ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ ރަހުމް ކުޑަ ގޮތެއްގައި މަރާލާފައި ވަނީ މީގެ ހަތް އަހަރު ކުރިންނެވެ. އެތައް ހަމަލާއެއްދީ މަރާލާފައި އޮތްވާ ފެނުނީ ދިރިއުޅޭ ގޭގެ ސިޑި ކައިރިންނެވެ.
އެމަރަށް އިންސާފު ނުލިބި ދިގުލައިގެން ދާތާ އެތަށް ދުވަހެއް ވެފައިވާއިރު އެމައްސަލައާއި ގުޅިގެން ދައުވާ އުފުލީ ދެ މީހަކާއި ކުޑަ ކުއްޖަކަށެވެ. ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ހ.ލޮބީ ހުސައިން ހުމާމް މަރަން ދަށު ކޯޓުން އިއްވި ހުކުމަށް ހައިކޯޓާއި ސްޕްރީމް ކޯޓުން ވަނީ ތާއީދު ކޮށްފައެވެ. ސުޕްރީމް ކޯޓުގައި އެމައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރިތަނާހެން ހުމާމް މެރުމަށް އަދި ހުކުމް ނުކުރުމަށް އަފްރާޝީމްގެ ވާރިސުން ވަނީ އެ ކަންކަން ހޯދުމުގެ ކުރިން ހުމާމް މެރުމަށް އިއުތިރާޒުކޮށް ސްޕްރީމް ކޯޓަށް ސިޓީއެއް ވެސް ފޮނުވާފައެވެ. އެކަން ކުރުމަށް ރާވައި ފައިސާ ހަރަދު ކުރި ބަޔަކު ވާކަމަށް ޕޮލިހުން ހާމަކޮށްފައިވާ ކަމަށާއި އެއީ ކޮން ބައެއް ކަމާއި އެ މީހުންނާ ބެހޭ ގޮތުން ކުރެވިފައިވާ ތަހުގީގަކީ ކޮބައިކަމާއި އެފަދަ ބައިވަރު ޝައްކު އުފެދޭ ކަންތައްތައް ހުރުމާއެކު އެ ފަރާތްތައް ހޯދުމަށް ހުސައިން ހުމާމުގެ ބަސް ބޭނުންވާނެ ކަމަށް ގަބޫލު ކުރާތީ އެ ފަރާތްތައް ހޯދައި ތަހުގީގު މުޅިން ނިމެންދެން ހުމާމުގެ މައްޗަށް ގިސާސް ހިފަން ބޭނުމެއް ނުވަނީ ކަމަށް ބުނެފައި ވެއެވެ.
ގާނޫނުގައި އަދި އިސްލާމީ ޝަރީއަތުގައިވާ ގޮތުން ވާރިސުން ދެކޮޅު ހަދައިފިނަމަ މީހަކަށް މަރުގެ އަދަބު ނުވަތަ ގިސާސެއް ނުހިފޭނެއެވެ. އާއިލާއިން އެދިފައިވަނިކޮށް ހުމާމް މެރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ.
އަފްރާޝީމް މަރާލި މައްސަލާގައި ހުމާމްގެ އިތުރުން ދެން ދައުވާ އުފުލި އަލީ ޝާންގެ މައްޗަށް އެ މައްސަލަ ސާބިތު ނުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ. އެމައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ދައުވާކުރުމަށް ފޮނުވާފައިވަނީ ކ.މާލެ، ހ. ހިލްޓަން، އަޒުލީފް ރައޫފް އާއި ކ.މާލެ، މ.ޖަރީމާގެ އަބްދުﷲ ޖާވިދު އާއި ކ.މާލެ، މ.ޖަރީމާގެ، ޝާހިން މުހައްމަދު އަދި ލ. ގަން. ތުނޑި، ނޫއަލި، އާދަމް ޞަލާހު އެވެ. ނަަމަވެސް ޕީޖީއިން އެ ހަތަރު މީހުންނަށް ދައުވާ އުފުލާފައެއް ނުވެއެވެ.
ފުލުހުން ތުހުމަތު ކުރި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ހުމާމާއި ޝާން ބައިވެރިވި ނަމަވެސް އެކަމުގެ އަޑީގައި އެހެން ބަޔަކު ތިއްބެވެ. ފުލުހުންގެ އެ ތުހުމަތަށް ބާރު ލިބެނީ މިސަރުކާރު ވެރިކަމަށް އައިސް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އަފްރާޝީމްގެ މައްސަލައިގެ ވެސް ތަހުގީގު ކޮށް ބައެއް ކަންތައްތައް ހާމަ ކުރުމުންނެވެ. އެ ކޮމިޓީއިން ބުނެފައިވަނީ އަފްރާޝީމް މަރާލި ދުވަހުގެ ހެނދުނު ދެމީހަކު ސީރިއާއަށް ދިޔަ ކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެކަމުގައި ދީނީ ހަރުކަށި ފަރާތްތައް ހިމެނޭކަމަށް ކޮމިޓީން ހާމަ ކޮށްފައިވާއިރު މީގެ ކުރިން ހިނގައިދިޔަ ޔާމީން ރަޝީދުގެ މަރާއި ރިލްވާން ޢަބްދުﷲ ރަހީނުކޮށް މަރާލުމުގައި ބައިވެރިވެފައިވަނީ ހަރުކަށި މީހުން ކަން ހާމަވާ ކަމަށް އެކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވިއެވެ.
އަފްރާޝީމް މަރުގެ މައްސަލައިގެ ތަހުގީގުގެ 90 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. އެމައްސަލައިގެ ތަހުގީގު ވަރަށް އަވަހަށް ނިމިގެންދާނެކަން ރައީސް ހާމަކުރެއްވީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. އެއާއެކު އަފްރާޝީމްގެ އާއިލާ އާއި ރައްޔިތުން އަދިވެސް ތިބީ އިންސާފު ގާއިމުވެގެންދާނެ ކަމުގެ އުންމީދުގައެވެ.