އިންޑިއާ ކަނޑުގެ ސަލާމަތޭ ނުވަތަ މި ސަރަހައްދުގެ ހަމަޖެހުމޭ އިރުއިރުކޮޅާ ސިޔާސީ ބޭފުޅުންނާއި އަސްކަރީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ފަހަކަށް އައިސް މިވާހަކަތައް އިވޭލެއް މިވަނީ ގިނަވެފައެވެ. މިވާހަކަ މިހާރަކަށް އައިސް ގިނަވެފައި މިވަނީ މިމައްސަލައިގެ މުހިއްމު ކަމުންނެވެ.
އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެ ވަށައިގެން މިވަނީ އިންޑިއާ ކަނޑެވެ. މާސިންގާ ބޮޑު ކަނޑެއްގެ ތެރޭގައި އަޅުގަނޑުމެންގެ މިކުދިކުދި ރަށްތައް މިއޮންނަނީ އެއްވެސް ހިމާޔަތެއް ނެތިއެވެ. ޤުދުރަތީ ޙާދިސާތަކާއި، ޓެރަރިޒަމާއި މަސްތިވާތަކެތީގެ ވިޔަފާރިއަށް ހުޅުވާލެވިފައެވެ. ހާހަކަށްވުރެ ގިނަ ރަށްތައް މި ރާއްޖޭގައި އޮތްއިރު، އަދި އިޤްތިޞާދީ ސަރަހައްދު އަވަށްޓެރި ސްރީލަންކާގެ ސައިޒަށްވުރެ ބޮޑުއިރު، މި ސަރަހައްދު ބެލެހެއްޓޭނެ ޤާބިލްކަން ދިވެހިރާއްޖެއަކު ނެތެވެ. ތަމްރީން ލިބިފައިވާ ކުޅަދާނަ އަސްކަރިއްޔާއެއް އޮތެއްކަމަކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ވަޞީލަތްތަކާއި އެކަމަށް ބޭނުންވާ އެންމެ ފުރިހަމަ ތަމްރީން ދިވެހިރާއްޖޭގައި ނެތްކަމަށް އެންމެންވެސް ހެކިވާނެއެވެ.
އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ހުޅަނގަށް އޮތީ ސޯމާލިއާއެވެ. ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ އުނދަގޫ އަދަނުގެ ކަނޑުއޮޅިއާއި އަރަބި ކަނޑުގެ އިތުރުން އިންޑިއާ ކަނޑަށް ފޯރާ، އެނުރައްކަލާ ކުރިމަތިލާން ދުނިޔޭގެ ބޮޑެތި އަސްކަރިއްޔާތައް ކުރަމުންދާ މަސައްކަތް އަޅުގަނޑުމެންނަށް ދޭތެރެ ދޭތެރެއިން ދަނީ ފެންނަމުންނެވެ. އަދި ރާއްޖެއަށްވެސް މިދެންނެވި ސޯމާލިއާގެ "މަސްވެރިން"ކަމަށް ބުނާ ބަޔަކު ބެހިގެން އައީކީ އެއް ފަހަރަކު ދެފަހަރަކު ނޫނެވެ. ފޭރުމުގެ އަމަލުތައް ހިންގަނިކޮށް ކަނޑުމަތިން އަތުލައިގަތުމުންވެސް އެމީހުން ބުނަނީ އެމީހުންނަކީ މަސްވެރިންކަމަށެވެ. އެހެންކަމުން ރާއްޖެއަށް އަންނަނީވެސް ބެލެވޭ ގޮތުގައި ކަނޑުފޭރެން ނިކުމެ އުޅޭ ގްރޫޕްތަކުގެ ތެރެއިން އިންޖީނު ހުއްޓުންފަދަ ކަންކަމާއި ކުރިމަތިވެގެން ހާލުގައި ޖެހޭ މީހުންނެވެ. އެހެން އަންނަ ބަޔަކު އެމީހުންގެ ހަތިޔާރުތަކާއިއެކު ރާއްޖޭގެ ކުޑަ ރަށަކަށް އަރައިފިނަމަ ދެން ވާނީ ކިހިނެއްތޯއެވެ؟
ރާއްޖޭގެ ރިޒޯޓްތަކަކީ ދުނިޔޭގެ ނިސްބަތުން އެންމެ އަގުބޮޑެތި ތަންތަނެވެ. އެތަންތަނަށް ފަތުރުވެރިންގެ ގޮތުގައި އަންނަނީ މަތީ ފަންތީގެ ފަތުރުވެރިންނާއި މެދުފަންތީގެ މީހުންގެ ތެރެއިންވެސް ފޯރާ މީހުންނެވެ. މިތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބެނީ ގިނަ ފަހަރަށް މާބޮޑު ތަމްރީނެއް ނެތް ބޭރު މީހުންނެވެ. އަދި ބައެއް ރިޒޯޓްތަކަށް އަރައި ވައްކަމުގެ އަމަލުތައް ހިންގާފައިވެސް އެބަހުއްޓެވެ. މިތަންތަނަކީ ކަނޑުފޭރޭ މީހުންގެ އަމާޒަކަށް ވެއްޖެނަމަ ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ނެތިގެން ދިޔައީއެވެ. ރާއްޖޭގެ އިޤްތިޞާދު އޭގެ މައްޗަށް ބިނާވެފައިވާ ފަތުރުވެރިކަން ނެތިގެން ހިނގައްޖެނަމަ ރާއްޖެ އޮންނާނެ ހާލަތު ވަޒަން ކޮށްލައްވާށެވެ.
ރާއްޖެ ހިމެނޭ ސަރަހައްދުގެ ގޮތުން ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް ގެންދާ މުދާ ގިނަ ފަހަރަށް ގެންދަނީ ރާއްޖޭގެ ސަރަހައްދު ހުރަސްކޮށްފައެވެ. ބޮޑެތި އާގުބޯޓު ފަހަރުގައި އެތައް ބިލިއަން ޑޮލަރެއްގެ މުދާ ކޮންމެ ދުވަހަކު ގެންދާއިރު، މިމުދަލާއިއެކު މަސްތުވާތަކެތި އުފުލާ މީހުންވެސް މަދެއް ނޫނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެތައް މިލިއަން ރުފިޔާއެއްގެ މަސްތުވާތަކެތި އަތުލައިގަންނަ ވާހަކަ ދޭތެރެދޭތެރެއިން އަޑުއިވޭއިއިރު، އަތުލައިނުގަނެވޭ ކިތައް ބޯޓު މިސަރަހައްދުން ދަތުރުކުރާނެތޯއެވެ؟
މިހެން ގޮސް، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުރި ނުރައްކާތައް ކިތަންމެ ވަރަކަށްވެސް ލިޔެވިދާނެއެވެ. އެހެންނަމަވެސް އެމައްސަލައަށް ހައްލެއް ގެނެވޭނެ ގޮތެއް ހޯދަން ޖެހެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިހާރަށްވުރެ ރައްކާތެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށް، ހޯދަން ޖެހޭ އެހީތައް ހޯދާ، ހަދަންޖެހޭ ތަމްރީންތަކެއް ހަދަން ޖެހެއެވެ. ސަބަބަކީ ހިނގާ ނުރައްކާތެރި އެންމެ ކަމަކުންވެސް މުޅި ޤައުމުގެ އިޤްތިޞާދު ހަލާކުވެދާނެއެވެ.