ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބުރާސްފަތިދުވަހު ވަނީ ބާއްވާފައެވެ. ދައުރުގެ ފުރަތަމަ ޖަލްސާ ފައްޓަވަމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ދައުރުގައި މަޖިލީހުގައި ކުރަން ހުރި މަސައްކަތްތަކުގެ ތަފްޞީލު ދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މި ދައުރުގައި މަޖިލީހުން އެންމެ އިސްކަމެއް ދެއްވާނީ ސަރުކާރުންނާއި، ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހަޅާ ބިލްތަކުގެ މަސައްކަތާއި، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓުގެ މަސައްކަތް ކަމަށެވެ.
މި ދައުރުގައި މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކުގެ ތެރޭގައި 30 ބިލެއް އޮތް އިރު، ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން 18 ބިލެއް މި ދައުރަށް ހުށަހަޅާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. މަޖލީހުގެ މި ދައުރު ޖަލްސާތައް އޮކްޓޯބަރުމަހުގެ ތިންވަނަ ދުވަހު ފަށާފައިވާއިރު، މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުން މި ދައުރު ކުރިއަށްދާނީ ނޮމްވެބަރުގެ ނިޔަލަށެވެ. އެހެންކަމުން 48 ބިލެއްގެ މަސައްކަތްކޮށް ނިންމާލަން މަޖިލިސް މެމްބަރުންނަށް ލިބެނީ އެންމެ ދެ މަސް ދުވަހެއެވެ. އުފެދޭ ސުވާލަކީ، ދެ މަސްދުވަހުގެތެރޭގައި 48 ބިލުގެ މަސައްކަތް މި މަޖިލީހަށް ނިންމާލެވޭނެތޯއެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ބަލާއިރު މި މަޖިލިސް ފެނިގެން ދިޔައީ އުފެއްދުންތެރި، ގިނަ މަސައްކަތްތަކެއް ނިންމި މަޖިލީހެއްގެ ގޮތުގައެވެ. ނުނިމި ހުރި މަސައްކަތްތައް ނިންމަން ދެ ދަންފަޅިއަށް މަޖިލީހުގެ ޖަލްސާތައް ބޭއްވިއެވެ. އަދި އެ ވަރުން ނިމުނީކީއެއް ނޫނެއެވެ. ނިންމަންހުރި މަސައްކަތްތައް ނިންމުމަށް ޗުއްޓީއަށް ދިޔުންވެސް ފަސްކުރިއެވެ. ދަންނަވަން މި އުޅޭ ވާހަކައަކީ، ރަނގަޅު މޭސްތިރިއެއްގެ މޭސްތިރިކަމުގެ ދަށުން ޒިންމާދާރު ކަމާއެކު، ރައްޔިތުންގެ ޙައްޤުގައި މެމްބަރުން މަސައްކަތްކޮށްފިނަމަ، 48 ބިލުގެ މަސައްކަތް ދައުރު ނިމޭއިރު ނިންމާލުމަކީ ނާދިރުކަމެއް ނޫން ކަމެއެވެ. ނަވާރަވަނަ މަޖިލީހަކީ މަޖިލީހުގެ ރައީސުން ފެށިގެން ގޮސް މެމްބަރުންނާއި ހަމައަށް، ގައިގައި ބާރުހުރި ޖޯޝާއި ފަންވަރުގައި މަސައްކަތްކޮށްލެވޭނެ ފަދަ ޒުވާން މެމްބަރުންނެވެ. އެހެންކަމުން މި މަސައްކަތް ނިންމާނުލެވެންވީ އެއްވެސް ސަބަބެއްނެތެއެވެ. މި ކަމަށް ބޭނުންވަނީ މެމްބަރުންގެ އިޚްލާސްތެރިކަމާއި، ކަމަށް ކަމޭ ހިތުމާއި، މަސައްކަތް ނިންމާލުމުގެ އަޒުމާއި ހިތްވަރެއެވެ.
ތިންވަނަ ދައުރުގައި މަޖިލީހުން ދެން އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރަމުން އަންނާނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތެއެވެ. ބަޖެޓް ދިރާސާކުރުމުގެ ވާހަކަދައްކަމުން އަންނައިރު ބުނެވޭނީ، މިހާތަނަށް އައިރު އެކަށީގެންވާ މިންވަރަށް ބަޖެޓް ދިރާސާކުރަން މަޖިލީހަށް ވަގުތު ނުލިބޭ ކަމެއެވެ. ފެންނަނީ އެކަށީގެންވާ މިންވަރަށް ދިރާސާނުކުރެވި އަވަސް އަރުވާލައިގެން "ފަޓާސް ބަރިއެއްހެން" ބަޖެޓް ފާސްކޮށް ނިންމާލާ ތަނެއެވެ. ބަޖެޓް ބާރަ މިލިޔަނުން ގޮސް ތިރީސް މިލިޔަނަށް ބޮޑުވެގެން ދިޔައިރުވެސް ، ދިރާސާކުރުމަށް މަޖިލިސް މެމްބަރުންނަށް ލިބެނީ ގާތްގަޑަކަށް އެންމެ މަހެކެއެވެ. ބޮޑުވާ ބަޖެޓާއެކު ދިރާސާކުރަން ގިނަ ދުވަސް ލިބޭތަނެއް ނުފެނެއެވެ. މެމްބަރުން އަބަދުމެ ކުރަމުންއަންނަ ޝަކުވާއަކީވެސް މިއެވެ. ބަޖެޓް ދިރާސާކުރަން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ. ކޮންމެ ސަރުކާރުންވެސް ބަޖެޓް ހުށަހަޅަނީ އެންމެ ފަހު ސުންގަޑީގެ ވާހަކައެވެ. ސަރުކާރުން ބަޖެޓް މަޖިލީހަށް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ ނޮވެމްބަރުމަހުގެ އެއްވަނަ ދުވަހެއެވެ. އެހެންކަމުން ފެންނަނީ ކޮންމެ ސަރުކާރަކުން ބަޖެޓަށް މި ދުވަހަށް ހުށަހަޅަން ތިބޭ ތަނެއެވެ. އަވަހަށް ބަޖެޓް ފޮނުވުމުގެ ވިސްނުމެއް ނުގެންގުޅެއެވެ.
މިއީ ކޮންމެ ސަރުކާރަކުން ވިސްނަންޖެހޭ ކަމެކެއެވެ. ބަޖެޓުގަ ޖަހާފައިވާ ޢަދަދަކީ ސީދާ އެކަމަށް އެންމެ އެކަށީގެންވާ އަދަދުތޯ ދިރާސާކުރުމަށް، ބަޖެޓް ފާސްކުރުމުގެ ކުރިން މަޖިލީސް މެމްބަރުންނަށް ވަގުތު ލިބެންއެބަޖެހެއެވެ. ދުނިޔޭގެ ތަހްޒީބު ޤައުމުތަކުގައިވެސް ބަޖެޓް ދިރާސާކުރުމަށް މަދުވެގެން ދެ މަސް ދުވަސް މަޖިލީހަށް ދެއެވެ. އެހެންކަމުން ރާއްޖެއިން މި ކަމަށް ސަމާލުކަންދޭން އެބަޖެހެއެވެ. މަދުވެގެން ދެ މަސްދުވަސް މަޖިލިސް މެމްބަރުންނަށް ބަޖެޓް ދިރާސާ ކުރުމަށް ދޭންޖެހޭއިރު އެކަށިގެންވާގޮތުގައި މިކަންކުރެވޭނީ ސަރުކާރުން ވަގުތު އޮތްވާ ބަޖެޓް މަޖިލީހަށް ފޮނުވައިގެންނެވެ.
މި ސަރުކާރުން ފޮނުވާ ބަޖެޓަކީ މިހާތަނަށް ހުށަހެޅޭ އެންމެ ރަނގަޅު ބަޖެޓަށްވާން އެބަޖެހެއެވެ. އަދި ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރާ ބަޖެޓަކީ މިހާތަނަށް އެންމެ ރަނގަޅަށް ދިރާސާކުރެވި ތައްޔާރުވެގެން ހުށަހެޅޭ ބަޖެޓަށްވާން އެބަޖެހެއެވެ. މިކަން ވާނީ ކުރީ ސަރުކާރުތަކުން ގެންގުޅޭ "ފިނިހަކަ" ސްޕީޑް ދޫކޮށްލާ މި ސަރުކާރުން އަވަސް ބަޖެޓް މަޖިލީހަށް ފޮނުވައިގެންނެވެ. ނޮވެމްބަރު އެކެއް އަންނަންދެން ނުތިބެ އަވަހަށް ދުރާލާ ބަޖެޓް މަޖިލީހަށް ފޮނުވަން އެބަޖެހެއެވެ. ރައްޔިތުންގެ އުއްމީދަކީ މި ސަރުކާރުން ހުރިހާ ކަމެއްގައިވެސް ރައްޔިތުންނަށް ތަފާތު ދައްކާ އުޞޫލުން، ބަޖެޓް އަވަހަށް މަޖިލީހަށް ހުށަހަޅާ ތަފާތު ދައްކާލުމެވެ. ރައްޔިތުންގެ އެދެނީ މި ސަރުކާރުން ފާސްކުރާ ބަޖެޓަކީ، ހުރިހާ ގޮތަކުންވެސް މިހާތަނަށް ފާސްކުރި އެންމެ ރަނގަޅު ރައްޔިތުންނަށް ހުރިހައި ގޮތަކުން މަންފާއާއި ލާބަ ލިބޭނެ ބަޖެޓަކަށް ވެގެން ދިއުމެވެ.