ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމަކީ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރައިގެންދާ އެންމެ ބޮޑު އެއް ސަބަބެވެ. މި ޤުދުރަތީ ރީތިކަމުގެ ވާހަކަ ފަޚުރުވެރިކަމާއެކު ދައްކާއިރު، ރާއްޖޭގެ ރަށްތައް ފެހިކޮށް، ހުދު ދޮންވެލި ގޮނޑުދޮށްތައް އެގޮތުގައި ދެމެހެއްޓުމަށް ގިނަ މަސައްކަތްތައް ކުރަންޖެހެއެވެ.
އެގޮތުންް 1989 ވަނަ އަހަރު ''ރާއްޖޭގެ ރަށްތައް'' ނަމުގައި ތޮއްޑޫ ސޯސަން ބަނޑިޔާ ޓީމް ދޫކޮށްލި ލަވަ މިވަނީ ޒަމާނީ ގޮތަށް ކިއުމަށްފަހު މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ނެރެފައެވެ. އަދި މި ލަވަ މީހުންގެ ތެރެއަށް ދޫކޮށްލުމާއެކު އަނެއްކާ ވެސް މި ރީތި ޅެމުގެ އަޑު މިވަނީ ދިވެހިންގެ ތެރޭގައި ގުގުމާފައެވެ.
1989 އަހަރުން ފެށިގެން ދިވެހިންގެ ހިތްތަކުގައި ވަޅު ނެގިފައިވާ މިލަވައިގެ ޅެން ހެދުމަށްފަހު ހަދިޔާ ކުރީ ޅ. ނައިފަރު ރަތްގެކުރިގޭ މުޙައްމަދު އިބްރާހީމެވެ.
މުޙައްމަދު އިބްރާހިމް ރާއްޖެއެމްވީއަށް ބުނީ''ރާއްޖޭގެ ރަށްތައް''މިލަވަ ތޮއްޑޫ ސޯސަން ބަނޑިޔާ ޓީމަށް ހަދިޔާ ކުރީ، އެޓީމަކީ އެންމެ ހުނަރުވެރި އަދި ގިނަބައެއްގެ ލޯބި ހޯދާފައިވާ ޓީމަކަށްވާތީ ކަމަށާއި، އިތުރު ކުރިއެރުމެއް ހޯދައިދިނުމުގެ އުންމީދުގައި ކަމަށެވެ. އަދި ބަނޑިޔާ މުބާރާތުގައި ތޮއްޑޫ ސޯސަން ބަނޑިޔާ ޓީމް އެލަވަ ހުށަހަޅާ ދިނީ ވެސް ހީވެސް ނުކުރާހާ ފުރިހަމަކޮށް ކަމަށާއި، ލަވަ ކިޔުން ވެސް އެހާމެ ފުރިހަމަ ކަން އޭނާ ފާހަގަކުރިއެވެ. އަދި އެލަވައާއެކު މުބާރާތުގެ ފަޚުރުވެރި އެއްވަނަ އެޓީމް ހޯދި ދުވަހު އެލިބުނު އުފާވެރިކަން ބަޔާން ނުކުރެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އައްފާން، ޒާރާ، ނިޝް އަދި ހައިޝަމްގެ އަޑުން މިލަވަ ގެސްނެސްދީފައިވާއިރު، މި ޅެމުގެ ޝާއިރު މުޙައްމަދު އިބްރާހިމް ބުނީ އެލަވަ ހެދީ 1983 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި ތޮއްޑޫގެ ސޯސަން ކްލަބުގެ ބަނޑިޔާ ޓީމަށް އެލަވަ ހަދިޔާ ކުރީ 1988 ވަނަ އަހަރު ކ. މާފުށީގައި އެއްރޭ ބޭއްވި ބަނޑިޔާގެ ލަވައެއްގެ ތެރެއިން ކަމަށް އޭނާ ބުންޏެވެ.
ބަނޑިޔާ ޖަހަމުން ދިޔައިރު އަޅުގަނޑު ގޮސްފަ އެލަވައިގެ ލީޑް ނަގަން ހުރި އަންހެން ކުއްޖާ ކަރުގަ ސިޓީއުރައަކަށްލާފަ އެޅުވީ. ދެން އެސިޓީ އުރައަށް ލީން އެއް ރުފިޔާ ވެސް. ލަވައާއެކު އެއްރުފިޔާ ހަދިޔާ ކުރީ.މުހައްމަދު އިބްރާހިމް ބުންޏެވެ.
މުހައްމަދު ބުނި ގޮތުގައި އޭރުގެ 01 ރުފިޔާގެ އަގަކީ މިޒަމާނާ އަޅާ ބަލާއިރު ބޮޑު އެއްޗެއް ކަމަށާއި، ލަވައިގެ އަގު މިއަށް ވުރެ ބޮޑުވާނެ ކަމުގެ ޔަޤީންކަން ބަނޑިޔާ ޓީމަށް އޭރު ވެސް ދިންކަމަށެވެ. އަދި ކަން މިވީ ވެސް އޭނާ ވަޒަންކުރި ގޮތަށެވެ.
1980 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޅެން ހަމަދަމުން އަންނަ މުހައްމަދު އިބްރާހިމް ޅެން ހެދުމުގެ މަސައްކަތް ކުރަނީ އެކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. ހިލޭ ސާބަހަށް އޭނާ ކުރަމުން އަންނަ މިމަސައްކަތް މަރުދުވަހާ ހަމައަށް ކުރާނެ ކަމަށް އޭނާ ބުންޏެވެ. އަދި މިހާތަނަށް ހެނދުނު އެންމެ ހިތްހަމަޖެހޭ ޅެމަކީ ''ރާއްޖޭގެ ރަށްތައް'' މިލަވަ ކަމަށްވެސް ބުންޏެވެ.
14 އަހަރު ދުވަހު އުގަންނައިދިނުމުގައި މަސައްކަތް ކުރި މުޙައްމަދު އިބްރާހިމް މިއަދު ވެސް ތޮއްޑޫ ބަނޑިޔާ ވުޖޫދުކުރަން ބޭނުންވެއެވެ. އެ ރޫޙު ދިވެހިންގެ ތެރޭގައި އާލާކުރަން ބޭނުުންވެއެވެ. އެ ޘަޤާފަތް އަދުގެ ޒުވާނުންގެ މެދުގައި ދަމަހައްޓަން ބޭނުންވެއެވެ. ޘަޤާފީ ކުޅިވަރުތައް ދިރުވާ އާލާކުރާއިރު، ބަނޑިޔާއަކީ މުހިންމު ކުޅިވަރެއް ކަމަށް އޭނާ ދެކެއެވެ.
އަސްލު ވަރަށް ދެރަވޭ ތޮއްޑޫ ބަނޑިޔާ ނެތީމަ. މިހާރު ވެސް ތޮއްޑޫ ބަނޑިޔާ ލަވައެއް އަޑުއިވުނަސްގައިން ހީބިހި ނަގާގެންދޭ. ބަނޑިޔާ އުވިދިއުމަކީ ހަމަ ގައިން ބައެއް ނެތުން ފަދަ ކަމެއް. ބޭނުންވޭ އަސްލު އަނެއްކާ ވެސް އޭރު އޮތްކަހަލަ ތޮއްޑޫ ބަނޑީޔާ ޓީމެއް ވުޖޫދުވާން.މުހައްމަދު އިބްރާހިމް ބުންޏެވެ.
ތެދެކެވެ. ބަނޑިޔާ ޖެހުމަކީވެސް އިހުގެ ދިވެހިންގެ ތެރޭގައި އޮތް ހިތްގައިމު ޘަޤާފީ ޙަރަކާތެކެވެ. އެކަމުގައި ޒަމާނުއްސުރެވެސް ފާހަގަޮށްލެވޭ ތޮއްޑޫ ބަނޑިޔާގެ ވިދުންވެސް ފަނޑުވަމުންދާއިރު، މި ޘަޤާފަތް އަދުގެ ދިވެހިންގެ ތެރޭގައި ދިރުވާ އާލާކޮށްލުން ކިހިނެއްވާނެތޯއެވެ؟ ބަނޑިޔާ ޖެހުމުގައި ކާބަފައިންގެ އޭރުގެ ހުނަރާއި ވައްޓަފާޅި އަދި އެ ކުޅަދާނަ ކަމަށް މިއަދުގެ ޒުވާނުންނަށް ފައިކަށި ހަމަކޮށްލެވޭނެބާއެވެ ؟ "ރާއްޖޭގެ ރަށްތައް" ފަދަ އިހުގެ ލަވަތައް ދިވެހިންގެ ތެރޭގައި ފަތުއަޑު ކިޔާފައި މަޝްހޫރުވަމުން އަންނައިރު، ބަނޑިޔާ ޖެހުން ފަދަ ހިތްގައިމު ޙަރަކާތްތައް މަޝްހޫރު ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.