މިހާރު އެންމެ ގަދަޔަށް ސޯޝަލް މީޑިއާގައި ވެސް ދެކެވެމުން ދާ އެއް ވާހަކަޔަކީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވާހަކައެވެ. މެމްބަރު ޖާބިރުގެ އަތުން ދަރަންޏަށް 29 މިލިއަން ނަންގަވާ، ޚިޔާނާތްތެރިވި ވާހަކަޔެވެ. ޖާބިރު އަށް ރައީސް މައުމޫން ބޭވަފާތެރިވި ވާހަކައެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ ޑީއާރްޕީން, މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ހުށަހަޅާފައިވާ 29 މިލިއަންގެ މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގު ބަޔާން ދިނުމަށް ހޯމަ ދުވަހުގެ ރޭ 20:00 އަށް ޝަހީދު ހުސެން އާދަމް ބިލްޑިންގއަށް އެ ޕާޓިގެ ލީޑަރު އަބްދުﷲ ޖާބިރު ހާޒިރުވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޓްވީޓު އެ ޕާޓިގެ ރަސްމީ ޓްވީޓާރ ޕެޖުން ޓްވީޓު ކުރީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ކަންވީ ކިހިނެއްތޯ؟ މި ސުވާލު ގިނަ ބަޔެއްގެ ހިތުގައި އުފެދުނު ކަން ޔަގީނެވެ.
މި ފައިސާގެ މުއާމަލާތް ހިނގާ ދިޔަ ގޮތަކީ ސުވާލު ކުރުމުން ޖާބިރު ވަނީ ރާއްޖެއެމްވީ އާއި ކަންހިނގާދިޔަ ގޮތް ހިއްސާކުރައްވާފައެވެ.
ޖާބިރު ވިދާޅުވީ އެ ދުވަސްވަރަކީ ރައީސް މައުމޫންއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެމެދު މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއް ކަމަށެވެ.
ހަމަ އެ ދުވަސްވަރަކީ އެއީ ރައީސް މައުމޫންއާއި ރައީސް ޔާމީނާއި، އެ ދެބޭފުޅުން ދޭތެރޭގައި ވަރަށް ހޫނު ބަހުސް، އަދި ވަރަށް ގިނަ ކަންކަންވެ، ޚާއްސަގޮތެއްގައި ޑީއާރުޕީން، އަދި އޭރުގައި ދެން، ސިޔާސީ ގޮތުން ޕީޕީއެމުން މައުމޫން އޮފްލޯޑް ކޯށްލީ ޔާމީން. އަދި ވަރަށް ހުތުރު ބަހުން މައުމޫންއާއި މުޚާތަބުކޮށް، ފާރުގައި ވެސް ލިޔެ، އޮފީހުގައި ވެސް ވަރަށް މައުމޫނަށް ވަރަށް އިހާނެތިކޮށް، ފުލުހުންވެސް ފޮނުވާ، މައުމޫނަށް ދެން އިއްޒަތް ކުޑަ ކުރާ ގޮތަކަށް ޔާމީނު ކަންތައް ކުރެއްވީއަބްދުﷲ ޖާބިރު
ޖާބިރު ވިދާޅުވީ އެ ދުވަސްވަރު ރައީސް މައުމޫން ޖާބިރު އަށް ގުޅުއްވާ، ބައްދަލު ކުރައްވަން ބޭނުންފުޅުވާ ވާހަކަ ވިދާޅުވިކަމަށެވެ. ނަމަވެސް ބައްދަލު ކުރައްވަން ބޭނުންފުޅުވަނީ މާލޭގައި ނޫން ކަމަށްވެސް ވިދާޅުވި ކަމަށެވެ. އަދި މި ބައްދަލު ކުރުން ބޭއްވުނީ އަނބިކަނބަލުން ދިޔާނާ ސައީދުއާއި އެކު މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
މައުމޫނު ދެން އޭރުގައި އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވި، އަޅުގަނޑާއި ބައްދަލު ކުރުމަށް ބޭނުމޭ. މާލެއަކުން ނޫނޭ ބައްދަލު ކުރާނީ، ކުއަލަލަމްފޫރުންނޭ. ދެން ތިމަންނާމެން، ތިމަންނައާއި ފާރިޝްއާއޭ. ތިމަންނަމެން ދާނީ ވަކި ފްލައިޓެއްގައޭ. ޖާބިރުއާއި ދިޔާނާއާއި، ދެން ވަޑައިގަންނަވާށޭ.އަބްދުﷲ ޖާބިރު
ބައްދަލު ކުރެއްވުމުގެ ތެރެއިން ދެކެވުނު ވާހަކަތައް ހިއްސާ ކުރައްވަމުން ޖާބިރު ވިދާޅުވީ ޑިމޮކްރެސީ އަށް ކުރާ މަސައްކަތަށް އެހީވުމަށް ފައިސާގެ އެހީ ދިނުމަށް އެދި ލެއްވި ކަމަށެވެ.
އެބޭފުޅާ ވިދާޅުވި، ޑިމޮކްރެސީއަށްޓަކައި ތިމަންނަ ކުރާ މަސައްކަތަށް އެހީތެރިވެދިނުމަށްޓަކައި 3 މިލިއަން ޔޫއެސް ޑޮލަރު. ދެން އަޅުގަނޑު ބުނިން އަޅުގަނޑަށް ދެވޭނީ މިހާރު 2.9 މިލިއަންއަބްދުﷲ ޖާބިރު
ޖާބިރު ވިދާޅުވީ ރައީސް މައުމޫންއަށް ދެއްވި ފައިސާތައް އަނބުރާ އިންޓްރެސްޓާއި އެއްކޮށް ދެއްވާނެ ކަމަށް ވިދާޅުވިކަމަށެވެ. ރައީސް މައުމޫން އަށް ސިޔާސީ ގޮތުން ލިބިލައްވާ ކޮންމެ ފައިސާގެ 50 އިންސައްތަ ޖާބިރު އަށް ދެއްވާނެ ކަމުގެ ޔަގީންކަން އެރުވިކަމަށް ޖާބިރު ވިދާޅުވިއެވެ. ނަމަވެސް ފަހުން ރައީސް މައުމޫންއަށް ގުޅާލުމުން ފޯނުވެސް ނުނަންގަވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ދެން މައުމޫން ވިދާޅުވި، އަޅުގަނޑުގެ ލާރި އަޅުގަނޑަށް ދޭނަމޭ. އަދި އިންޓްރެސްޓުވެސް ދޭނަމޭ. މިހާރު 50 ހާސް މިލިއަން އަށް އޭތި އަރައިގެން ހިނގައްޖެ. ދެން ފަހުން މައުމޫން އަށް ގުޅާގުޅާ ނުވެސް ނެގި. އަދި މައުމޫން ވިދާޅުވި ސިޔާސީ މަސައްކަތުން ތިމަންނައަށް ލިބޭ ކޮންމެ އެއްޗެއްގެ 50 ޕަސެންޓް ދޭނަމޭ. އެވެސް ނުދިން. އެކައްޗެއްވެސް އަޅުގަނޑަކަށް ނުދިންއަބްދުﷲ ޖާބިރު
ޖާބިރު ވިދާޅުވީ މި ސަރުކާރު ގެނައުމަށްޓަކާ އެންމެ ބޮޑު ހަރަދެއް ކުރީވެސް، އަދި އެންމެ ބޮޑު ގެއްލުމެއްވެސް ލިބުނީ އޭނާއަށް ކަމަށެވެ.
މިކަން ފާހަގަ ކުރައްވާ ޖާބިރު ވިދާޅުވީ، ރައީސް މައުމޫން އަށް ފައިސާ ނުދިނުމަށް ރައީސް ޔާމީނު ވިދާޅުވި ކަމަށެވެ. އަދި ދެއްވައިފިނަމަ "ހޭ އަރުވާލާނެ" ކަމަށް ވިދާޅުވި ކަމަށެވެ. ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް ފައިސާ ދިން މައްސަލައިގައި އޭނާއަށް ރާއްޖެ ނާދެވޭ ގޮތްވެސް ހެދި ކަމަށެވެ.
އޭރުގައި ޔާމީނު ބުނި މައުމޫނަށް ހަރަދު ނުކުރާށޭ. އެހެންނޫނީ ޖާބިރަށް ހޭއަރުވާލާނަމޭ. އެހެން ބުނީވެސް. ހޭއަރުވާލިތާ. އަޅުގަނޑު ކުންފުނީގައި ހުރި ހުރިހާ މުދާތަކެއް އޭނަ ފްރޯޒްކޮށްފި. އެކައުންޓްސް ފްރޯޒްކުރި. ޕާސްޕޯޓު ފްރީޒް ކުރި.އަބްދުﷲ ޖާބިރު
ޖާބިރު ވިދާޅުވީ ރައީސް މައުމޫންއަށް ދެއްވި ފައިސާއިން ކުރެއްވީ ކޮން މަސައްކަތެއް ކަމެއް ވެސް އެނގިނުލައްވާ ކަމަށެވެ. ކުރީގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޖިލީހުން "ބޭރުކުރުމަށް" ފައިސާ ދެއްވީ ކިތައް މެމްބަރުންނަށް ކަމެއް ވެސް އެނގި ނުލައްވާ ކަމަށެވެ.
މައުމޫން އޭގެއިން ކުރީ ކޮން ސިޔާސީ މަސައްކަތެއް ތޯ، ކާކަށް ކޯއްޗެއްތޯ ދިނީ، ކިތައް މެމްބަރުންތޯ ގަތީ، މެމްބަރުން ގަނެގެންތޯ މަސީހު ބޭރުވީ، އެ އަޅުގަނޑަކަށް ނޭނގެ.އަބްދުﷲ ޖާބިރު
އަބްދުﷲ މަސީހު މަޖިލީހުން "ބޭރު ކުރި" ވާހަކަޔަށް އަލި އަޅުވާލަމުން ޖާބިރު ވިދާޅުވީ މަސީހު ބޭރު ކުރުމަށް ކުރި މަސައްކަތް ކުރުމަށް ސަރުކާރު ހިންގާ ކޯލިޝަން އުފެއްދެވީ ވެސް ޖާބިރު ކަމަށެވެ.
ދެން މައުމޫން އަބްދުލް ގައްޔޫމްއަކީ މި ކޯލިޝަންގެ މީހެއްކަން އަޅުގަނޑަށް އެނގެނީ އަޅުގަނޑުތާ މައުމޫނާއި މި އެންމެންނާއި ގުޅުވީވެސް. އެހެންނޫންނަމަ ކިހިނެއްތޯ އެ ނެގޯޝިއޭޝަން ކުރެވޭނީވެސް ފުރަތަމަ. އަޅުގަނޑު ރައީސް މައުމޫންއާއި ރައީސް ނަޝީދުއާއި މިހާރު މިހިނގާ ކޯލިޝަންއޭ ތިކިޔާ އެއްޗެއް ފުރަތަމަ ޕާލިމެންޓުގައި މަސީހު، ވާހަކަޔަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ބޭރުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމަށްޓަކައި ފުރަތަމަ ކޯލިޝަން އުފެއްދީ އަޅުގަނޑު. އެހެންމަ އަޅުގަނޑު އެ ނެހޯޝިއޭޓް ކުރީއަބްދުﷲ ޖާބިރު
ރައީސް މައުމޫން ވިދާޅުވަމުން މި ތުހުމަތު ތައް ދޮގު ކުރެއްވި ނަމަވެސް ރައީސް މައުމޫނަށް ލޯނެއް ދެއްވި ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި އޭގެ އެމަނިކުފާނަށް ކުރެވުނު ގަދަރު ގެއްލުނީވެސް މި ސަބަބާއި ހުރެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ކިނބިގަސްދޮށުގެ ޖާބިރުއަށް ދެއްވަން ޖެހޭ ކަމަށެވެ. ނުދެއްވާނަމަ އެ މައްސަލައިގައި ގޮޅިއަށް ދާން ތައްޔާރުކަމަށް ވެސް ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ރައީސް މައުމޫން ފަދަ ސިޔާސީ ކަންކަން ކުރެއްވުމުގައި މަކަރާއި ހީލަތް ހައްދަވާ ބޭފުޅުން އުޅެގެން ނުވާނެ ކަމަށެވެ.
މި ދެންނެވުނީ މެމްބަރު ޖާބިރުގެ ދުލުން ކަން ހިނގާދިޔަ ގޮތެވެ. މިހާރު އަޅުގަނޑުމެން އިންތިޒާރު ކުރަމުން ގެންދަނީ މި މައްސަލަ ނިމިގެންދާނެ ގޮތަކަށެވެ. ހޯމަ ދުވަހުގެރޭ ފުލުހުންނަށް ބަޔާން ދިނުމަށްޓަކާ ދެބޭފުޅުން ވެސް ޝަހީދު ހުސެން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް އެންގުމުން ބަޔާން ދެއްވުމަށް ވަޑައިގެންނެވުނީ ޖާބިރު އަށް އެކަންޏެވެ. މިކަމާ ކޯފާ އިސްކުރައްވާ ބަޔާން ނުދެއްވާ ވަޑައިގެންނެވި ކަމުގައި ވީނަމަވެސް އުއްމީދު ކުރަނީ އިންސާފުވެރިގޮތަކަށް މި މައްސަލަ ނިމިގެންދިއުމަށެވެ.