ކ. މާލެ
|
24 ސެޕްޓެންބަރ 2019 | އަންގާރަ 18:44
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ގޫގުލް
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފެށުން: ބޮޑެތި ހުރިހާ ކްލަބަކަށް ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާ!
މި މުބާރާތަކީ ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް

ޔޫރަޕުގައި ކުޅެވޭ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ފުޓުބޯޅަ މުބާރާތްކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގު ފަށައިފައިވާއިރު ބޮޑެތި ހުރިހާ ކްލަބަކުން މި މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ކުޅުމުގެ ތެރެއިން ރާމޯސް

ރެއާލް މެޑްރިޑް

މުބާރާތުގެ ޗެމްޕިއަންކަން 13 ފަހަރު ހޯދައިފައިވާ ޔޫރަޕްގެ ގަދަ ބާރު މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ހިތްދަތި ގޮތަކަށް ވަނީ ބަލިވެފައެވެ. ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަތުން ރެއާލް މެޑްރިޑް ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ރެއާލް މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވުމާއި އެކު މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ޓީމުގެ ކުޅުންތެރިންގެ އިތުރުން ކޯޗަށް ފާޑު ކިޔަމުންނެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ޒިދާން ވަނީ މީސް މީޑިއާގައި މީހުންކީ ފާޑަށް ރައްދުދީފައެވެ. ޒިދާން ބުނީ މެޗަކުން ބަލިވުމުން އަދި މުބާރާތް ނިމުނީކީ އެއް ނޫން ކަމަށާއި ރެއާލް އަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ މޮޅު ކްލަބްކަން ސާބިތުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން ޒިދާން ބުނީ މީހުން ކިޔާ ފާޑު ކިޔުން އޭނާ އަޑު ނާހާނެ ކަމަށާއި އޭނާ ވިސްނާނީ ދެން އޮތް މެޗުތައް ކާމިޔާބުކޮށް މި މުބާރާތުން ރަނގަޅު ނަތީޖާއެއް ނެރެން ކަމަށެވެ.

ލިވަރޕޫލް އަދި ނަޕޯލީ ބައްދަލު ކުރި މެޗުގެ ތެރެއިން

ޗެމްޕިއަން ލިވަރޕޫލް

އެންމެ ފަހުގެ ޗެމްޕިއަން ލިވަރޕޫލް މިއަހަރުގެ މުބާރާތާއި ކުރިމަތިލީ ވެސް މި މުބާރާތް ކާމިޔާބު ކުރުމަށެވެ. ނަމަވެސް ޗެމްޕިއަން ލިވަރޕޫލް ވަނީ އިޓަލީގެ ނަޕޯލީ އަތްދަށުވެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. މި މެޗުން ލިވަރޕޫލް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުން ބަލިވި ނަމަވެސް ލިވަރޕޫލުން ވަނީ މެޗުގައި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

ލިވަރޕޫލްގެ ކޯޗު ކްލޮޕް ބުނީ މެޗުން ލިވަރޕޫލް ބަލިވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށާއި ކުރިޔަށް އޮތްތާ އެކަން ރަނގަޅު ކުރާނެ ކަމަށެވެ. އަދި މެޗުގައި ލިވަރޕޫލް ދެއްކި ކުޅުމަށް ކްލޮޕް ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން ކްލޮޕް ބުނީ މެޗުގައި ލިވަރޕޫލްގެ ކުޅުންތެރިން އެންމެ ފަހުވަގުތާއި ހަމައަށް ވެސް މަސައްކަތް ކޮށްފައި ވާކަމަށާއި ކުރިޔަށް ހުރި މެޗުތައް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ.

ބާސެލޯނާ އަދި ޑޯރޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ބާސެލޯނާ

ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެއްވަރު ވެގެން ނިމިގެންދިޔައިރު ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ބާސެލޯނާގެ މިއަހަރުގެ އަމާޒަކީ އެޓީމު ވާދަކުރާ ހުރިހާ މުބާރާތެއް ކާމިޔާބުކުރުން ކަމަށް ބުނެފައެވެ. ބާސެލޯނާއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ޖަރުމަނުގެ ޑޯޓްމަންޑް އާއި ދެކޮޅަށް ނިކުތް އިރު މި މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު މީޑިއާ އަށް ދިން އިންޓަރވިއުގައި ބާސެލޯނާގެ ކޯޗު ވަލްވާޑޭ ބުނީ ޗެމްޕިއަންސް ލީގުގެ ފެށުން މިދިޔައީ އެންމެ ބޭނުންވި ގޮތަށް ނޫންކަމަށާއި ނަމަވެސް އުންމީދަކީ މި މުބާރާތުގެ ކުރިޔަށް ހުރު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ތަށި ހަވަނަ ފަހަރަށް ކާމިޔާބު ކުރުން ކަމަށެވެ.

ޔުވެންޓަސް އަދި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުވެންޓަސް އަދި އެތްލެޓިކޯ މެޑްރިޑް

ޔުވެންޓަސް އަދި އެތްލެޓިކޯގެ ކުރިމަތި ލުމަކީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ އެންމެ ފޯރި ގަދަ މެޗުކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ. މިއަހަރުގެ ޗެމްޕިއަންސް ލީގުގައި މި ދެޓީމުގެ ކުރިމަތިލުމަކުން ފެށިގެންދިޔައިރު މި މެޗު ވެސް ވެގެންދިޔައީ މި މެޗުވެސް ވެގެންދިޔައީ މީހުން ބަލާ ހިތްވާފަދަ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗަކަށެވެ. އެގޮތުން މި މެޗުގައި ޖުމްލަ ހަތަރު ގޯލު ފެނިގެންދިޔައެވެ.

އެގޮތުން މެޗުގައި ފުރަތަމަ ލީޑު ނަގައިފައި ވަނީ ޔުވެންޓަސްއެވެ. ޔުވެންޓަސް އިން މެޗުގައި ދެ ލަނޑު ޖަހައިފައިވަނިކޮށް އެތްލެޓިކޯއިން ވަނީ ފަހަތުން އަރާ ދެ ލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗު ބުނީ މެޗު ފެށިގެން ލީޑު ލިބުމުން މެޗުން މޮޅުވާނެ ކަމަށް ހީކުރި ކަމަށާއި ނަމަވެސް މި މެޗަކީ އުނދަގޫ މެޗެއްކަން މާކުރިން ވެސް އިނގޭ ކަމަށާއި ކުޅުންތެރިން ކުރި ބުރަ މަސައްކަތައް އެކުޅުންތެރިންނަށް ޝުކުރު ހައްގު ކަމަށެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ހަފްތާގެ މެޗުތައް ނިމިފައިވާއިރު މި ހަފްތާ ވެގެން ދިޔައީ ފޯރިގަދަ މެޗުތަކެއް ފެނިގެންދިޔަ ހަފްތާއަކަށެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގަކީ އެންމެ ގިނަ ބަޔަކު ބަލާ މުބާރާތެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ލިވަރޕޫލެވެ. އަދި އެންމެ ފަހުގެ ރަނަރަޕް ޓީމަކީ އިނގިރޭސިވިލާތުގެ ޓޮޓެންހަމެވެ.

- ކޮމެންޓް