓް